ރާއްޖޭގައި ކޮވިޑް ފެތުރޭމިންވަރު އިތުރުވެފައި ވާތީ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފައިވާތީވެ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ފިޔަވަޅުތައް ވަރުގަަދަކޮށްފިއެވެ.
އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ވަނީ ހޮސްޕިޓަލަށްދާ ބަލިމީހުންނާއި ބަލިމީހުންގެ އެހީތެރިންނާއި އަދި އެކި ބޭނުންތަކުގައި ހޮސްޕިޓަލަށް ޒިޔާރަތް ކުރާ ފަރާތްތައް ހޮސްޕިޓަލަށް ވަންނައިރު މިއަދުން ފެށިގެން މާސްކް އެޅުމަށް އަންގާފަ އެވެ.
މީގެ އިތުރުން އައިޖީއެމްއެޗުން ވަނީ ކޮވިޑު ފެތުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގައި ހުރިހާ ފަރާތްތަކަކުން އެއްބާރުން ދިނުމަށް އެދިފައެވެ.
އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ ހަފްތާގައި އެކަނި ކޯވިޑް ޖެހިގެން 142 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެއީ ކުރީ ހަފްތާއާ އަޅާ ބަލާއިރު 69 ޕަސެންޓްގެ އިތުރުވުމެކެވެ.
މެއި މަހުގެ ތެރޭގައި މުޅި ރާއްޖެއިން އެޑްމިޓްކުރީ އެންމެ 15 މީހުން ކަމަށް ވިޔަސް މިމަހުގެ މިހާތަނަށް 11 މީހަކު އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހުނު ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އެެހެންވެ ކޮވިޑްގެ ހާލަތު ގޯސްވިޔަ ނުދިނުމަށްޓަކައި ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން އިލްތިމާސްކުރި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް