މާލެ އާއި ހުޅުމާލެ އަދި ހުޅުލެއާ ދޭތެރޭ ކުރަމުންދާ ބަސް ދަތުރުތައް މޯލްޑްވިސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކުރުމުގެ ފަހުގެ ތައްޔާރީތައް މިހާރު އެ ޚިދުމަތް ދެމުން އަންނަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފަށައިފިއެވެ.
އެމްޕީއެލްގެ ސީއީއޯ ޝާހިދު ޢަލީ ވިދާޅުވީ، އެމްޓީސީސީއާ މިކަން ހަވާލުކުރުމަށް ވާންޖެހޭ ޓްރާންސްފާރ އެއްބަސްވުން ތައްޔާރުކޮށް ފައިނަލްކުރުން މި މަހުގެ ފަހުކޮޅު ނިމޭވަރު ވާނެ ކަމަށެވެ. އަދި މަސައްކަތްކުރަމުން ދަނީ މި މަހުގެ ފަހުކޮޅު އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް އެ މަގުން ކަމަށެވެ.
ޝާހިދު ޢަލީ ވިދާޅުވީ، އެއްބަސްވުމުގައި ސޮއި ކުރެވޭތާ ދެމަސްދުވަހުގެ ނިޔަލަށް ބަހުގެ ޚިދުމަތްދެމުންދާނީ އެމްޕީއެލް އަދި އެމްޓީސީސީ ގުޅިގެން ކަމަށެވެ. އަދި އެއަށް ފަހު މިކަން އެމްޓީސީސީ މުޅިން ހަވާލުކުރެވިގެންދާނެއެވެ.
މާލެ- ހުޅުމާލެ ބަހުގެ ޚިދުމަތް އެމްޓިސީއާ ހަވާލުކުރުމުގެ ވާހަކަ އެންމެ ފުރަތަމަ މީޑިޔާއަށް ހިއްސާކުރީ 10 ޖެނުއަރީ 2019ގައި ޓްރާންސްޕޯޓް އޮތޯރިޓީގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ.
މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ބަސްދަތުރުގެ ހިދުމަތް ދިނުން އެމްޓީސީސީއާ ހަވާލުކުރަން ނިންމީ މާލެ ސަހަރައްދުގެ އާއްމު ދަތުރުފަތުރު އެއްފުރާޅެއްގެ ދަށަށް ގެންނަން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ބަހުގެ ހިދުމަތް ދެ ކުންފުންޏަކުން ދެމުން އަންނާތީ ދަތިތަކާ ކުރިމަތިވާ ކަމަށެވެ.
"އެެހެންވީމާ އަޅުގަނޑުމެންގެ ވިސްނުން މި ހުރީ އަޅުގަނޑުމެން އެއްފުރާޅެއްގެ ދަށަށް މި މަސައްކަތް ބަދަލުކުރުމަށް. އެގޮތުން އެމްޓީސީސީގެ ދަށަށް ބަހުގެ ހިދުމަތް އެއްކޮށް ބަދަލުކުރަން އަޅުގަނޑުމެން ނިންމި ވާހަކަ ދަންނަވަން،" އެ ކަމަނާ ވިދާޅުވި އެވެ.
މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ސިނަމާލެ ބްރިޖް ހުޅުވުމުގެ ކުރިން މާލެ އާއި ހުޅުމާލެއާ ދެމެދު ފެރީގެ ހިދުމަތް ދިނުމާއި ހުޅުމާލޭގައި ބަސް ދަތުރުގެ ހިދުމަތް ދިނުމަކީ އެމްޓީސީސީން ކުރަމުން އައި މަސައްކަތްތަކެވެ. ނަމަވެސް ބްރިޖް ހުޅުވުމާ އެކު މާލެ-ހުޅުމާލެ ބަސް ދަތުރުގެ ހިދުމަތް ހަވާލުކުރީ އެ ހިދުމަތް މުޅިން އަލަށް ފެށި އެމްޕީއެލްއާ އެވެ.
އެމްޓީސީސީއަކީ ބަހުގެ ޚިދުމަތް ދިނުމުގައި ތަޖުރިބާކާރު ކުންފުންޏެކެވެ. އެ ކުންފުނިން އަންނަނީ ހުޅުމާލެ-އެއާޕޯޓް އަދި ހުޅުމާލެ ތެރޭގައި ނެއިބާރހޫޑް ބަހުގެ ޚިދުމަތް ވެސް ފޯރުކޮށްދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް