އާއްމު ތަނެއްގައި މުސްލިމަކަށް ކާފަރެއްގެ ގޮތުގައި ސިފަކުރުން ފަދަ ނަފްރަތުގެ އަމަލު ޖިނާއީ ކުށަކަށް ހެދުމަށް ސަރުކާރުގެ ފަރާތުން، ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން ޤާނޫނުލްޢުޤޫބާތަށް ހުށައެޅި އިޞްލާޙު ބަހުސް މަޖިލީހުގެ ތަޅުމުގައި ފަށައިފިއެވެ.
މަޖިލީހަށް ހިސާން ހުށައެޅުވި ބިލާއި ގުޅިގެން ދީނީ ބައެއް އިލްމުވެރިންނާއި އާއްމުންވެސް ދަނީ މި ބިލާއި މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބިލާއި މެދު ކަންބޮޑުވުން ފަޅުކުރާ ފަރާތްތަކުން ބުނަމުން އަންނަނީ މި ބިލް ފާސްވެއްޖެނަމަ އިސްލާމް ދީނާއި ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް ބޮޑު މިނިވަންކަމެއް ލިބި އެކަން ކުރުމުގެ ފުރުސަތު ފަހިވެގންދާނެކަމަށެވެ. އަދި މިކަމުގައި ސަބަބުން މުޖުތަމަޢުގެ ހަމަޖެހުން ޤާއިމުކުރުމަށް ހުރަސް އެޅުމާއި، އިޖުތިމާޢީ ޙާލަތު އިތުރަށް ގޯސްވެ ޞުލްޙަ މަސަލަސްކަން ގެއްލިދާނެ ބައެއް ކަންކަން ހުރިކަން ވަނީ ފާހަގަކޮށްފައެވެ.
ހިސާން ވިދާޅުވީ އެ ބިލް ޑިޒައިން ކޮށްފައި ވަނީ ހަމައެކަނި ޑިމޮކްރެޓިކް ނިޒާމުތަކަކަށް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ރަސޫލާގެ ހަދީސް ބަސްފުޅުތަކާއި އެ ބަސްފުޅުތަކާ މެދު އިމާމުން ދައްކަވާފައިވާ ވާހަކަފުޅުތަކަށް ރިއާޔަތްކޮށްފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއަދު މި ހުށަހެޅޭ، ގާނޫނުލްއުގޫބާތަށް ގެނެވޭ އިސްލާހަކީ އުސާމަތުގެފާނުގެ ހާދިސާއިން ވިސްނުން ނަގައިގެން ފަރުމާކޮށްފައިވާ ބިލެއް. މި ބިލް ފަރުމާކުރުމުގައި ހަމަ ޔަގީނުން ބަލާފައި ވަނީ ހަމައެކަނި ދުނިޔޭގެ ޑިމޮކްރެޓިކް ނިޒާމުތަކަކަށް ނޫން. މި ބިލް ފަރުމާކުރުމުގައި ބަޔާންވެ ދިޔަ ހަދީސް ބަސްފުޅުތަކާ ގުޅިގެން ބޮޑެތި އިމާމުންގެ ބަސްފުޅުތަކަށް ވަނީ ރިއާޔަތް ކުރެވިފައި" އެކަމަނާ ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ އިސްލާމްދީނަށް ފުރައްސާރަކޮށް ތައުހީނުކުރުމަކީ މިހާރު ވެސް ރާއްޖޭގައި ކުށެއް ކަމަށެވެ. އެކަމަކު މީހަކު ދީނުން ބޭރުވިކަން ކަނޑައެޅުމަކީ ދައުލަތުން ކުރާ ކަމެއް ކަމަށާއި އެއީ އާއްމުންގެ އަތްމައްޗަށް ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ނުރަނގަޅު މަގަކުން މީހަކު ދާ ނަމަ، ނުވަތަ މީހެއްގެ އަގީދާ ބަލިކަށިވެއްޖެކަން އެނގިއްޖެ ނަމަ އެކަން ފާހަގަކޮށް އެ މީހަކަށް ހެޔޮ ނަސޭހަތްދިނުން މި ބިލް މަނައެއް ނުކުރޭ،" ހިސާން ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް