ސަރުކާރު ހިންގާ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޕާޓީ (އެމްޑީޕީ) ތެރެއިން މި ސަރުކާރު ވައްޓާލަން ޕާޓީއެއް އުފެދުމަކީ ވެގެންވާނެ ކަމެއް ނޫން ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދު ﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިހެން ވިދާޅުވީ، ނަފްރަތުގެ ބިލުގެ އިބްތިދާއީ ބަހުސްގައި މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ.
ޖާބިރު ވިދާޅުވީ، ސިޔާސީ ގޮތުން "ފެއިލްވާ" މީހާ އެހެން ގޮތެއް ނެތީމާ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި އިންތިޚާބު ކާމިޔާބު ކުރަން ދީން ބޭނުން ކުރާތަން ފެންނަ ކަމަށާއި، ކޮންމެ ކަމެއް ދިމާވާއިރަށް ދީނުގެ މިލްކުވެރިކަން ނަގައިގެން ވަކި ބަޔަކު އުޅޭތަން ފެންނަ ކަމަށެވެ.
"ދީނޭ ކިޔައިގެ ވާހަކަ ދައްކަން ޕީޕީއެމް ޕީއެންސީ އެއީ ކޮންބައެއްތޯ" ޖާބިރު ސުވާލު އުފެއްދިއެވެ.
ޖާބިރު ވިދާޅުވީ، އެމްޑީޕީ އަށް ކާމިޔާބެއް ލިބެންޏާ އެއީ ލާދީނީ ގްރޫޕެއްގެ ގޮތުގައި ސިފަކުރާކަމަށާއި، އެއީ ރައީސް މައުމޫން ސިޔާސީ ގޮތުން "ފެއިލްވަމުން" ދިޔަ ދުވަސްވަރު ކިޔަންފެށި އެއްޗެއްކަމަށެވެ..
މީގެ އިތުރުން، ދިވެހިރާއްޖޭގައި ހަރުކަށި ފިކުރުގެ ބަޔަކު އެބަތިބިކަމަށާއި، އެބަޔަކު ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަނީ ދީން ކަމަށް ޖާބިރު ވިދާޅުވިއެވެ.
އެމްޑީޕީ ވުޖޫދުގައި އޮންނަން ޖެހޭ ކަަމަށާއި، އެމްޑީޕީ ބައިބައި ވެއްޖެ ނަަމަ ޑިމޮކްރެސީ ގެނައުމަށް ކުރި މަސައްކަތް ފަހަތަށް ހިނގައިދާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ، އެމްޑީޕީގެ ތެރެއިން މި ސަރުކާރު ވައްޓާލަން ޕާޓީއެއް އުފެދުމަކީ ވެގެންވާނެ ކަމެއް ނޫން ކަމަށާއި، އެމްޑީޕީގެ އެތެރޭގައި ހިނގާ ކަންކަން އެތެރެއިން ނިންމަންޖެހޭ ކަމަށެވެ.
ޖާބިރު ވިދާޅުވީ، މަޖިލީހުގައި އެމްޑީޕީގެ މެޖޯރީޓީ އޮވެ ރާއްޖޭގެ ރައްޔިތުން ބޭނުންވާ ހެޔޮ މަގަށް ރާއްޖޭގެ އިގްތިސާދު ހަމަ މަގަށް އެޅުވުމުގައި މުހިއްމު ދައުރެއް އަދާ ކުރެވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް