ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދޭ މާލީ އެހީގެ މިންވަރު މުރާޖައާ ކުރައްވައި، އިތުރު އިނާޔަތްތަކެއް ދެއްވުމަށް ރައީސް ސޯލިހް ނިންމަވާފައިވާއިރު އެކަމުގެ ތަފްސީލުތައް މިއަދު ހާމަކުރަން ސަރުކާރުން ތައްޔާރުވެއްޖެއެވެ.
އެގޮތުން އެ ބަދަލުތައް އިއުލާނުކުރެއްވުމަށް މިއަދު 11 ޖަހާއިރު ނޫސްވެރިންގެ ބައްދަލުވުމެއް ކުރިއަށްދާނެކަން ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.
ނޫސްވެރިންގެ އެ ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް، އައިޝަތު މުހައްމަދު ދީދީއާއި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދާއި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ސީއީއޯ މަރިޔަމް ޝަފީގްގެ އިތުރުން އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިސްމާއިލް އައްޒާމް ވަޖީހް ބައިވެރިވެލައްވާނެކަމުގައިވެސް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.
ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދޭ މާލީ އެހީއަށް ބަދަލު ގެންނެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ނިންމެވިކަން ހާމަކުރެއްވީ އަންގާރަ ދުވަހުގައެވެ.
އަންގާރަދުވަހު ރައީސް އޮފީހުން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ނިންމެވީ، ހާއްސަ އެހީއަށް ބޭނުްވާ ފަރާތްތަކަށް ދެވޭ މާލީ އެހީ މުރާޖަޢާކުރެއްވުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްއިން ހުށަހެޅުއްވި ކަރުދާހަށް އެދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާކުރެއްވުމަށްފަހު، އެ މަޖިލީހުގެ ލަފާފުޅުގެމަތިންކަމަށެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް، މާލީ އެހީގެ ގޮތުގައި މަހަކު 2,000 ރުފިޔާ ދެއްވަން ފަށްޓަވާފައި ވަނީ މީގެ 12 އަހަރުކުރިންނެވެ. މިއީ އެހީ ދޭންފެށި ފަހުން މި އެހީ މުރާޖަޢާކުރެވޭ ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް