ބޭންކް އޮފް މޯލްޑިވްސް އިން ނ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި

ބޭންކް އޮފް މޯލްޑިވްސްއިން ނ. އަތޮޅުގެ ހަތް ރަށެއްގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ޚިދުމަތް ތަޢާރަފުކޮށްފިއެވެ. މިއާއެކު ނޫނު އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އިން މިވަނީ އޭ...

15 May 2025 | 13:13

ބޭންކް އޮފް މޯލްޑިވްސްއިން ނ. އަތޮޅުގެ ހަތް ރަށެއްގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ޚިދުމަތް ތަޢާރަފުކޮށްފިއެވެ.

މިއާއެކު ނޫނު އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އިން މިވަނީ އޭޓީއެމްގެ ޚިދުމަތް ދޭންފަށައިފިއެވެ.

މިއާއެކު ހެނބަދޫ، ލަންދޫ، ކުޑަފަރީ، މާޅެންދޫ، ޅޮހި، މަގޫދޫ އަދި ފޮއްދޫގައި މިހާރު ވަނީ އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފައެވެ.

"މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް މަޝްރޫޢުގެ ދަށުން ނ. އަތޮޅުގެ 7 ރަށެއްގައި އޭޓީއެމް ޤާއިމްކުރެވުމާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭންކިންގ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތަށް މި ލިބުނީ ފަޚުރުވެރި ކާމިޔާބީއެއް. މިއީ ހަމައެކަނި ބޭންކަށް ލިބުނު އުފަލެއް ނޫން. މުޅި އަތޮޅަށްވެސް ލިބުނު އުފަލެއް. ބޭންކުން މަސައްކަތްކުރަމުން ދަނީ ކަސްޓަމަރުންނަށް ބޭންކިންގ ޚިދުމަތް ގާތުން ފޯރުކޮށްދީ، ދިރިއުޅެމުންދާ ރަށުން ދަތުރުކުރަން ނުޖެހި، ކޮންމެ ތަނެއްގައި ހުރެގެންވެސް މާލީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް." ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލްއިން ބުނެފައިވާގޮތުގައި މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 114 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 172 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އީޖާދީ ބޭންކިންގ ހައްލުތައް ގާއިމުކޮށް މުޖުތަމަޢު ބާރުވެރިކުރުވުމަށް ކަމުގައިވެސް އެ ބޭންކުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް