ވޯލްޑް ކަޕްގައި މިސްރު ކުޅޭ ފުރަތަމަ މެޗަށް ނުކުންނަ ފުރަތަމަ 11 ގައި އެ ގައުމުގެ ތަރި މުޙައްމަދު ސަލާހް ހިމެނޭނެކަމުގެ 100 އިންސައްތަ ޔަގީންކަން އެބައޮތް ކަމަށް މިސްރުގެ ކޯޗު ހެކްޓާ ކޫޕާ ބުނެފިއެވެ.
28 އަހަރަށްފަހު ވޯލްޑް ކަޕަށް ކޮލިފައިވި މިސްރުގެ އެންމެ މުހިންމު ކުޅުންތެރިޔާ މުޙައްމަދު ސަލާހްއަށް ވޯލްޑް ކަޕްގައި ނުކުޅެވިދާނެކަމުގެ ބިރު ހީވީ، ޗެމްޕިއަންސް ލީގު ފައިނަލްގައި ރެއާލް މެޑްރިޑާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގައި އޭނާގެ ކޮނޑު ހުޅަށް އަނިޔާވުމާ ގުޅިގެންނެވެ.
އެހެނަސް، ހީކުރެވުނު ވަރަށްވުރެ އަވަހަށް ރިކަވަރ ވަމުން އައި ސަލާހް، މިސްރުން އުރުގުއޭއާ ދެކޮޅަށް ކުޅޭ މެޗުގައި ފެންނާނެކަމުގެ ޔަގީންކަން އެ ގައުމުގެ ކޯޗު ދިނުމަކީ މިސްރާއި ލިވަޕޫލްގެ ސަޕޯޓަރުންނަށް ވެސް ލިބޭނެ އުފާވެރި ޚަބަރެކެވެ.
" ސަލާހް އަނިޔާއިން ސަލާމަތްވެފައިވަނީ ވަރަށް ހަލުވިކަމާއެކު. އަހަރެމެން ބަލާނަން މިއަދު ކަންތައްތައް ދާގޮތެއް. އަހަންނަށް ގާތްގަނޑަކަށް 100 އިންސައްތަ ޔަގީންކަން ދެވިދާނެ އޭނާ ކުޅޭނެކަމުގެ " މިސްރުގެ ކޯޗު ހެކްޓާ ކޫޕާ ބުންޏެވެ.
ކޫޕާ އިތުރަށް ބުނީ ސަލާހްއަށް އިތުބާރު ހޯދައިދޭން ކުރެވެން އޮތް ހުރިހާކަމެއް ކުރަމުން އަންނަ ކަމަށާއި، އޭނާ ކުޅޭނެކަން ނުވަތަ ނޫންކަން ސީދާ ނިންމާނީ މެޑިކަލް ޓީމުން ކަމަށެވެ. އެހެނަސް، ސަލާހް ބިރު ނުގަންނާނެކަން އޭނާއަށް ކަށަވަރުވާކަމަށް ވެސް ކޫޕާ ބުންޏެވެ.
މިސްރާއި އުރުގުއޭ ބައްދަލުކުރާ މެޗު އޮންނާނީ ޖޫން 15 ވާ ހުކުރު ދުވަހު ރާއްޖެ ގަޑިން 17:00 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް