ރާއްޖޭގައި ވަރި ގިނަވާ އެއް ސަބަބަކީ އެއްކޮޅުން އަނބިން ކިޔަމަންތެރި ނުވުން އަނެއްކޮޅުން ފިރިން އަނބިންނަށް ވަގުތު ނުދީ ކޮފީގައި ތިބުން: އިސް ގާޒީ

މިހާރު ރާއްޖޭގައި ކައިވެނިތައް ރޫޅިގެންދާ ސަބަބުތަކަށް ބަލާއިރު އެންމެ ބޮޑަށް ފާހަގަވާކަމަކީ އަނބިން ފިރިންނަށް ކިޔަމަންތެރި ނުވުމާއި ފިރިން އަނބިންނަށް ވަގުތު ނުދީ ކޮފީގައި ހޭދަކުރުން އިތުރުވުން ކަމު...

15 May 2024 | 13:09

މިހާރު ރާއްޖޭގައި ކައިވެނިތައް ރޫޅިގެންދާ ސަބަބުތަކަށް ބަލާއިރު އެންމެ ބޮޑަށް ފާހަގަވާކަމަކީ އަނބިން ފިރިންނަށް ކިޔަމަންތެރި ނުވުމާއި ފިރިން އަނބިންނަށް ވަގުތު ނުދީ ކޮފީގައި ހޭދަކުރުން އިތުރުވުން ކަމުގައި ފެމިލީ ކޯޓުގެ އިސް ގާޒީ އަލްއުސްތާޛް އިބްރާހިމް މާހިރު ވިދާޅުވެއްޖެއެވެ.

އިސް ގާޒީ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންމިދާ ބައިނަލްއަގްވާމީ އާއިލާތަކުގެ ދުވަހު ދެއްވި ހާއްސަ މެސެޖުގައެވެ.

އެގޮތުން އިސް ގާޒީ ވިދާޅުވެފައިވަނީ ފެމިލީ ކޯޓަށް ހުށަހެޅޭ މައްސަލަތަކަށް ބަލާއިރު، ޒަވާޖީ ހަޔާތަށް މިއަދުގެ ޒުވާން ޖީލު ހޭލުންތެރިކަން ކުޑަކަން ފާހަގަކުރެވެއެވެ. މި ހާލަތު ރަނގަޅުކުރުމަށްޓަކައި ތައުލީމީ މަރުހަލާތަކުގައި ޒަވާޖީ ހަޔާތަށް ހޭލުންތެރިކަން އިތުރުކުރަންޖެހޭކަމަށް ދެކޭކަމަށާއި ވަރަށްގިނަ ކައިވެނިތައް ރޫޅިގެންދާ ސަބަބުތަކަށް ބަލާއިރު، ޖެހޭ މައްސަލަތަކުގެ ބޮޑުމިނަށްވުރެ ފާހަގަވަނީ ކުދިކުދި މައްސަލަތައް ހައްލުނުވެ ގިނަދުވަސްވެގެން ދިއުމާއި، ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތް ނުކުރެވޭކަމާއި ކަންކަން ހިއްސާކުރަންޖެހޭ ގާތް މީހުންގެ މަޝްވަރާ ހޯދިފައި ނުހުންނަކަން ފާހަގަކުރެވޭކަމަށެވެ.

"އަނބިމީހާ ވަރިކުރުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި އެކުގައި ދިރިއުޅެން ބޭނުން ނުވާ މައިގަނޑު ސަބަބަކީ އަނބިމީހާ ކިޔަމަންތެރިނުވާތީކަމަށް ވަރަށް ގިނަ ފިރިން ފާހަގަކުރޭ، އަނެއްކޮޅުން ވަރިވާން އެދޭ އަންހެނުންގެ ވާހަކަތަކަށް ބަލާއިރު، ފިރިމީހާ އަނބިދަރިންނަށް އަޅާނުލުމަކީ މައިގަނޑު ސަބަބެއްގެ ގޮތުގައި އަންހެނުން ފާހަގަކުރޭ، ރައްޓެހިންނާއެކު ކޮފީތަކުގައި އެތައް ވަގުތެއް ފިރިމީހާ ހޭދަކުރާއިރު، އަނބިމީހާއަށް ވަގުތު ނުދޭކަމަށް ބުނޭ، އަނބިމީހާގެ އުދާސްތައް ބޭރުކޮށްލަން، އޭނާގެ ވާހަކަ އަހާނެ ކަންފަތެއް ގޭތެރޭގައި ނުލިބޭކަމީ ވަރަށް ގިނަ އަންހެނުން ކުރާ ހައްގު ޝަކުވާއެއް" އިސް ގާޒީ ފާހަގަކުރައްވާފައިވެއެވެ. އ

އޭނާ ވިދާޅުވެފައިވަނީ މި ފަހަކަށް އައިސް ފާހަގަވާ އަނެއް ކަމަކީ، އަންހެނުންގެ ހައްގުތައް ހޯދައިދިނުމުގެ ނަމުގައި، ކައިވެނިތައް ރޫޅާލުމަށް ހިތްވަރުދެވޭ ދެވުން ކަމަށާއި މައްސަލަކަތައް ހައްލުކޮށް ދަރިންނާއެކު އުފާވެރި އާއިލީ ވެއްޓެއް ހޯދުމަށް ހިތްވަރުދިނުމުގެ ބަދަލުގައި އެގޮތަށް ކަން ކުރުމުން އޭގެ ސަބަބުން އެތައް އަންހެނަކު އިތުރަށް ނިކަމެތިވުމާއި ކުޑަކުދިންގެ ހައްގުތަކުން ދަރުން މަހްރޫމުވުމަށް މަގުފަހިވާކަމަށެވެ. ކޯޓަށް މިކަން ފާހަގަވަނީ ވަރިވުމަށްފަހު ދަރިން ބެލުމާއި ދަރިންގެ ޚަރަދާއި ދަރިންގެ ބައްދަލުކުރުމާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތަކުގައި މީހުން ދައްކާ ވާހަކަތަކުންކަމަށެވެ.

"ކައިވެނި ރޫޅުމަށްފަހު، ދަރިންނާ ގުޅުންހުރި މައްސަލަތައް ގިނަވަނީ ދަރިންގެ ހައްގުތަކަށްވުރެ އެހެން ހައްގުތައް އިސްކުރެވޭތީ، އަނެކާގެ ކިބައިން ބަދަލުހިފުމާއި ޖެއްސުންކުރުމުގެ ރޫހެއް ގެންގުޅެވޭތީ، މައިންބަފައިންގެ ލޯތްބާއި އޅާލުން ލިބުމަކީ ދަރިންގެ ހައްގެއްކަމާއި، ކައިވެނި ރޫޅުނަސް އެކުދިންގެ ހައްގުތަކުން މަހުރޫމު ނުކުރުމުގެ ވިސްނުން އިސްކުރާނަމަ ވަރަށްގިނަ މައްސަތައް ކޯޓާ ހިސާބަށް ނުގޮސް ހައްލުވާނެ" އިސް ގާޒީގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ގެވެށިއަނިޔާގެ މައްސަލަތަކަށް ބަލާއިރު، މައިންބަފައިންނަށް ދަރިންގެ ފަރާތުން ލިބޭ އަނިޔާތަކާއި، ބޭބެއިންނާއި ދައްތައިންނާއި ކޮއްކޮއިންގެމެދުގައި ހިނގާ ގެވެށިއަނިޔާގެ އަމަލުތައް ގިނަވަމުންދާކަން ފާހަގަވޭކަން ފާހަގަކުރެވޭކަމާއި އެފަދަ މައްސަލަތަކުގައި ރައްކާތެރިކުރުމުގެ އަމުރުތައް ނެރެންޖެހޭ މިންވަރު އިތުރުވަމުން އަންނަކަންވެސް އިސް ގާޒީގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

އާއިލާގެ އުފާވެރިކަމަށްޓަކައި، އާއިލާ އެކުގައި ހޭދަކުރާ ވަގުތު ގިނަކުރަންޖެހޭކަން ފާހަގަކުރައްވައި އިސް ގާޒީ ވިދާޅުވެފައިވަނީ  ފަނާކުރުވާ ވިސްނުންތައް ދޫކޮށް އިސްލާމްދީނުގެ ރިވެތި އުސޫލުތަކުގައި ހިފަހައްޓަންޖެހޭކަމަށާއި ފިރިމީހާ އަނބިމީހާއަށް އެހީތެރިވުމާއި އަނބިމީހާއާއެކު ވަގުތު ހޭދަކުރުމަކީ އަނބިދަށުވުންކަމިގައި ނުދެކުމަށް ހަމައެގޮތަށް އަނބިމީހާ ފިރިމީހާއަށް ކިޔަމަންތެރިވުމާއި ޚިދުމަތްކޮށްދިނުމަކީ ފިރިމީހާއަށް އަޅުވެތިވުންކަމުގައިވެސް ނުދެކުމަށް އިލްތިމާސްކުރާކަމަށެވެ.  ކާފައާއި މާމަ، ބޮޑުބޭބެއިންނާއި ބޮޑުދައިތައިންނަށް ހެޔޮކޮށް ހިތައި އިޚުތިރާމުކުރަން ދަރިންނަށް ދަސްކޮށްދިނުމަށާއި އެ މަންޒަރު މައިންބަފައިންގެ ފަރާތުން ދަރިންނަށް ދައްކުވައިދީ، ރަނގަޅުނޫން އޮއިވަރެއްގައި ޖެހުމުގެ ކުރިން ދީނުގެ ސާފު އަގީދާ ދަސްކޮށްދީ، ދީނީ އަޅުކަންތަކަށް ދަރިން ހާނުވަންވެސް އިލްތިމާސްކުރާކަމަށެވެ. އަދި  އާއިލީ ސިއްރުތައް ފާޅުކޮށް އުދާސްތައް ބޭރުކުރާ ތަނަކީ ސޯޝަލް މީޑިއާކަމުގައި ނުހަދައި، އަނެކާގެ ވާހަކަ ކަނުލައި އަޑުއަހާނެ ވެއްޓެއް އާއިލާގެ ތެރޭގައި އުފައްދަން މަސައްކަތް ކުރުމަށާއި ކޯޓުގައި މީހުން ދައްކާ ވާހަކަތަކުން މިކަންކަމުގެ މުހިންމުކަން އިތުރަށް ޔަގީންވާއިރު ަކޯޓުގައި އެތައް ބަޔަކު އެއްވާހަކައެއް ދެއްކުމުގެ މާނައަކީ އެކަން ތަހައްމަލުކުރަމުންދާ އެތައް ބަޔަކު މުޖްތަމައުގައި އުޅޭނެކަން ދޭހަކޮށްދޭ ކަމެއް ކަމުގައިވެސް އިސް ގާޒީ ފާހަގަކުރައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް