އޮޕަރޭޝަން ކުރަނގި: މާފުށިން 805 ބިދޭސީއެއްގެ މައުލޫމާތު އެއްކޮށްފި

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ދާޚިލީ ވުޒާރާއާއި ފުލުހުން އަދި އިމިގްރޭޝަން އިން ފަށާފައިވާ "އޮޕަރޭޝަން ކުރަނގި" މާފުށީގައި ކުރިއަށް ގެންގޮސް އެރަށުގައި ދިރިއުޅޭ 805 ބިދޭސީނ...

15 Jun 2024 | 07:27

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ދާޚިލީ ވުޒާރާއާއި ފުލުހުން އަދި އިމިގްރޭޝަން އިން ފަށާފައިވާ "އޮޕަރޭޝަން ކުރަނގި" މާފުށީގައި ކުރިއަށް ގެންގޮސް އެރަށުގައި ދިރިއުޅޭ 805 ބިދޭސީންގެ މައުލޫމާތު ނަގައިފިއެވެ.

މާފުށީގައި މި އޮޕަރޭޝަން ފަށާފައިވަނީ މި މަހު 13 ވަނަ ދުވަހުއެވެ. މިގޮތުން މިހާތަނަށް މާފުށީގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން 805 ބިދޭސީއެއްގެ ބަޔޮމެޓްރިކް ޑާޓާ ނަގައި އެ މައުލޫމާތު ބަލައްޓާ ސިސްޓަމަށް އަޕްލޯޑުކޮށްފައިވެއެވެ.

ޢީދު ބަންދަށް އޮޕްރޭޝަން ކުރަނގި މެދުކަނޑާލުމަށް ފަހު ދެން މި އޮޕަރޭޝަން ފަށާނީ، ޢީދު ބަންދަށް ފަހުގައި ކަމަށް ދާޚިލީ ވުޒާރާއިން ވަނީ ބުނެފައެވެ .

ސަރުކާރުން އެއް އަހަރު ދުވަސް ތެރޭގައި ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއް ވިއު ގައެއްގައި ފެންނަ ގޮތަށް މައުލޫމާތު އެއް ކުރުމަށް އަމާޒުކޮށް ފަށާފައިވާ މި އޮޕަރޭޝަން މިހާތަނަށް ދެ ރަށެއްގައި ކުރިއަށް ގެންދެވިފައި ވެއެވެ. މި އޮޕަރޭޝަން ފަށާފައިވަނީ ކ.ހިންމަފުށީގައެވެ. މި އޮޕަރޭޝަން ހިންމަފުށީގައި ކުރިއަށް ގެންގޮސްފައިވަނީ މެއި މަހު ދެ ވަނަ ދުވަހުއެވެ. މިގޮތުން މޭ މަހު 2 އަކުން ފެށިގެން އެ މަހުގެ 19 ވަނަ ދުވަހާއި ހަމައަށް އެ އޮޕަރޭޝަން ކުރިއަށް ގެންދެވުނު އިރު، 500 އަށް ވުރެން ގިނަ ބިދޭސީންގެ މައުލޫމާތު ހިންމަފުށިން ނަގާފައިވެއެވެ.

ގަވާއިދާ ޚިލާފަށް ބިދޭސީން ރާއްޖޭގައި މަސައްކަތް ކުރާ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން މި ސަރުކާރުން ފަށާފައި މިވާ އޮޕަރޭޝަންއިން ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންނަކީ ގާނޫނީ އިމުގެ ތެރެއަށް ވެއްދިފައި ތިބި ބައެއް ކަން ކަށަވަރު ވާނެކަމަށް ދާޚިލީ ވުޒާރާއިން ބުނެއެވެ. މި އޮޕަރޭޝަންގެ ތެރެއިން ގާނޫނާ ޙިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭންސީންނަށް ގާނޫނަށް ވަނުމުގެ ފުރުސަތު ދެވޭނެ ކަމަށް ދާޚިލީ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ. އަދި ގާނޫނުގެ އިމުގެ ތެރެއަށް ވަންނަން ބޭނުން ނުވާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލެވޭނެ ކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް