ސަރުކާރުން އުޅެނީ ޓެކްސީ ޚިދުމަތުގެ ތެރެއަށް ވަންނަން – ޓެކްސީގެ އަގު ސަރުކާރަށް ކޮންޓްރޯލު ކުރެވިގެން ނުވާނެ: ޓެކްސީ ޑްރައިވަރުން

ސަރުކާރުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ޓެކްސީގެ ޚިދުމަތުގެ ތެރެއަށް ވަނުމަށް ކަމަށާއި އެއާޕޯޓުގައި ޓެކްސީގެ މައްސަލައިގެ ހާލަތު ގޯސްކުރީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި ފުލު...

15 May 2024 | 06:02

ސަރުކާރުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ޓެކްސީގެ ޚިދުމަތުގެ ތެރެއަށް ވަނުމަށް ކަމަށާއި އެއާޕޯޓުގައި ޓެކްސީގެ މައްސަލައިގެ ހާލަތު ގޯސްކުރީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި ފުލުހުން އެކަމުގެ ތެރެއަށް ވަނުމުން ކަމުގައި ޓެކްސީ ޑްރައިވަރުން ބުނެފިއެވެ.

ޓެކްސީ ޑްރައިވަރުން މިހެން ބުނެފައިވަނީ ސަރުކާރުން އިއްޔެ ކަނޑައެޅި އަގުތަކާއިމެދު ކަންބޮޑުވުން ފާޅުކޮށް މިއަދު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނޫސްވެރިންގެ އެ ބައްދަލުވުމުގައި ޓެކްސީ ޑްރައިވަރުން ފާހަގަކުރިގޮތުގައި ސަރުކާރުން އަގުތައް އަލުން އެކުލަވާލި ގޮތުން ބޮޑެތި އުޅަނދުތަކަށް ލިބޭ ދަތުރުގެ 40 އިންސައްތަ ދަށްވެގެންދާކަމަށެވެ. އަދި މިހާރު ސަރުކާރުން ޓެކްސީ ޚިދުމަތުގެ ތެރެއަށް ވަނުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް ބުނެފައިވެއެވެ.

އަލަށް އާންމުކުރި އަގުތައް މުރާޖައާ ކުރުމަށް ގޮވާލަމުން ޓެކްސީ ޑްރައިވަރުން މިއަދު ބުނީ މިހާރު ސަރުކާރުން ޓެކްސީ ކުރުމަށް ކާރުތަކެއްވެސް ގެނެސްފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށާއި އަދި ހަމަ އެހެންމެ މިހާރު އެމްޓީސީސީއިން ކާރުތަކެއް ކުއްޔަށް ނަގައިގެން ޓެކްސީ ހިދުމަތް އެއާޕޯޓުގައި ފަށާފައިވެސް ވާކަމަށެވެ.

ޓެކްސީ ޑްރައިވަރުން ފާހަގަކުރި ގޮތުގައި މީގެ ކުރިއަކުން އެއާޕޯޓް ޓެކްސީ ކިއުގައި މައްސަލައެއް ނުޖެހެއެވެ. މައްސަލަ ޖެހުނީ އެމްއޭސީއެލްއާއި ފުލުހުން އެކަމުގެ ތެރެއަށް ވަދެ ކިއު ހިފަހައޓާ ކިއުގެ ކޮންޓްރޯލެއް ގެންގުޅެން ފެށުމުން ކަމަށެވެ. މިހާރު 100 މީހުންގެ ކިއުއެއް ހުސްވަނީ 100 މިނެޓުން ކަމުގައްޔާއި އަދި އިއްޔެ ކަނޑައެޅި އަގު މިހާރު އެޕްތަކަށްވުރެ އަގު ދަށްކަން ފާހަގަކޮށްފައިވެއެވެ.

ޓެކްސީ ޑްރައިވަރުންގެ އެންމެ ބޮޑު ޝަކުވާއަކަށްވަނީ ހަމަ އެކަނި ޓެކްސީގެ ކުލި ސަރުކާރުން ކޮންޓްރޯލް ކުރާ ކުރުމެވެ. ކުއްޔާއި ތަކެތީގެ އަގުތަކާއި ޚިދުމަތްތަކުގެ އަގުތައްވެސް ސަރުކާރުން ކޮންޓްރޯލްކުރަންޖެހޭކަން ޑްރައިވަރުން ފާހަގަކުރިއެވެ.

ޑްރައިވަރުން މިއަދު ބުނީ އިއްޔެ އިއުލާނުކުރި އަގުތައް ކޮންޓްރޯލް ކުރަން ގޮވާލާކަމަށާއި ނޫންނަމަ ޓެކްސީ ޑްރައިވަރުންވެސް އެކަމުގައި ކުރެވޭނެ ކަންކަން ހުންނާނެ ކަމަށެވެ. ގޮވާލަނީ ސަރުކާރުން ޓެކްސީ ޑްރައިވަރުންނާ މަޝްވަރާ ކުރުމަށްފަހު ގޮތްތަކެއް ނިންމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް