ޖެމްކިއުއަކީ ޕިރަމިޑް ސްކީމެއްކަން، ސްކޭމެއްކަން ދެނެގަނެވިއްޖެ: ފުލުހުން

ޖެމްކިއުއަކީ އޮޅުވާލައިގެން ހިންގާ ސްކީމެއްކަން ދެނެގަނެވިފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިހެން ބުނެފައިވަނީ ސީއެމްޑީއޭއާއި ފުލުހުން ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައެވެ. އެ ނޫސްބަޔާނުގަ...

15 Jun 2025 | 18:20

ޖެމްކިއުއަކީ އޮޅުވާލައިގެން ހިންގާ ސްކީމެއްކަން ދެނެގަނެވިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ ސީއެމްޑީއޭއާއި ފުލުހުން ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ފުލުހުން ބުނެފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތުން، ބޭރު ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ އަލީގައި، ޖީއެމްސީއީ ނުވަތަ ޖެމްކިއޫގެ ނަމުގައި ހިންގަމުންދާ ސްކީމަކީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއްކަން ވަނީ ކަށަވަރު ކުރެވިފައިވާކަމަށާއި، މި ސްކީމްގައި އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑިންގ ކުރާ ކަމަށް ދެއްކި ނަމަވެސް، އެއީ އޮޅުވާލުމެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

"ޖީއެމްސީއީ ނުވަތަ ޖެމްކިއުގެ ނަމުގައި ވެބް އެޕްލިކޭޝަނެއް މެދުވެރިކޮށް ހިންގަމުންގެންދާ އިންވެސްޓްމަންޓް ސްކީމަކީ އިންވެސްޓް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން، އިންޓަރނެޓް މެދުވެރިކޮށް ހިންގާ އޮންލައިން ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމުގައި ބައިވެރިވާ ފަރާތްތަކަށް ޔޫއެސްޑީޓީ ނަމަކަށް ކިޔާ ޑިޖިޓަލް ފައިސާ (ކްރިޕްޓޯކަރަންސީ) ބޭނުންކޮށްގެން އިންވެސްޓްކުރެވެއެވެ. އިންވެސްޓަރުންނަށް ކޮންމެ ދުވަހަކު، އެ ފަރާތެއްގެ އިންވެސްޓްމަންޓް ދަރަޖަ (ޓިއަރ ލެވެލް) އަށް ބިނާކޮށް، ޕްލެޓްފޯމުގައިވާ ވަކި ބަޓަނަކަށް ފިތާލުމުން، އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީގެ އެހީގައި ކްރިޕްޓޯ ގްރިޑް ޓްރޭޑިންގ ކުރާކަމަށް ދައްކުވައިދެއެވެ. މި ސްކީމްގައި އިންވެސްޓްކުރާ އެންމެ ދަށް އިންވެސްޓްމަންޓްގެ 2.5 އިންސައްތައިގެ ފައިދާ (ރިޓާން އޮން އިންވެސްޓްމަންޓް) ލިބޭކަމަށް ދައްކުވައިދެއެވެ. އަދި އިންވެސްޓަރުންގެ ދަރަޖަ (ޓިއަރ) މަތިވުމާއެކު މި ނިސްބަތް އިތުރުވާ ގޮތަށް މި ސްކީމް ފަރުމާ ކުރެވިފައިވެއެވެ." ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ އިންވެސްޓްމަންޓް ފަންޑް ރަޖިސްޓްރީކޮށްގެން ހިންގުމާ ބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މިފަދަ އިންވެސްޓްމަންޓް ސްކީމްތައް ހިންގަންވާނީ ކެޕިޓަލ މާކެޓް ޑިވެލޮޕްމަނޓް އޮތޯރިޓީ (ސީއެމްޑީއޭ) ގައި ރަޖިސްޓްރީކޮށް، ހުއްދަ ނަގައިގެން ކަމަށާއި އެހެންނަމަވެސް، މަތީގައި ބަޔާންކުރެވުނު ޖީއެމްސީއީ ނުވަތަ ޖެމްކިއޫގެ ނަމުގައި ހިންގާ ސްކީމަކީ ސީއެމްޑީއޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ސްކީމެއް ނޫނެވެ. އެހެންކަމުން މި ސްކީމަކީ ގާނޫނީ ހަމަތަކުގެ ތެރެއިން ހިންގާ ސްކީމެއް ނޫންކަން އެނގޭ ކަމަށެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 319 ވަނަ މާއްދާގެ ދަށުން، މިފަދަ ޕިރަމިޑް ސްކީމުގެ ބައިވެރިވުމުގެ ހައްގު ވިއްކާލުމަކީވެސް ގާނޫނީ ގޮތުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަމަލެއްކަން މި ފުރުސަތުގައި ހަނދާންކޮށްދޭ ކަމަށެވެ.

ޓެކްނޮލޮޖީއާއެކު ތައާރަފްވަމުންދާ މިފަދަ ޕިރަމިޑް ސްކީމްތަކުގައި އިންވެސްޓް ނުކުރުމަށް އިލްތިމާސްކޮށް ފުލުހުން ބުނެފައިވަނީ އާޓިފިޝަލް އިންޓެލިޖަންސް ފަދަ އެންމެނަށް ފަރިތަނޫން ބަސްތައް ބޭނުންކޮށްގެން އޮޅުވާލައިގެން ހިންގާ އިންވެސްޓްމަންޓް އެޕްލިކޭޝަންތައް އިންޓަރނެޓުގައި ގިނަވަމުންދާ ދުވަސްވަރެއްގައި ރަނގަޅަށް، ދިރާސާނުކޮށް، ބުރަ މަސައްކަތުން ރައްކާކޮށްފައިވާ ފައިސާ މިފަދަ ސްކީމްތަކުގައި އިންވެސްޓްކުރުމުގެ ސަބަބުން، އިއާދަނުކުރެވޭފަދަ މާލީ ބޮޑެތި ގެއްލުންތަކާ އެތައް ބަޔަކަށް ވަނީ ކުރިމަތިލާން ޖެހިފައިވާކަމަށާއި އެހެންކަމުން، މިފަދަ ސްކީމްތަކުން ދުރުހެލިވެ ރައްކާތެރިވެ ތިބުމަށް ތަކުރާރުކޮށް ދަންނަވާކަމަށެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއާއި ދިވެހި ފުލުހުންގެ ހިދުމަތުން ގުޅިގެން މި މައްސަލަ މިގެންދަނީ ބޭރުގެ އެޖެންސީތަކުގެ އެހީތެރިކަމާއެކު ތަހުގީގު ކުރަމުން އަންނަ ކަމަށާއި އަދި މި ސްކީމް ހިންގައި، ޕްރޮމޯޓްކޮށް އަދި އޭގައި ބައިވެރިވުމަށް މީހުން ހޯދުމުގައި ޝާމިލުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށ ކުރަންޖެހޭ މަސައްކަތް ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ އާއި ދިވެހި ފުލުހުން ކުރަމުން ގެންދާނެ ވާހަކަ ދަންނަވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް