ޖަމާއަތް ނުހަދައި މިސްކިތުގައި ނަމާދު ކުރުމުގެ ހުއްދަ ދީފި

ޖަމާއަތް ނުހަދައި މިސްކިތްތަކުގައި ނަމާދު ކުރުމުގެ ހުއްދަ ދީފި އެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ...

15 Jun 2021 | 12:10

ޖަމާއަތް ނުހަދައި މިސްކިތްތަކުގައި ނަމާދު ކުރުމުގެ ހުއްދަ ދީފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ އަދި ދެވެން ނެތް ކަމަށެވެ. އެކަމަކު މިއަދުން ފެށިގެން މިސްކިތްތަކުގައި އެކަނި ވަކިން ނަމާދު ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

މިސްކިތްތަކުގައި ނަމާދު ކުރުމުގެ ހުއްދަ ދިން ނަމަވެސް ކުރިޔަށް އޮތް ދެ ހަފްތާގައި ފުލުހުންގެ ހުއްދަ ނެތި ބޭރަށް ނުކުމެ އުޅެވޭނީ ފަތިހު 4:00 ން ހެނދުނު 8:00 އަށެވެ. އެނޫން ހުރިހާ ވަގުތެއްގައި ގެއިން ނުކުތުމަށް ފުލުހުން ދޫކުރާ ފަސް ހޯދަން ޖެހެ އެވެ.

މިދިޔަ މަހު ކޯވިޑް ކޭސްތައް އިތުރު ވުމާއި ގުޅިގެން އެޅި ފިޔަވަޅުތަކުގެ ތެރޭގައި މިސްކިތުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުން މާލެ ސަރަހައްދުގައި ވަނީ ހުއްޓާލާފައި އެވެ. އެކަމަކު މީހުން މިސްކިތުގައި ނަމާދު ކުރާތީ އިސްލާމިކް މިނިސްޓްރީން ވަނީ މިދިޔަ މަހު 30 ގައި މިސްކިތްތައް ބަންދުކޮށް ފެން ކަނޑާލާފައި އެވެ.

ފަހުން އާންމުން ޝަކުވާ ކުރަން ފެށުމުން މިސްކިތްތަކުގެ ތަޅު ހުޅުވާފައިވާއިރު ފާހާނާތައް ހުޅުވައި ފެން ދޫކުރި އެވެ.

އެކަމަކު އޭގެ ނަތީޖާއެއްގެ ގޮތުގައި މިސްކިތްތައް ވެގެން ދިޔައީ މަސްތުވާތަކެތި ބޭނުން ކުރާ މީހުން މަސްތުވާން ދާ ތަނަކަށެވެ. އެކަން ސޯޝަލް މީޑިއާގައި ބަޔަކު ހާމަ ކުރުމުން ފުލުހުން ވަނީ މިސްކިތްތަކަށް މީހުން ވަދޭތޯ ބަލަން ފަށާފައި އެވެ.

އެގޮތުން އިއްޔެ ރޭ އެކަނިވެސް 15 މީހުން މަސްތުވެގެންނާއި މަސްތުވާތަކެތި ބޭނުން ކުރަން ތިއްބަ މިސްކިތްތަކުން ނެރެ ހައްޔަރު ކޮށްފައިވެ އެވެ. މީގެ ތެރެއިން ބައެއް މީހުންނަކީ އާންމުން މިސްކިތްތަކަށް ވަދެ ނެރެ ފުލުހުންނާއި ހަވާލު ކުރި މީހުންނެވެ.

ފުލުހުން ބުނީ ހައްޔަރު ކުރި އެންމެންގެ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑު ހުރި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް