ބޮލީވުޑްގެ ތަރި ކަރީނާ ކަޕޫރާއި ސައިފް އަލީ ހާންގެ ހަ މަހުގެ ދަރިފުޅު، ތައިމޫރު އަލީ ހާން އަކީ މިހާރު އިންޑިއާގެ މީޑިއާގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓިފައިވާ ކުޑަކުއްޖާ އެވެ.
މިދިޔަ ޑިސެމްބަރު މަހު ލިބުނު ތައިމޫރު މީޑިއާއަށް ނުދައްކާ ގެންގުޅުމަށް ފަހު މިހާރު ކަރީނާ ގެންދަނީ ތައިމޫރު ގޮވައިގެން ބޭރަށް ދިއުން އިތުރުކޮށް ބޭރުގައި އުޅޭ އިރު މީހުން ތައިމޫރުގެ ފޮޓޯ ނެގިޔަސް މާ ބޮޑު ކަމަށް ނަހަދާ ދޫކޮށްލަމުންނެވެ. ރިޕޯޓުތައް ބުނާގޮތުގައި މިމަހު ފަހު ކޮޅު ކަރީނާ ޝޫޓިންއަކަށް އިނގިރޭސިވިލާތުގެ ލަންޑަނަށް ދިއުމަށް ހަމަޖެހިފައި ވެއެވެ.
ކަރީނާގެ މި ޝޫޓިން އާއި ގުޅޭ އެއްބަސްވުމުގައި ސޮއި ކުރުމާއި އިތުރު ގައުމުތަކަށް ގޮސް ޝޫޓް ކުރަން ޖެހޭތީ މި ދަތުރު ދިގުވާނެ ކަމަށް ވަނީ ބެލެވިފައި އެވެ. ކަރީނާގެ ގާތް މީހަކާ ހަވާލާދީ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ހަފްތާއަކަށްވުރެ ދަތުރު ދިގުވަތީ ކަރީނާ ނިންމާފައިވަނީ މި ދަތުރުގައި ތައިމޫރު ގެންދާށެވެ.
މި ދަތުރަކީ ތައިމޫރު ގައުމުން ބޭރަށް ގެންދާ ފުރަތަމަ ދަތުރެވެ.
ބޮލީވުޑްގައި ވިހެއުމަށް ފަހު ދާއިރާގައި މަސައްކަތް ކުރާ އަންހެން ތަރިންގެ ތެރެއިން މިފަހަކުން ދަރިފުޅު ޝޫޓިންއަށް ގެންދަނީ އައިޝްވާރިއާ ބައްޗަން އެވެ. އައިޝްވާރިއާ ދާ ހުރިހާ ޝޫޓިން އަކަށް ދަރިފުޅު އަރާދްޔާ ގެންދެ އެވެ. އެއީ އޭނާ ބެލުމުގެ ޒިންމާ އެހެން މީހަކާ ހަވާލު ކުރަން ބޭނުން ނުވާތީ ކަމަށް އޭނާ ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް