ފުރަތަމަ ކައިވެނި ރޫޅުނީ ފިރިމީހާ އަނިޔާކުރާތީ: ނުޒޫ

އާއްމުގޮތެއްގައި އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް އެހާބޮޑަށް ހިއްސާ ނުކުރާ ތަރިއެއްކަމަށްވާ ފިލްމީ ތަރި ނުޒުހަތު ޝުޢައިބު (ނުޒޫ) އޭނާގެ ފުރަތަމަ ކައިވެނި ރޫޅުނު ސަބަބު ކިޔައިދެމުން ބުނެފައި ވަނީ، އޭރު...

15 Jun 2021 | 17:25

އާއްމުގޮތެއްގައި އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް އެހާބޮޑަށް ހިއްސާ ނުކުރާ ތަރިއެއްކަމަށްވާ ފިލްމީ ތަރި ނުޒުހަތު ޝުޢައިބު (ނުޒޫ) އޭނާގެ ފުރަތަމަ ކައިވެނި ރޫޅުނު ސަބަބު ކިޔައިދެމުން ބުނެފައި ވަނީ، އޭރުގެ ފިރިމީހާ އަނިޔާ ކުރާތީ ކަމަށެވެ.

ނުޒޫގެ ކުރިން ކައިވެންޏެއްކުރި ކަން ނުވަތަ އެ ކައިވެންޏާ ބެހޭ މައުލޫމާތު ގިނަ ބަޔަކަށް މީގެ ކުރިން ނޭނގިދާނެއެވެ. ސަބަބަކީ އޭރު ނުޒޫ ފިލްމު ކުޅެން ނުފަށާތީއެވެ. ނުޒޫ ދެވަނަ ކައިވެނި ކޮށްފައި ވަނީ ފިލްމީ ދާއިރާއަށް ވަތް ފަހުންނެވެ. އެހެންކަމުން ގިނަ ބަޔަކަށް އެނގޭނީ އެ ކައިވެންޏެވެ.

ނުޒޫގެ ފުރަތަމަ ކައިވެނި ރޫޅުނުގޮތާ ބެހޭގޮތުން ވާހަކަ ދައްކަމުން ނުޒޫ ބުނެފައި ވަނީ، ބައެއް ފަހަރަށް، ކައިވެނި ރޫޅާލުމުން މީހުން ކިޔާފާނެ އެއްޗަކާމެދު ވިސްނާފައި ބައެއް މީހުން ކައިވެނި ދަމަހައްޓާ ކަމަށެވެ. ނަމަވެސް އެގޮތަށް އަނިޔާވެރި ބައިވެރިއަކާ އެކު ދެމިހުންނަ ނަމަ އަމިއްލަ މީހާ 'ހަލާކުވާނެ' ކަމަށް ނުޒޫ ސިފަކުރެއެވެ.

ނުޒޫ ބުނެފައި ވަނީ، އެފަދަ ގުޅުންތަކުގެ ސަބަބުން ތިމާއާއި ތިމާގެ ގާތްމީހުން ހަލާކު ވުމުގެ ބަދަލުގައި އެފަދަ ގުޅުމަކާ ދުރަށް ދިއުން ބުއްދިވެރި ކަމަށެވެ.

މީގެ އިތުރުން ނުޒޫ ވަނި 'ޗީޓް' ކުރާ މީހުނާމެދު ނުޒޫ ދެކޭގޮތް ވެސް ހިއްސާކޮށްފައެވެ. ނުޒޫ ބުނާގޮތުން، ކައިރީގައި އުޅޭ ރައްޓޭހިން ވަރަށް ގިނަ ފަހަރަށް ބައިވެރިޔާ 'ޗީޓް' ކޮށްގެން އުޅޭ ކަމަށެވެ.

އެގޮތުން ފިރިހެނުންނާ ބެހޭގޮތުން ވާހަކަ ދައްކަމުން ނުޒޫ ބުނީ ފިރިހެނުން 'ޗީޓް' ކުރާނެ ކަމަށާއި، އެހެން ނަމަވެސް އެވާހަކަ ނުވަތަ އެފަދަ ކަމެއް ކުރެވުމުން އެކަން ކިޔައިދޭ ނަމަ އެމީހަކާ މެދު ކޮންމެވެސް ވަރަކަށް އިތުބާރު ކުރެވޭނެ ކަމަށެވެ.

އެހެންކަމުން 'ޗީޓް' ކޮށް އެކަން ނޭނކުމަށްވުރެ، އެކަން އެގޮތަށް ކުރެވުނު ވާހަކަ ކިޔައިދީފިނަމަ އެފަދަ މީހުން މާ ރަނގަޅުކަމަށް ރައްޓެހިން ގާތު ވެސް ބުނާކަމަށް ނުޒޫ ބުނެއެވެ. ް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް