ލާމު ފޮނަދޫގައި މިހާރު ކުރިޔަށް ދާ އެންމެ އަގު ބޮޑު ފުޓްސަލް މުބާރާތް ކަމުގައިވާ ” ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް 2023″ ގެ ގުރޫޕް ސްޓޭޖު މެޗުތަކުގެ ކުޅުން ނިމި މުބާރާތުގެ ކުއާޓާ ފަައިނަލަށް ދަތުރުކުރި ޓީމުތައް ކަށަވަރު ވެއްޖެއެވެ.
ގުރޫޕު ސްޓޭޖުގެ އެންމެ ފަހު މެޗުތައް އަންގާރަ ދުވަހުގެ ރޭ ކުޅެފައިވާއިރު، ކުއާޓާގެ ޖާގަތައް ކަށަވަރުކުރި ޓީމުތަކަކީ،
ކަންމަތި އެފްސީ، ކަންމަތި އެސްސީ، އައުޓްރީފް އެސްސީ، ގޯޅިއަންސް، ރަސްހިންނެ ޑިޓްރޮއިޓްސް، ބީގީ ސްޕޯޓްސް ކުލަބު، ގޯޅި އެސްސީ އަދި ނެވަގިވަޕްއެވެ.
މީގެ ތެރެއިން އެއްވެސް މެޗަކުން ބަލިނުވެ ގުރޫޕު ސްޓޭޖުގައި ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބު ކޮށް ސައްތައިންސައްތަ ރެކޯޑަކާއިއެކު 9 ޕޮއިންޓު ހޯދައިގެން މުބާރާތުގެ ކުއާޓާއަށް ދަތުރު ކުރީ ގޯޅި އެސްސީ އާއި އައުޓްރީފް އެސްސީއެވެ.
ޓީމުތައް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ގޮތް:
ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދިޔަ ރަސްހިންނެ ޑިޓްރޮއިޓްސް އަދި ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދަތުރުކުރި ގޯޅިއަންސް އަށް ޕޮއިންޓު ލިބިފައިވަނީ އެއްވަރަކަށެވެ. އެއީ މީގެން ކޮންމެ ޓީމަކުން ވެސް ގުރޫޕު ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވެފައިވަނީ ދެ މެޗުންނެވެ. އަނެއް މެޗު ވަނީ އެއްވަރުވެފައެވެ. އެހެންކަމުން ރަސްހިންނެ ޑިޓްރޮއިޓްސް އަށް ގުރޫޕުގެ އެއްވަނަ ލިބިފައިވަނީ ފައިދާ ގޯލުންނެވެ.
ގުރޫޕު ބީ އަށް ބަލާއިރު، މި ގުރޫޕުން އައުޓްރީފް އެސްސީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓާއި އެކު ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ އަށް ދިޔައިރު، މި ގުރޫޕުން ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދިޔައީ ނެވަގިވަޕްއެވެ. އެޓީމުން ކުއާޓާގެ ޖާގަ ހޯދީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބު ކޮށް އެއް މެޗުން ބަލިވެ ހަ ޕޮއިންޓާއި އެކުގައެވެ.
ގުރޫޕް ސީ އަށް ބަލާއިރު، ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެ ނުވަ ޕޮއިންޓާއި އެކު ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ގޯޅި އެސްސީ ކުއާޓާ އަށް ދިޔައިރު، ތިން މެޗުން ހަ ޕޮއިންޓު ލިބިގެން އެ ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާއިން ޖާގަ ހޯދީ ކަންމަތި އެސްސީއެވެ. އެޓީމު ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން ވަނީ ބަލިވެފައެވެ.
ގުރޫޕު ޑީ އަށް ބަލާއިރު، އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދިޔައީ ކަންމަތި އެފްސީއެވެ. އެޓީމު ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗުން ބަލިވެ ލިބިފައިވަނީ ހަ ޕޮއިންޓެވެ. މި ގުރޫޕުން ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާއިން ޖާގަ ހޯދި ބީޖީ ސްޕޯޓްސް ކުލަބާއި ފުލުގައި އޮތް ބެސްޓް ބޯއީސް އަށް ވެސް ލިބިފައިވަނީ އެއް ޕޮއިންޓެވެ. ކުޅުނު ތިން މެޗުގެ ތެރެއިން ކޮންމެ ޓީމެއްވެސް ދެ މެޗުން ބަލިވެ، އެއް މެޗުން ވަނީ އެއްވަރުވެފައެވެ. ބީޖީ ސްޕޯޓްސް ކުލަބަށް ކުރި ލިބި ކުއާޓާއިން ފުރުސަތު ލިބުނީ ގޯލުގެ ފަރަގުންނެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގެ މެޗުތަކުގެ ކުޅުން ބުދަ ދުވަހުގެ ރޭ ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ކުއާޓާގެ މެޗުތައް ކުޅެން ހަމަޖެހިފައިވާ ގޮތައް ބަލާއިރު، ކުއާޓާގެ ހަތަރު މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ބުދަދުވަހުގެ ރޭގައެވެ.
ކުއާޓާގެ މެޗުތައް ކުޅެން ހަމަޖެހިފައިވާ ގޮތް:
- 20:00 / ކަންމަތި އެސްސީ - ކަންމަތި އެފްސީ
- 21:00 / އައުޓްރީފް އެސްސީ - ގޯޅިއަންސް
- 22:00 / ރަސްހިންނެ ޑިޓްރޮއިޓްސް - ބީޖީ ސްޕޯޓްސް ކުލަބް
- 23:00 / ގޯޅި އެސްސީ - ނެވަގިވަޕް
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް