ވޯލްޑް ކަޕް ބާއްވާ ގައުމު ރަޝިޔާއަށް ހުވަފެނީ ފެށުމެއް

ވޯލްޑް ކަޕް ބާއްވާ ގައުމު ރަޝިޔާއިން ސައުދީ އަރަބިއާ ތަފާތު ބޮޑުކޮށް ބަލިކޮށް، ހުވަފެނީ ފެށުމަކުން މުބާރާތް ފަށައިފިއެވެ. ގްރޫޕް އޭ ގައި ކުރިއަށް އުނދަގޫ ދެ މެޗު އޮތްއިރު، ރަޝިޔާއިން މިރޭ ސައޫދީ އަރަބ...

14 Jun 2018 | 20:03

ވޯލްޑް ކަޕް ބާއްވާ ގައުމު ރަޝިޔާއިން ސައުދީ އަރަބިއާ ތަފާތު ބޮޑުކޮށް ބަލިކޮށް، ހުވަފެނީ ފެށުމަކުން މުބާރާތް ފަށައިފިއެވެ. ގްރޫޕް އޭ ގައި ކުރިއަށް އުނދަގޫ ދެ މެޗު އޮތްއިރު، ރަޝިޔާއިން މިރޭ ސައޫދީ އަރަބިއާ ބަލިކުރީ 5-0 އިންނެވެ.

ގްރޫޕް ސްޓޭޖް ފަހަނައަޅާ ކުރިއަށް ދިއުމަށްޓަކައި، ރަޝިޔާއިން ކޮންމެހެން ވެސް ކުރަން ޖެހޭނެކަމަށް ގިނަ ބަޔަކު ބުނަމުން އައި ދެ ކަންތައް ވެސް ރަޝިޔާގެ ފަރާތުން މިރޭގައި ވަނީ ފެށިގެން ގޮސްފައެވެ. އެއީ ސައޫދީ އަރަބިއާ ބަލިކޮށް 3 ޕޮއިންޓް ހޯދުމުގެ އިތުރުން، އެލެކްސެންޑާ ގޮލޮވިންގެ ފަރާތުން މޮޅު ކުޅުމެއް ފެނުމެވެ.

މެޗުގެ ކުރިން ރަޝިޔާގެ މީޑިޔާ އާއި ބޭރުގެ މީޑިޔާތަކުން ވެސް ރަޝިޔާގެ މިހާރުގެ ޓީމަކީ އެ ގައުމުގެ ތާރީޚް ވެސް ފެންނާނެ އެންމެ ދަށް ޓީމުކަމަށް ސިފަކޮށް ފާޑުކިޔުން އަމާޒު ކޮށްފައިވަނިކޮށް، ރަޝިޔާއިން މި ހޯދި ބޮޑު މޮޅާއެކު މިރޭ ދަނޑަށް ވަދެ ތިބި 78011 ސަޕޯޓަރުންގެ އަޑުން ދަނޑު ވަނީ ގުގުމާލާފައެވެ.

މިރޭގެ މެޗުގައި ސައޫދީން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، ރަޝިޔާއިން ވަނީ ފުރަތަމަ ހާފުގައި ދެ ލަނޑު ޖަހާފައެވެ. ޔޫރީ ގަޒިންސްކީ ގޯލު ހުޅުވާލަދިންއިރު، ދެ ވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޗެރީޝޭވް އެވެ.

ދެ ވަނަ ހާފުގައި ރަޝިޔާގެ ފަރާތުން އިތުރު 3 ލަނޑު ފެނިގެން ދިޔައިރު، ޒޫބާ ވަނީ ކުޅެން ނުކުތްތާ 89 ސިކުންތު ތެރޭގައި ލަނޑެއް ޖަހާފައެވެ. އަނެއް ދެ ލަނޑު ޖެހީ ޗެރީޝޭވް އާއި ޒަގޮއިވް އެވެ.

ވޯލްޑް ކަޕްގެ ކުރިން ލަނޑު ޖެހުމުގެ މައްސަލަ ބޮޑަށް ފާހަގަ ވަމުން އައި ރަޝިޔާއިން 5 ލަނޑާއެކު ވޯލްޑް ކަޕް ހުޅުވާލުމުން އެ ޓީމަށް ހިތްހަމަ ޖެހުން ލިބޭނެއިރު، އެންމެ މުހިންމު އެއް ކުޅުންތެރިޔާ ޒަގޮއިވް އަށް އަނިޔާވުން އެއީ އެ ޓީމުގެ ކަންބޮޑުވުމަކަށް ވެސް ވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް