ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާ ސަފީރުކަމުގެ މަޤާމަށް ޑީއާރުޕީގެ ކުރީގެ ލީޑަރު އަދި ކުރީގެ ހޯމް މިނިސްޓަރު އަހުމަދު ތަސްމީން އަލީ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
ސިންގަޕޫރުގައި ހުންނަވާ ސަފީރުކަމަށް ތަސްމީނު އައްޔަން ކުރުމަށްޓަކައި ރުހުން ހޯއްދެވުމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ރައްޔިތުންގެ މަޖިލީހަށް މިއަދު ސިޓީފުޅެއް ފޮނުއްވާފައެވެ.
އެގޮތުން ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާ ސަފީރުކަމަށް، ތަސްމީނު އައްޔަނުކުރަން ނިންމަވާފައި ވަނީ، މިހާރު އެ މަޤާމުގައި ހުންނެވި އިބްރާހިމް ޝަހީބުގެ ބަދަލުގައެވެ.
މީގެ އިތުރުން ރައީސް ޞާލިހް ވަނީ މެލޭޝިއާގައި ހުންނަވާ ދިވެހި ސަފީރު ކަމަށް އަލީ ހުސައިން ހަމަޖެއްސެވުމަށް ނިންމަވާ،
އިންޑިއާގައި މިވަގުތު ހުންނެވި ދިވެހި ސަފީރުގެ މަގާމަށް ފޮރިން މިނިސްޓްރީގެ ކުރީގެ ޗީފް އޮފް ޕްރޮޓޮކޯލް އިބްރާހިމް ޝަހީބް ހަމަޖެއްސުމަށް ވެސް ނިންމަވާފަ އެވެ.
ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާ ސަފީރުކަމަށް ތަސްމީން ހަމަޖައްސަވަން މަޖިލީހަށް ރުހުން ހޯއްދެވުމަށް ފޮނުއްވި އިރު، 2019 ވަނަ އަހަރުން ފެށިގެން މެލޭޝިއާ ސަފީރުގެ މަޤާމުގައި ހުންނެވީ ތަސްމީންގެ އަނބިކަނބަލުން ވިސާމް އަލީއެވެ. ނަމަވެސް އެ ކަމަނާ ވަނީ މިދިޔަ އޭޕްރިލް މަހު އެ މަޤާމުން އިސްތިއުފާދެއްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ފޮނުވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް