ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެންފި އެވެ.
އެމަނިކުފާނު ރާއްޖެ ވަޑައިގެންނަވާފައި މިވަނީ ތިން މަހެއްހާ ދުވަހު ބޭރުގައި އުޅުއްވުމަށް ފަހު އެވެ. ރައީސް މައުމޫން ރާއްޖެ ވަޑައިގެންނެވުމުން އިދިކޮޅު އިއްތިހާދުގައި ހިމެނޭ އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީގެ އަދި ޕީޕީއެމްގެ ރައީސް މައުމޫނަށް ތާއީދު ކުރައްވާ އިސް ބޭފުޅުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެން ހޫނު މަރުހަބާއެއް ކިޔާފައި އެވެ.
އަދި މާލެ ވަޑައިގެންނެވުމުން ޖުމްހޫރީ މައިދާނަށް އެއްވެ ތިބި ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް މަރުހަބާ ކިޔާ ސަލާމް ކުރަން މަސައްކަތް ކޮށްފައި އެވެ. އަދި މައުމޫން ސަޕޯޓަރުންގެ ކައިރިއަށް ވަޑައިގެން އިޝާރާތުން ސަލާމް ކުރައްވާފައިވެ އެވެ.
މައުމޫން މާލެ ވަޑައިގެންނަވާ ވަގުތާއި ދިމާކޮށް ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދު ވަނީ ބެރިކޭޑް ޖަހާ ބަންދުކޮށްފައި އެވެ. އަދި ސަޕޯޓަރުންނަށް ބެރިކެޑުން އެތެރެއަށް ނުވަދެވޭގޮތަށް ގިނަ އަދަދަކަށް ފުލުހުން ހަރަކާތްތެރިވެފައިވެ އެވެ.
ރައީސް މައުމޫން މިދިޔަ މާޗު މަހު އެންމެ ފުރަތަމަ އިންޑިއާގެ ބެންގަލޫރަށް ވަޑައިގަތީ އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ކޮއްކޯފުޅު ފަރީޝާ އިބްރާހިމްގެ ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވާތީ އެވެ. އެކަމަކު ފަރީޝާގެ ސިއްހީ ހާލަތު އިތުރަށް ގޯސްވުމުން އިތުރު ފަރުވާ އަށް ސިންގަޕޫރަށް ގެންދިޔަ ފަހުން މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ ވަނީ އަވަހާރަވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް