ފުލުހަށް ހާޒިރުވުމަށް އަންގާ ޗިޓު ސޯޝަލް މީޑިޔާ މެދުވެރިކޮށް ފޮނުވަނީ

ފުލުހުންގެ އިދާރާއަށް ޙާޒިރުވުމަށް އަންގާ ޗިޓު، ސޯޝަލް މީޑިޔާ މެދުވެރިކޮށް ފޮނުވޭ ގޮތަށް ފުލުހުންގެ އުސޫލު ބަދަލުކޮށްފި އެވެ. އެ އުސޫލުގައިވާ ގޮތުން ސޯޝަލް މީޑިއާ މެދުވެރިކޮށް ޗިޓު ފޮނުވޭނީ ގެއަށް ގޮސ...

15 Jun 2017 | 18:53

ފުލުހުންގެ އިދާރާއަށް ޙާޒިރުވުމަށް އަންގާ ޗިޓު، ސޯޝަލް މީޑިޔާ މެދުވެރިކޮށް ފޮނުވޭ ގޮތަށް ފުލުހުންގެ އުސޫލު ބަދަލުކޮށްފި އެވެ.

އެ އުސޫލުގައިވާ ގޮތުން ސޯޝަލް މީޑިއާ މެދުވެރިކޮށް ޗިޓު ފޮނުވޭނީ ގެއަށް ގޮސް އެ މީހަކަށް ޗިޓު ރައްދު ނުކުރެވުމުން ނުވަތަ އެ ގޭގައި ދިރިއުޅޭ މީހުން ޗިޓާ ހަވާލުނުވާ ހާލަތްތަކުގަ އެވެ. ސޯޝަލް މީޑިއާގެ ގޮތުގައި ބަޔާންކޮށްފައިވަނީ ފޮޓޯ ފޮނުވޭފަދަ އެޕްލިކޭޝަނެއް ނުވަތަ އީމެއިލް. ފެކްސް އަދި ޓެކްސްޓްގެ ޒަރީއާއި އެވެ..

ފުލުހުން ބުނީ ޗިޓުގެ ސްކޭން ކޮޕީއެއްގެ ފޮޓޯ އެ މީހަކަށް ފޮނުވުމުން، އެ ވަސީލަތަކުން "ޑެލިވާ" ވެއްޖެ ކަމަށް ނުވަތަ "ސީން" ކަމަށް އޮޓަމެޓިކް ޖަވާބު ލިބޭ ހާލަތްތަކުގައި ޗިޓު ރައްދުވި ކަމަށް ބެލެވޭނެ ކަމަށެވެ.

އަދި ވަގުތުން ހާޒިރު ކުރަން ޖެހޭ މީހެއް ފިޔަވައި އެހެން މީހުން، އެ އޮފީހަށް ހާޒިރު ކުރާނީ ޗިޓު ފޮނުވައިގެން ނުވަތަ ފޯނުން އަންގައިގެން ނުވަތަ އެ މީހަކާ ބައްދަލުކޮށް ހާޒިރުވުމަށް އަންގައިގެން ކަމަށެވެ. އަދި ފުލުސް އޮފީހަށް ހާޒިރުކުރަން ބޭނުންވާ ގަޑީގެ 24 ގަޑިއިރު ކުރިން، އެ މީހަކަށް ޗިޓު ފޮނުވަން ޖެހޭނެ ކަމަށް ވެސް މި އުސޫލުގައި ވެ އެވެ.

ރާއްޖޭން ބޭރުގައި ދިރިއުޅޭ މީހަކު ހާޒިރުވާން އަންގައިފި ނަމަ، އޭނާގެ މައްޗަށް ތުހުމަތު ކުރާ ކުށުގެ ބާވަތާއި ކުށުގެ ތަބީއަތަށް ރިއާޔަތްކޮށް، ގިނަ ވެގެން ހަތް ދުވަހުގެ ތެރޭގައި ފުލުސް އޮފީހަށް ހާޒިރުވާން ޖެހޭނެ އެވެ. އެކަމަކު އެ މުއްދަތުގެ ތެރޭގައި ނާދެވޭނެ ކަމުގެ މަގުބޫލު އުޒުރެއް އެ މީހަކު ދައްކައި، އެކަން ފުލުުހުންނަށް އަންގައިފި ނަމަ އިތުރު މުއްދަތެއް ދެވިދާނެ ކަމަށް ވެސް އެ އުސޫލުގައި ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް