އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތު ދިނުމާއި ފައިސާ ލޯންޑާކުރިކަމުގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ އެމްޕީ ޔޫސުފް ނައީމްގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް އަވަސްކޮށްދިނުމަށް ރައީސް ޔާމީން އެދިވަޑައިގެންފިއެވެ.
ރައީސް ޔާމީން މިކަމަށް އެދިލެއްވީ އިސްތިއުނާފް މައްސަލައިގާ މިއަދު ބޭއްވި އަޑުއެހުމުގައެވެ.
އެގޮތުން ރައީސް ޔާމީން އެދިލެއްވީ ތަންކޮޅެއް ވަގުތު ދިގުކޮށް، ތަންކޮޅެއް ގިނަގިނައިން އަވަސް އަވަހަށް ގެންގޮސްދެއްވުމަށެވެ.
"ތަންކޮޅެއް ވަގުތު ދިގުކޮށް، ތަންކޮޅެއް ފްރިކުއެންޓްކޮށް، އަވަސް އަވަހަށް ގެންގޮސްދެއްވައިފިއްޔާ ޝުކުރުވެރިވާނަން" ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން ކޯޓުގައި އެއްދުވަހު 13 ގަޑިއިރު ހެކިބަސް ނެގުން ކުރިއަށްގެންދިޔަކަން ފާހަގަކުރައްވައި، މިއަދުވެސް ޔޫސުފް ނައީމްގެ ފަރާތުން ހުށަހެޅި އިސްތިއުނާފްގެ ހަތަރު ނުކުތާއާއި ބެހޭގޮތުން ދައުލަތުން ޖަވާބުދިނުމާއި ގުޅޭގޮތުން ދެފަރާތުގެ ވާހަކަދެއްކުން ކުރިއަށް ގެންދިއުމުން އެކަމާވެސް ރައީސް ޔާމީން ޝަކުވާ ކުރެއްވިއެވެ. އެކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ މި މައްސަލައަކީ ސީދާ އެމަނިކުފާނާ ގުޅޭ މައްސަލައެއް ނަމަވެސް އަދިވެސް އެމަނިކުފާނުގެ ފަރާތުން ހުށަހެޅުންތަކަށް ފުރުސަތު ނުލިބި ލަސްވާކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ޖޫރިމަނާ އެއްކޮށް ހުކުމް އިއްވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މެދު ތެރޭގައި އެވެ. އަދި ރައީސް ޔާމީންގެ މައްޗަށް އިއްވާފައި ވަނީ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގައެވެ.
މި ދައުވަގައި ހިމެނޭ 52 މިލިއަންރުފިޔާ އިން ޖޫރިމަނާ ކުރަން ކޮށްފައިވާ ހުކުމް ޔާމީންގެ ފަރާތުން އިސްތިއުނާފް ކޮށްފައި ވާއިރު މިމައްސަލާގައި ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމް ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް