ވައިގެ ތެރޭގައި ދެ މަތިންދަބޯޓު ނުޖެހި ހަނިގޮތަކަށް ސަލާމަތް ވެއްޖެ

ސްރީލަންކަން އެއާލައިންސްގެ މަތިންދާ ބޯޓަކާއި ބްރިޓިޝް އެއާވޭސްގެ މަތިންދާ ބޯޓެއް ވައިގެ ތެރޭގައި ނުޖެހި ހަނިގޮތަކަށް ސަލާމަތް ވެއްޖެ އެވެ. މި ހާދިސާ ހިނގަން އުޅުނީ ތުރުކީގެ ވައިގެ ސަރަހައްދުގައި އެވެ...

15 Jun 2022 | 06:08

ސްރީލަންކަން އެއާލައިންސްގެ މަތިންދާ ބޯޓަކާއި ބްރިޓިޝް އެއާވޭސްގެ މަތިންދާ ބޯޓެއް ވައިގެ ތެރޭގައި ނުޖެހި ހަނިގޮތަކަށް ސަލާމަތް ވެއްޖެ އެވެ.

މި ހާދިސާ ހިނގަން އުޅުނީ ތުރުކީގެ ވައިގެ ސަރަހައްދުގައި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ސްރީލަންކަން އެއާލައިންސްއިން ދަތުރު ކުރަމުން ދިޔައީ އިނގިރޭސިވިލާތުގެ ލަންޑަންގެ ހިތުރޯ އެއާޕޯޓުން ސްރީލަންކާގެ ކޮލަމްބޯއަށެވެ. 275 މީހުން ގޮވައިގެން ދަތުރު ކުރި އެ ބޯޓު ތުރުކީގެ ވައިގެ ސަރަދަށް ވަތް އިރު ދަތުރު ކުރަމުން ދިޔައީ 33،000 ފޫޓް އުހުގައި އެވެ.

އެ ގައުމުގެ ވައިގެ ސަރަހައްދަށް ވަނުމާއި އެކު ތުރުކީގެ އެއާޓްރެފިކް ކޮންޓްރޯލުން ވަނީ 35،000 ފޫޓް މައްޗަށް އަރަން އަންގައިފަ އެވެ. އެއާ ޓްރެފިކް ކޮންޓްރޯލުން އެގޮތަށް އެންގި އިރު އެ އުސްމިނުގައި އެ ބޯޓާއި 15 މޭލު ދުރުން ބްރިޓިޝް އެއާވޭސްގެ މަތިންދާ ބޯޓެއް ދަތުރު ކުރަމުންދާކަން ސްރީލަންކަންގެ ފްލައިޓުގެ ރާޑަރަށް އޮތީ އެނގިފައި އެވެ.

އެހެން ފްލައިޓެއް އެ އުސްމިނުގައި ދަތުރު ކުރަމުންދާކަން ފްލައިޓުން އެއާޓްރެފިކް ކޮންޓްރޯލަށް އެންގުމުން ދެ ވަނަ ފަހަރު ބެލުމަށް ފަހުވެސް ތުރުކީ އެއާޓްރެފިކް ކޮންޓްރޯލުން ސްރީލަންކަންގެ ފްލައިޓަށް އެންގީ އެ އުސްމިނުގައި އެހެން ފްލައިޓެއް ދަތުރުކުރާކަން ފެންނަން ނެތް ކަމަށާއި މައްޗަށް އެރުމަށެވެ.

އެތަނުން ދެ ވަނަ ފަހަރަށް އެންގުމުން ވެސް ސްރީލަންކަންގެ ފްލައިޓް މައްޗަށް ނާރައި އަނެއްކާވެސް އެދުނީ އަލުން ޗެކްކުރުމަށެވެ. އެހެންވެ އޭގެ ދެތިން މިނެޓް ފަހުން އެއާޓްރެފިކް ކޮންޓްރޯލުން ވަނީ މައްޗަށް ނޭރުމަށާއި އަރަން އެންގި އުސްމިނުން އެހެން ބޯޓެއް ދަތުރުކުރާ ކަމަށް އަންގައިފަ އެވެ.

ބްރިޓިޝް އެއާވޭސްގެ ބޯޓަކީ ހީތުރޯ އިން ޔޫއޭއީގެ ދުބާއީ އާއި ސިންގަޕޫރަށް ދަތުރު ކުރަމުންދިޔަ ބޯޓެކެވެ. ރިޕޯޓުތައް ބުނާގޮތުގައި ބްރިޓިޝް އެއާވޭސްގެ ބޯޓު ދަތުރު ކުރި ސްޕީޑު ބާރު ކަމުން އެއާޓްރެފިކް ކޮންޓްރޯލުން އެންގި ގޮތަށް ސްރީލަންކަންގެ ފްލައިޓުން އަމަލު ކުރި ނަމަ ދެ ބޯޓު އެކްސިޑެންޓުވުމުގެ ފުރުސަތު އޮންނާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް