މާލޭ ދެ ފިހާރައެއް ފަޅާލިތާ މާގިނަ އިރެއް ނުވެ ވަގަށް ނެގި ތަކެއްޗާއި ހަތަރު ވަގުން ހައްޔަރުކޮށްފި އެވެ.
ރޭ ފަޅާލާފައިވަނީ މާވެޔޮ މަގުގައި ހުންނަ ބެސްޓް ބައި މޯލްޑިވްސްގެ ފޯނު ފިހާރަ އެވެ. މައްޗަންގޯޅީގައި ހުންނަ ޑްރީމްސް މޯބައިލް ފިހާރަ ފަޅާލީ މިމަހުގެ 11 ވަނަ ދުވަހުގެ ރޭ އެވެ. އެ ދެތަނުން ގާތްގަނޑަކަށް މިލިއަނަކަށް ވުރެ އަގުހުރި މުދާ ވަގަށް ނަގާފައިވެ އެވެ.
މީގެ ތެރެއިން ފުލުހުން މިހާތަނަށް ހާމަކޮށްފައިވަނީ ޑްރީމްސް މޮބައިލް ފިހާރަ ފަޅާލައި ވައްކަން ކުރި މީހުންގެ ވަނަވަރެވެ. ފުލުހުން ބުނީ އެ ފިހާރައަށް އެ ދެމީހުން ވަދެފައިވަނީ ފުރާޅު ނަގައިގެން ކަމަށެވެ.
މި މައްސަލައިގަ ހައްޔަރު ކޮށްފައިވަނީ ށ. ބިލެތްފަހި / ކްރެސްޓް، ޢަލީ ފައުޒާންއާއި، ތ. ތިމަރަފުށި / މާފޮޅޭގެ، ޢަބްދުﷲ ސިމާޙުއެވެ. އެ ދެމީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދުގެ މުއްދަތު ޖަހާފައިވެ އެވެ.
އެ އޮޕަރޭޝަނުގައި އެ ދެމީހުންގެ އަތުން ގިނަ އަދަދެއްގެ މޯބައިލް ފޯނާއި ޗާޖަރާއި، ހެޑްސެޓުގެ އިތުރުން މޯބައިލް ފޯނާ ގުޅޭ ތަކެތި ހޯދާފައިވެއެވެ. މިތަކެތީގެ އަގު 280،000 ދިވެހި ރުފިޔާއަށްވުރެ ގިނަ ކަމަށް ފުލުހުން ބުނެ އެވެ.
ރޭވެސް ވައްކަން ކޮށްފައިވަނީ ބެސްޓް ބައި މޯލްޑިވްސްގެ ފޯނު ފިހާރައިގެ ފުރާޅު ނަގައިގެންނެވެ. ރިޕޯޓުތައް ބުނާގޮތުގައި އެ ފިހާރައިން ވައްކަންކޮށްގެން ދިޔަތަން މީހަކުބަލައި އެ ފިހާރައިގެ ވެރިޔާއަށް ވަނީ ރިޕޯޓުކޮށްފައި އެވެ.
އެހެންވެ ފުލުހުންނަށް ގުޅައިގެން އެ މައުލޫމާތު ދިން ފަރާތުން ބުނި ގެއަށް ދިޔަ އިރު ވަގުން ވަރަށް ފަސޭހައިން އަތު ޖެހުނު ކަމަށްވެ އެވެ. އަދި އެމީހުން ވަގަށްނެގި އެއްޗެހީގެ ތެރެއިން ފިހާރައިގަ ބަހައްޓާފައި ހުރި3،000 ރުފިޔާ ނޫން ހުރިހާ ތަކެއްޗެއް ފެނިފައިވެ އެވެ.
މި ދެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް