ރައްކާ ރޯޑް ސޭފްޓީ ޕާޓްނަޝިޕް އެއްބަސްވުމުގައި ސޮއިކޮށްފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާއި ޝީޝާ ޕްރައިވެޓް ލިމިޓެޑް އަދި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ "ރައްކާ ރޯޑް ސޭފްޓީ ޕާޓްނަޝިޕް" އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތާއ...

15 Jun 2022 | 09:34

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާއި ޝީޝާ ޕްރައިވެޓް ލިމިޓެޑް އަދި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ "ރައްކާ ރޯޑް ސޭފްޓީ ޕާޓްނަޝިޕް" އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތާއެކު ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް މިއަދު މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ތަފާތު އެކި ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވެއެވެ.

އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ފުލުހުންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްއެވެ.

އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ. ޝީޝާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އިބްރާހީމް ހުޝާމްއެވެ. އަދި އެލައިޑް އިންޝުއަރެންސް ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ އިބްރާހީމް ފިރުޝާންއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް ދެއްކެވި ވާހަކަފުޅުގައި، ދިވެހި ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންނާ ގުޅިގެން ދެވޭ ޚިދުމަތެއް ކަމާ އަދި މިހާތަނަށްވެސް މަސައްކަތްކޮށްފައިވާނީ ރައްޔިތުންނާ ގުޅިގެން ޚިދުމަތް ދިނުމަށް ކަމުގައި ވިދާޅުވިއެވެ.

މީގެކުރިން ޓްރެފިކް ފުލުހުން މަގުމަތިން ހުއްޓުވި ކޮންމެ ތިން ސައިކަލަކުން އެއް ސައިކަލަކީ ގަވާއިދާ ހިލާފަށް ދުއްވި ސައިކަލެއް ކަމަށް މަންނާން ވިދާޅުވިއެވެ.

އަދި މަގުމަތީގައި ސައިކަލު ދުއްވާއިރު ޤަވާއިދާ އެއްގޮތަށް ދުއްވުމަކީ މުހިންމުކަމެއް ކަމުގައި ފާހަގަކުރައްވާ ޤަވާއިދާ ހިލާފަށް މަގުމަތީގައި ސައިކަލު ދުއްވުމުގެ ސަބަބުން ގެއްލުންވަނީ ހަމައެކަނި ދުއްވާ މީހާއަށް ނޫންކަމަށާއި ޤަވާއިދާ އެއްގޮތަށް ދުއްވާ މީހާއަށްވެސް އެކަމުގެ ގެއްލުންވާ ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން، އެކްސިޑެންޓްތައް މަދުކުރުމާއި އެކްސިޑެންޓްތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް މަސައްކަތްކުރުމަށް ފުލުހުންގެ ޚިދުމަތުން

ސަމާލުކަންދޭނެކަމުގައި މަންނާންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އެގޮތުން ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައިވެސް ރޯޑް ސޭފްޓީ ހިމަނައި، މަސައްކަތްތަކެއް ކުރަމުންދާކަމަށް ވިދާޅުވިއެވެ. އަދި މުޅި ރާއްޖެއަށް ރައްކާގެ ޕްރޮގްރާމްތައް ހުޅުވާލާނެ ކަމަށާއި އެކްސިޑެންޓްތައް ސުމަކަށް ހެދުމުގެ ވިސްނުން ގެންގުޅޭކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުން، ރޯޑް ޕޮލިސްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު އަޒްހާން، އެމްޓީސީސީ، ޝީޝާ، އަދި އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ އިސް މުވައްޒަފުންނާ އަދި ރޯޑް ޕޮލިސްގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް