އައްޑޫ ސިޓީގައި ހަރުކަށި ފިކުރާއި ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކުރި މީހުނގެ ތެރެއިން ފުލުހުންގެ ބަންދުގައި ތިއްބަ ދޫކޮށްލި މީހުން އަލުން ބަންދު ކުރަން ހައި ކޯޓުން އަމުރު ކޮށްފި އެވެ.
އައްޑޫގައި ފުލުހުން ހަރުކަށި ފިކުރާއި ދެކޮޅަށް އޮޕަރޭޝަނެއް ހިންގީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ. އެ ދުވަހުގެ އޮޕަރޭޝަންގައި އަށް މީހަކު ހައްޔަރު ކުރި އެވެ.
އޭގެ ތެރެއިން ފަސް މީހުން ދޫކޮށްލަށް ކޯޓުން އަމުރު ކުރީ މިދިޔަ މަހުގެ30 ވަނަ ދުވަހު މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުންނެވެ. އެހެންވެ ފުލުހުންގެ އެދުމަށް އެ މައްސަލަ ޕީޖީ އޮފީހުން އިސްތިއުނާފު ކުރީ މިމަހުގެ ތެރޭގައި އެވެ.
ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ ޕީޖީ އޮފީހުން އިސްތިއުނާފު ކުރި މައްސަލައިގަ މިއަދު ހައިކޯޓުން ހުކުމް ކޮށްފައިވާ ކަމަށެވެ. ހައި ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލް ކޮށްފައި އެވެ.
އަދި އެ ފަސް މީހުން އަލުން ހައްޔަރުކޮށް15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވެ އެވެ.
މި އޮޕަރޭޝަންތައް ފެށީ މިދިޔަ މަހު ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާގެ ފަހަތުގައި ވަނީ ހަރުކަށި ފިކުރުގެ މީހުން ކަން ތަހުގީގަށް އެނގުމުންނެވެ. އެ ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެންނެވި އިރު އޭޑީކޭ ހޮސްޕިޓަލުންނާއި ޖަރުމަނުވިލާޓުގެ މިލިޓަރީ ހޮސްޕިޓަލަކުން ފަރުވާ ހޯއްދަވާފައިވެ އެވެ.
ހަރުކަށި ފިކުރާ ދެކޮޅަށް ފެށި އޮޕަރޭޝަންގައި އައްޑޫއިން ބަޔަކު ހައްޔަރުކުރި އިރު މާލޭގައި ހިންގި އޮޕަރޭޝަންތަކުގައި މިިދިޔަ މަހުގެ ތެރޭގައި ފަސް މީހަކު ހައްޔަރުކޮށްފައި އެވެ. އޭގެ ތެރޭގައި އއ. ހިމަންދޫގައި ހަރުކަށި ފިކުރު ހިންގި މައްސަލައިގަ 10 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކޮށްފައިވާ އަބްދުﷲ އަލީ މަނިކު ހިމެނެއެވެ.
ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވަނީ ހަތަރު މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް