މަރާމާތަށް ފަހު އެސްބީއައި މާލެ ބަރާންޗް އަލުން ހުޅުވައިފި

ގަދަގޭ މުހައްމަދުފުޅު ބިލްޑިންގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބިފައިވާ ގެއްލުންތައް މަރާމާތު ކުރުމަށް ފަހު މާލޭގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ އިމާރާތް އަލުން ހުޅުވައިފިއެވެ....

15 Jun 2021 | 07:04

ގަދަގޭ މުހައްމަދުފުޅު ބިލްޑިންގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބިފައިވާ ގެއްލުންތައް މަރާމާތު ކުރުމަށް ފަހު މާލޭގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ އިމާރާތް އަލުން ހުޅުވައިފިއެވެ.

އެ ތަން ހުޅުވި ނަމަވެސް އަދި ކަސްޓަމަރުންނަށް ޚިދުމަތް ދެމުންދަނީ ދެވަނަ ވަނަ ފަންގިފިލާގައި އެކަންޏެވެ. އެކަމަކު އަންނަ ހަފްތާއިން ފެށިގެން ތިރީ ފަންގިފިލާ އާއި ތިން ވަނަ ފަންގިފިލާގައި ވެސް ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ވަނީ ނިންމާފައެވެ.

މިހާރު އެ ތަނުން އަސާސީ ބޭންކިންގ ޚިދުމަތްތައް ދެމުންދާއިރު މި ހަފްތާގައި ބޭންކް ހުޅުވާފައި ހުންނާނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު އެވެ. އެ ދުވަސްތަކުގައި ހިދުމަތް ދޭނީ ހެނދުނު 09:00 އިން މެންދުރު 12:00 އަށެވެ.

އަންނަ ހަފްތާއިން ފެށިގެން އެސްބީއައިގެ ހުރިހާ ޚިދުމަތްތަކެއް މާލެ ގޮފިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް އެ ބޭންކުން މަސައްކަތް ފަށާފައިވާއިރު މި ހަފްތާގެ ތެރޭގައި އޭޓީއެމްގެ ޚިދުމަތް ވެސް މާލެއިން ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ބޭންކުން ބުނެއެވެ.

އެސްބީއައި އިން ރާއްޖޭގައި ޚިދުމަތް ދެމުން އަންނަތާ 40 އަހަރަށް ވުރެ ގިނަ އަހަރު ވެފައި ވާއިރު، މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 28 ވަނަ ދުވަހުގެރޭ މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި އެތަނަށް ލިބުނު ގެއްލުމުގެ އަގު 16 މިލިއަން ރުފިޔާ އަށް އަރާ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

އަލިފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ތިން ވަނަ ފަންގިފިލާއަށެވެ. އެ ފަންގިފިލާގެ 80 އިންސައްތަ ވަނީ އަނދާފައެވެ. އަދި ހަތަރު ވަނަ ފަންގިފިލާއަށް ވެސް އަލިފާނުގެ އަސަރުކޮށް 30 އިންސައްތަ އެނދިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް