އަނދިރި ދައުލަތް ނުވަތަ ހަރުކަށި ފިކުރުގެ މީހުންގެ ހަރަކާތްތައް އެމްޑީޕީ ވެރިކަމަށް އަންނައިރަށް އިތުރުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ.
ޝިފާއު މިހެން ވިދާޅުވީ މުސްލިމަކާ ދިމާލަށް އާންމު ތަނެއްގައި ކާފަރެކޭ ބުނުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ގާނޫނުލް އުގޫބާތަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ އިސްލާހަށް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދައިރާގެ މެމްބަރު ހިސާން ހުސައިންއެވެ.
މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާއު ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އަންނަ އިރަށް ހަރުކަށި ފިކުރުގެ މީހުން ގިނަވާ ސަބަބެއް އޮންނަ ކަމަށެވެ. އެއީ އެ ޕާޓީއަކީ އެއް އިރެއްގައިވެސް، ހަރުކަށި ފިކުރަށާއި އެފިކުރުން ހިންގާ އަމަލުތަކަަށް ތާއީދު ކުރާ ޕާޓީއަކަށް ނުވާތީ ކަމަށް ވިދާޅުވި އެވެ.
ޝިފާއު ވިދާޅުވީ އެމްޑީޕީން ބޭނުންވަނީ، އިސްލާމްދީނުގެ މަތިވެރި ހުދޫދުތަކާއި މިންގަނޑުތައް ކުރިއަށް ނެރެން ކަމަށާއި އެކަމަށް ޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގާނޫނަށް ގެންނާނެ ކަމަށެވެ. ގާނޫނުލް އުގޫބާތަށް ހުށަހަޅާފައި އޮތް އެ އިސްލާހަކީ ތިމާ ހިތްހަމަ ނުޖެހޭ މީހާއާ ދިމާލަށް ކާފަރެކޭ ބުނެ، މަގުމަތިން ހުކުމްކުރުން ހުއްޓުވުމަށް މުހިންމު އިސްލާހެއް ކަމަށް ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއަކީ އެގޮތަށް ނަފުރަތު އުފައްދަމުން ގޮސް ދިން ހަމަލާއެއް ކަމަށެވެ. އަދި އެފަދަ ކަންތައްތަކަށް މި ގައުމުގައި ފުރުސަތު ދެވިގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝިފާއު މި އިސްލާހަށް ތާއީދު ކުރައްވާ ވާހަކަ ދެއްކެވިޔަސް އެމްޑީޕީގެ ބައެއް މެމްބަުންނާއި އިދިކޮޅު އަދި އާންމުންގެ ތެރެއިން ގިނަ މީހުންނާއި ދީނީ އިލްމުވެރިން ދަނީ މި އިސްލާހަށް ފާޑު ކިޔައި އަނބުރާ ނެގުމަށް ގޮވާލަމުންނެވެ. އަދި މި އިސްލާހުގެ ސަބަބުން ރަސޫލާއަށް ފުރައްސާރަ ކުރުމުގެ ފުރުސަތު ފަހިވެ، އިސްލާމް ދީނަށް ފުރައްސާ ކުރާ މީހުން ހިމާޔަތް ކުރެވޭ ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް