މިސަރުކާރުން ރާއްޖޭގެ ޢުމުރާނީ ތަރައްޤީ، ވަކިން ޚާއްޞަކޮށް ފަތުރުވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުމުގެ މަސައްކަތް ހަލުވިކޮށްފައިވާ ކަމަށް ރައީސުލްޖުމުހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކްރޮސްރޯޑްގައި ފެށި "ޔޫއެންޑަބުލިޔުޓީއޯ ގްލޯބަލް ސަމިޓް އޮން ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް" ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސް ވިދާޅުވީ މިދިޔަ ތިން އަހަރާއި ބައިގެ ތެރޭގައި 426 ޓޫރިޒަމް ފެސިލިޓީ ހުޅުވައި، ބެޑް ކެޕޭސިޓީ ގާތްގަނޑަކަށް 14،000 އެނދު އިތުރުކޮށްފައިވާ ކަމަށެވެ. އަދި 2023 ވަނަ އަހަރު ނިމުމުގެ ކުރިން ފަތުރުވެރިިކަމުގެ ޚިދުމަތްދޭ އިތުރު 22 ތަނެއް ހުޅުވޭނެކަމަށް ލަފާކުރެއްވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިހާރުވެސް 107 ރިޒޯޓެއްގެ މަސައްކަތް އެކި މަރުޙަލާތަކުގައި ކުރިޔަށްދާކަން ފާހަގަކުރައްވައި، އެތަންތަން ތަރައްޤީކޮށް ނިމޭއިރު 5000 އެނދު އިތުރުވެގެންދާނެ ކަމަށް ނައިބު ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.
ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށާއި، އިޤުތިޞާދަށް ލިބެމުން އައި ގެއްލުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވިދާޅުވީ ރާއްޖޭގެ އިޤުތިޞާދު އިޢާދަކޮށް ގެއްލުންތަކުން އަރައިގަތުމަށް މަގުދައްކަވައި، ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންދަވަނީ ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ކަމަށެވެ.
މީގެ އިތުރުން އިޤުތިޞާދު އިޢާދަކޮށް ހަރުދަނާ ކުރުމަކީ ގޮންޖެހުންތައް ބޮޑު ކަމެއް ކަމަށާއި، އެންމެން ޝާމިލްވާ ތަރައްޤީއަށްޓަކައި އެންމެ މަތީ ދަރަޖައަށް ފަތުރުވެރިކަމުގެ ސިނާޢަތުގެ ޤާބިލްކަން އިތުރުކުރަން ޖެހޭކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް