މިއަދު އަރަފާތުގައި ހޫނުމިން ހުންނާނެކަމަށް ލަފާކުރެވެނީ ދިވެހިން އާއްމުގޮތެއްގައި ތަޖުރިބާ ނުކުރާ މިންވަރެއްގައި ކަމުގައި ދިވެހި ޙައްޖު މިޝަނުން ބުނެފިއެވެ.
ރޭގައި ދިވެހި ޙައްޖުވެރިން މިނާއިން ފުރުމުގެ ކުރިން، ޙައްޖުވެރިން ސަމާލުކަން ދެއްވަންޖެހޭ ކަންކަމާގުޅޭ ގޮތުން ޙައްޖު މިޝަންގެ ޑެޕިއުޓީ ޑިރެކްޓަރ، ޑޮކްޓަރ އަޙްމަދު އަސްލަމް ޢަބްދުﷲ ދެއްވި އިންޓަރވިއުގައި ވިދާޅުވީ އަރަފާތުގައި ހޫނުމިން ހުންނާނެކަމަށް ލަފާކުރެވިފައިވަނީ 48 ޑިގްރީ ސެލްސިއަސްގައި ކަމަށެވެ.
" މީ ދިވެހިން އާންމުކޮށް ތަޖުރިބާ ނުކުރާ މިންވަރުގެ ހޫނުމިނެއްކަމަށް ވާތީވެ ވަރަށް ބައިވަރު ކަންތައްތަތަކަށް ދިވެހި ޙައްޖުވެރިން ސަމާލުކަން ދެއްވަންޖެހޭ، ގިނަ ގިނައިން ފެން ބޭނުންކުރަން ޖެހޭ" އޭނާ ވިދާޅުވެފައިވެއެވެ.
ޙައްޖު މޫސުން ފެށިގެން ކުރިއަށްދާއިރު ފަރުބަދަތައް ހިމެނޭ ބައެއް ސަރަހައްދުތަކުގައި ޖައްވުގައި އިހުސާސް ކުރެވޭ ހޫނުމިން 72 ޑިގްރީ ސެލްސިއަސް އަށް އުފުލިދާނެކަމުގައި ސަޢޫދީ އަރަބިއްޔާގެ ޞިއްޙަތާއިބެހޭ ވުޒާރާއިން އިއްޔެ ބުނެފައިވެއެވެ. އެ އެ ވުޒާރާއިން ބުނެފައިވަނީ އަވީގެ ދިލަ ހޫނަށް ގިނަ އިރު ހުށަނޭޅޭނެހެން ސަމާލުވުމަށް އިލްތިމާސްކުރާކަމަށެވެ.
ހޫނު އެންމެ ގަދަވާނެކަމަށް ލަފާކޮށްފައިވަނީ ހެނދުނު 11:00 އިން މެންދުރުން އަނބުރާ 03:00 އާއި ދެމެދުގެ ވަގުތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް