ރާއްޖެއިން މިހާތަނަށް ކޯވިޑް-19 ގެ ހަ ވޭރިއަންޓް ފެނިފައިވާ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
ދުނިޔޭގައި ކޯވިޑް-19 ގެ އާ ވޭރިއަންޓުތައް ފެތުރެން ފެށުމާއި އެކު ރާއްޖެއިން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުން ސާމްޕަލް ނަގައި ރާއްޖެއިން ބޭރަށް ޓެސްޓު ކުރަން ފޮނުވާފައިވެ އެވެ. ފުރަތަމަ އެކަން އެންއީއޯސީން ހާމަ ކުރީ މިދިޔަ ޑިސެމްބަރު މަހު ޔޫކޭ ވޭރިއަންޓް ފެތުރެން ފެށުމާއި އެކު އެވެ.
މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖޭގައި ފެތުރެނީ ކޮން ވޭރިއެންޓުތަކެއްތޯ ދެނެގަންނަން ރާއްޖެއިން ބޭރަށް 30 ސާމްޕަލްގެ ތިން ބެޗު ފޮނުވި ކަމަށެވެ. އޭގެ ތެރެއިން ގިނަ ޕޮސިޓިވް ސާމްޕަލްތަކަކީ އިނގިރޭސިވިލާތުގެ ވޭރިއަންޓް އަލްފާއާއި އިންޑިއާގެ ވޭރިއަންޓު ޑެލްޓާ ވޭރިއެންޓު ކަމަށް ވިދާޅުވި އެވެ.
އެގޮތުން ޓެސްޓު ކުރި ޕޮސިޓިވް ސާމްޕަލްތަކުގެ27 ޕަސެންޓަކީ އިން ޑެލްޓާ ވޭރިއަންޓެވެ. އަދި އަލްފާ ވޭރިއަންޓު ހިމެނެނީ20 ޕަސެންޓުގައި އެވެ. މީގެ އިތުރުން ރާއްޖޭގައި ޖީވޭރިއެންޓު 20 ޕަސެންޓު އުޅެ އެވެ.
ޑރ. ނަޒްލާ ވިދާޅުވީ ރާއްޖޭގައި ފެތުރޭ ވޭރިއަންޓު ދެނެގަންނަން ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ. އަދި ކުރިޔަށް އޮތްތާވެސް ޕޮސިޓިވް ސާމްޕަލްތައް ރާއްޖެއިން ބޭރަށް ފޮނުވާނެ ކަމަށް ވިދާޅުވި އެވެ.
މިދިޔަ މަހު ވަރަށް ބޮޑަށް ކޮވިޑް ފެތުރުމަށް ފަހު މިހާރު ދަނީ ކޯވިޑްގެ ކޭސްތައް ދަށް ވަމުންނެވެ. އެގޮތުން އިއްޔެ ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 372 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް