ގްރީސްގެ ބޭރުން ހިޖުރަވެރިންތަކެއް ގޮވައިގެން ދަތުރުކުރަމުންދިޔަ ބޯޓެއް ފެތި 79 މީހަކު މަރުވެ އެތައް ސަތޭކަ ބަޔަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ބައެއް މަސްދަރުތަކުން ބުނާގޮތުގައި ދިގު މިނުގައި ގާތްގަނޑަކަށް 30 މީޓަރު ހުންނާނެ ކަމަށް ބެލެވޭ އެ ބޯޓަކީ ލީބިޔާއިން ފުރައިގެން އިޓަލީއާއި ދިމާއަށް ދަތުރުކުރަމުންދިޔަ ބޯޓެކެވެ. އެ ބޯޓުގައި 750 ޕަސިންޖަރުން ތިބޭނެކަމަށް ބެލެވޭއިރު އޭގެތެރޭގައި މިސްރު، ސޫރިޔާ އަދި ޕާކިސްތާނަށް ނިސްބަތްވާ ހިޖުރަވެރިން ތިބޭނެކަމަށް ބައެއް މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.
އެ ބޯޓު ގްރީސްގެ ރަށްބޭރަށް ފެތުނުކަން އެނގިފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ގްރީސްގެ ކަމާއިބެހޭ ފަރާތްތަކުން ކުރަމުން އަންނައިރު އެތައް ސަތޭކަ ބަޔަކު ގެއްލިފައިވާނެކަމަށް ބެލެވިފައިވެއެވެ.
ރިޕޯޓްތައް ބުނާގޮތުގައި އިއްޔެގެ އިރު އޮއްސުމާއިހަމައަށް 100 އަށްވުރެ ގިނަ މީހަކު ސަލާމަތްކޮށްފައިވާއިރު ގެނބުނު 79 މީހެއްގެ ހަށިގަނޑު ވަނީ ހޯދާފައެވެ. އެތައް ސަތޭކަ ބަޔަކު ގެއްލިފައިވާނެކަމަށްބަލައި ރޭގައިވެސް އެމީހުން ހޯދުމުގެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވެއެވެ.
ދާހިލީ ހަނގުރާމަތަކާއި ފަގީރުކަމާއި ނިކަމެތިކަމުގައި ދިރިއުޅުން ކަޑައްތުކުރަން ދަތިވެ، އެއް ގައުމުން އަނެއް ގައުމަށް ވަގަށް ހިޖުރަކުރުން މި ފަހަކަށްއައިސް ވަނީ ވަރަށް ބޮޑަށް އާންމުވެގެން ގޮސްފައެވެ. އަދި މިގޮތަށް ވަގަށް އެއް ގައުމުން އަނެއް ގައުމަށް ހިޖުރަކުރުމުގައި ސަލާމަތީ ގޮތުން ރައްކާތެރި ނޫން އަދި އުޅަނދުތަކަށް ނުތަކާ ވަރަށް ޕަސިންޖަރުން އުފުލާއިރު މިފަދަ ހިތާމަވެރި ހާދިސާތައް ހިނގަމުން އަންނަ މިންވަރު އަންނީ އިތުރުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް