ހޫތީން އިރާނާާ ގުޅިގެން އިސްރާއީލަށް މިސައިލް ހަމަލާއެއް ދީފި

ޔަމަނުގެ އިރާނުގެ އެއްބާރުލުން ލިބިގެންވާ ހޫތީ ހަނގުރާމަވެރިން އާދީއްތަ ދުވަހު އިރާނާ ގުޅިގެން އިސްރާއީލަށް ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މިއީ އެ ދެ ފަރާތުން އެކުގައި ހަނގުރާމައިގެ އޮޕަރޭ...

15 Jun 2025 | 06:30

ޔަމަނުގެ އިރާނުގެ އެއްބާރުލުން ލިބިގެންވާ ހޫތީ ހަނގުރާމަވެރިން އާދީއްތަ ދުވަހު އިރާނާ ގުޅިގެން އިސްރާއީލަށް ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މިއީ އެ ދެ ފަރާތުން އެކުގައި ހަނގުރާމައިގެ އޮޕަރޭޝަނެއް ހިންގިކަން ޢާންމުކޮށް އިޢުލާނުކުރި ފުރަތަމަ ފަހަރެވެ.

ޓީވީން ދެއްކި ޚިޠާބެއްގައި، ހޫތީ ސިފައިންގެ ޚަބަރު ފަތުރާ ފަރާތް ކަމުގައިވާ ޔަޙްޔާ ސަރީޢާ ބުނި ގޮތުގައި އެ ގްރޫޕުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުގެ މެދުތެރޭގައިވާ ޖާފާއަށް ހަމަލާތައް އަމާޒުކޮށްފައިވެއެވެ. އޭނާ ބުނި ގޮތުގައި މި ހަމަލާތައް ދީފައިވަނީ "އަނިޔާ ލިބެމުންދާ ފަލަސްޠީނު އަދި އިރާނުގެ ރައްޔިތުންނަށް" އެހީތެރިވުމުގެ ގޮތުންނެވެ. އޭނާ ބުނި ގޮތުގައި މި ހަމަލާ ދީފައިވަނީ އިރާނުން އިސްރާއީލަށް ދިން މިސައިލް ހަމަލާތަކާ ސީދާ ގުޅުވައިގެންނެވެ.

އިސްރާއީލުގެ ސިފައިން ކަށަވަރުކުރި ގޮތުގައި އިރާނާއި ޔަމަނުން ދޫކުރި މިސައިލްތަކާ ގުޅިގެން ގިނަ ސަރަޙައްދުތަކެއްގައި މިސައިލް ސައިރަންތައް ޖައްސާފައިވެއެވެ. ހުކުރު ދުވަހު ޔަމަނުން ދޫކުރި މިސައިލެއް އިސްރާއީލު އޮކިއުޕައިކޮށްފައިވާ ވެސްޓް ބޭންކުގެ ހެބްރޯންއަށް ވެއްޓުނު ކަމަށް ރިޕޯޓުކުރެވުނެވެ. ނަމަވެސް އެ ހާދިސާއަށް ހޫތީން ޒިންމާ ނަގާފައެއް ނުވެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިސްރާއީލު-ހަމާސް ހަނގުރާމަ ފެށުނީއްސުރެ، ހޫތީން ވަނީ ޣައްޒާއަށް އެއްބާރުލުން ދިނުމުގެ ގޮތުން އިސްރާއީލަށް ތަކުރާރުކޮށް ހަމަލާތައް އަމާޒުކޮށްފައެވެ. އެހެނަސް އެމީހުން ދޫކުރި ގިނަ މިސައިލްތައް ވަނީ އިންޓަރސެޕްޓްކޮށްފައެވެ. މިކަމަށް ރައްދު ދިނުމުގެ ގޮތުން އިސްރާއީލުން ވަނީ ހަމަލާތަކެއް ދީފައެވެ. އަދި އެމެރިކާއިން ވެސް ހޫތީންނާ ދެކޮޅަށް ހަމަލާ ދީފައިވެއެވެ. ނަމަވެސް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ވާސިލުވުމާ ގުޅިގެން ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި މި ހަމަލާތައް ހުއްޓާލެވުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް