ފަރަންސޭސިވިލާތުގެ ޕެރިހުގައި މިއަހަރުގެ ޖުލައި 26ން އޮގަސްޓް 11ށް އޮންނަ ބައިނަލްއަޤްވާމީ އޮލިމްޕިކްސްގައި ވާދަކުރުމުގެ ފަޚުރު ހޯދި ދިވެހި އެތުލީޓް ފާޠިމަތު ދީމާ ޢަލީގެ މި ތާރީޚީ ކާމިޔާބީއަށް މަރްޙަބާ ވިދާޅުވެ، ފާޠިމަތު ދީމާ ޢަލީގެ ޢާއިލާއަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ހިތްވަރުދެއްވައިފިއެވެ.
ރައީސް އޮފީހުން ބުނެފައިވާގޮތުގައި ފާޠިމަތު ދީމާ ޢަލީގެ ޢާއިލާއާ މިއަދު ފޯނުން ގުޅުއްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއީ އޮލިމްޕިކް ކޮލިފައިންގެ ފައިނަލް މެޗެއް ކާމިޔާބުކޮށްގެން އޮލިމްޕިކްސްގައި ވާދަކުރުމުގެ ޝަރަފްވެރި ޖާގައެއް ދިވެހި ކުޅިވަރު ކުޅުންތެރިއަކު ޙާޞިލްކުރި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި އެކަމަށްޓަކައި ވަރަށް އުފާކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި ދެކުނު އޭޝިއާ ސަރަޙައްދުގެ އެންމެ މޮޅު ޓޭބަލްޓެނިސް ކުޅުންތެރީންނާ ވާދަކޮށް ދިވެހިރާއްޖޭގެ ޒުވާން އަންހެން އެތުލީޓަކު މި ހޯދި ބޮޑު ކާމިޔާބީއަށް މުޅިރާއްޖެ ފަޚުރުވެރިވާކަން ފާހަގަކުރެއްވިއެވެ.
ކުޅިވަރުގެ ރޮނގުގައި ވަރަށް ޅަ ޢުމުރުގައި ފާޠިމަތު ދީމާ ޢަލީ ހޯދަމުންދާ ހަލުވި ކާމިޔާބީތަކާ ކުޅިވަރުގެ ހުނަރު އިތުރަށް އުނގެނި ކުރިއެރުމަށް ކުރަމުންދާ ހިތްވަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރެއްވީ ނަމޫނާއެއްގެ ގޮތުގައެވެ. އަދި މިގޮތުގައި ވަރުގަދަ ޢަޒުމަކާއެކު ހުއްޓުމެއްނެތި ކުރިއަށްދިއުމަށް އެމަނިކުފާނު އެދިވަޑައިގަތް ކަމަށާއި އޮލިމްޕިކްސްގައި ވާދަކޮށް ރަނގަޅު ކާމިޔާބީއަކާ ހަމަޔަށް ދިއުމަށް ފާޠިމަތު ދީމާ ޢަލީއަށް މި ލިބުނު ފުރުޞަތުގައި ދިވެހި ސަރުކާރުން ދެއްވެން އޮތް ހުރިހާ އެހީތެރިކަމަކާ އެއްބާރުލުމެއް ދެއްވާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިކަމަށާއި އަދި މިއީ ބައިނަލްއަޤްވާމީ ކުޅިވަރުގެ މައިދާނުގައި މުޅި ދިވެހިރާއްޖެއަށް ލިބުނު ވަރަށް ބޮޑު އުފަލަކާ ކުރިއެރުމެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިކަމަށް ރައީސް އޮފީހުން ބުނެއެވެ.
ދެކުނު އޭޝިއާ ސަރަޙައްދުގެ އޮލިމްޕިކް ކޮލިފައިން ޓޭބަލްޓެނިސް ފައިނަލް މެޗު ކާމިޔާބުކޮށް ފާޠިމަތު ދީމާ ޢަލީ މި ހޯދި ޝަރަފާއެކު، ރާއްޖޭގެ ތާރީޚުގައި އޮލިމްޕިކް ކޮލިފައިން ފައިނަލެއް ކާމިޔާބުކޮށް އޮލިމްޕިކްސްގެ ޖާގައެއް ކަށަވަރުކުރި ފުރަތަމަ އެތުލީޓަށް، އަދި އޮލިމްޕިކްސްގައި ޓޭބަލްޓެނިސް ކުޅުމުގެ ފުރުޞަތު ލިބޭ ފުރަތަމަ ދިވެހި ކުޅުންތެރިޔާއަށްވެސް ފާޠިމަތު ދީމާ ޢަލީ ވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް