ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތައް ލިބުނު މީހުންނާއި އެކު އަންނަ މަހު އެއްބަސްވުމުގައި ސޮއި ކުރަން ފަށާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި14 ވަނަ ދުވަހު ކަމަށެވެ. އަދި އުންމީދު ކުރަނީ މަހެއްގެ ތެރޭގައި ހުރިހާ ފަރާތްތަކާއި އެގްރިމެންޓު ކޮށް ނިންމާލެވޭނެ ކަމަށެވެ.
މަބްރޫކް ވިދާޅުވީ ހިޔާ ފްލެޓުތަކުގެ އިލެކްޓްރިކް މީޓަރު ހަރުކުރުމާއި އިމާރާތްތަކުގައި މެއިން ޕެނަލް ހަރުކުރުމުގެ މަސައްކަތް ސްޓެލްކޯ އިން މިހާރު ކުރަމުންދާ ކަމަށެވެ. މީޓަރުތައް ހަރު ކުރުން ޖުލައި 16 ހިސާބުގައި ނިމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ފްލެޓުތައް ހަވާޅު ކުރުމަށް ފަހު އެތަންތަން ހަދަން ތިން މަސް ވަންދެން ކުލި ދައްކާކަށް ނުޖެހޭނެ އެވެ. ހިޔާ ފްލެޓުތައް ލިބުނު މީހުންނާއި ހަވާލު ކުރާއިރު އެއްވެސް ފްލެޓެއްގައި ފާހާނާގައި ދޮރުފަތް ހަރުކޮށްފައި ނުހުންނަ އިރު ތަށިމުށި ޖަހައި ފަންކާ އާއި ލައިޓުތަކާއި ފްލެޓުގައި ކުލަ ލާން ޖެހެނީ ފްލެޓު ލިބޭ ފަރާތުންނެވެ. ތިން މަހަކީ އެ މަސައްކަތްތައް ކުރުމަށް ދޭ މުއްދަތެކެވެ.
ފްލެޓުތަކުގެ ކުއްޔަކީ މަހަކު 7،500 ރުފިޔާ އެވެ. އަދި ފްލެޓު ސާވިސް ފީގެ ގޮތުގައި 1،000 ރުފިޔާ ދައްކަންޖެހެ އެވެ. އެޗްޑީސީން ބުނީ ޑައުން ޕޭމަންޓު ނުދައްކާ ފްލެޓަށް ވަދެވޭނެ ކަމަށާއި ކުލި ބަހާލާފައިވަނީ 25 އަހަރު ތެރޭގައި ދައްކާގޮތަށް ކަމަށެވެ.
ފްލެޓުތައް ލިބުނު ފަރާތްތަކަށް ހަވާލު ކުރަން އަންނަ މަހު ފަށާނެ ކަމަށް ބުނި އިރު އަދި ބައެއް ފަރާތްތަކުގެ ގުރުއަތުލުން ނުބާއްވަ އެވެ. އެ މަސައްކަތް ހުއްޓިފައިވަނީ ކޯވިޑާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް