މެންދުރުގެ ދިލަ އަވިން ޖައްވު ތެރެ ހީވަނީ ކެކި އަރައިދާނެ ހެންނެވެ. ސާރާ ގޭގެ މަސައްކަތްތައް ނިންމާލާފައި ގޭ ބިއްދޮށުގައި އޮންނަ އަތިރިމައްޗަށް ނިކުމެލީ އޭނާގެ ތިން އަހަރުގެ ތުއްތު ދަރިފުޅު ގޮވައިގެންނެވެ. އެދޭ ދިލަ އަވިން ކުޑަ ކުޑަ ފިނި ރޯޅިއެއްވެސް ރަށުތެރެއަށް ނުޖެހެއެވެ. ސާރާގެ ދަރިފުޅު ސިޔާރާ ބިންމަތީގައި ކުޅެން ބައިންދައިންގެ ސާރާ އިނީ ވާހަކަ ފޮތެއް ކިޔާލާށެވެ. ސިޔާރާއަކީ ބޮޑާ ހާކާ ކުއްޖަކަށް ނުވުމުން ސާރާ ގޭގެ ހުރިހާ މަސައްކަތެއްވެސް ކުރަނީ ސިޔާރާ ދޫކޮށްލައިގެންނެވެ. މިހެން އިންދާ ސާރާގެ ފިރިމީހާގެ ކޮއްކޮގެ ދަރިފުޅު އިޝާ ދުވަމުން ސާރާމެން ތިބި ދިމާލަށް އަންނަތަން ފެނެއެވެ. "ދޮންބެދައްތާ.... ދޮންބެދައްތާ...މާމަ ރޮނީ " އިޝާ ކިޔާ އެއްޗެއް ސާރާއަކަށް ސާފެއް ނުވިއެވެ.
"ކީކޭ އިޝާ.... އިޝާ ގޭގަ ނެތް ކަމަށް ދޮންބެދައްތަ ހީކުރީ އެހެންވެ ނުބުނެ މިއައީ " ސާރާ ބުންޏެވެ.
އޭރު 6 އަހަރުގެ ތުއްތު އިޝާ ވަރުބަލި ވެގެން ހުރީ މާ ނޭވާ ލާ ލައެވެ.
" މާމަ.... މާމަ ރޮނީ... އިޝޫ އެހީމަ ވެސް ނުބުނި " އިޝާ ބުންޏެވެ.
"އެ ކީއްވެ ރޮނީ... ކާފަ އެއްޗެހި ގޮވީ ދޯ މާމައަށް ...އާދެ މިތާ އިށީންނަން" ސާރާ ހިނިތުން ވެލާފައި އިޝާ ކައިރިކޮށްލިއެވެ. ފިރިމީހާގެ މަންމަ ޖަމީލާއާއި ބައްޕަ އާދަނަކީ އާއްމުކޮށްވެސް ޒުވާބުކޮށް އުޅޭ ބައެއް ކަމުން ސާރާ މާބޮޑަށް އެކަމަކަށް ސަމާލުކަމެއް ނުދެއެވެ. ސިޔާރާއާއި އިޝާ ގޮވައިގެން ސާރާ އިނީ ކުޅޭށެވެ. ސާރާއަކީ ކުޑަ ކުދިން ދެކެ އިންތިހާއަށް ލޯބިވާ މީހެކެވެ. ސާރާ ދެކެނީ އިޝާ އަކީވެސް ސާރާގެ ދަރިއެއް ގޮތަށެވެ. އިޝާ އެންމެ ކުޑަ އިރުން ފެށިގެންވެސް އިޝާގެ ކަންތައް އިޝާގެ ބައްޕަ ލައިސަމްއާއި ގުޅިގެން ކުރީ ސާރާއެވެ. އިޝާއަށް ތިންމަސް ނުފުރި އުޅެނިކޮށް ލައިސަމްއާއި އޭނާގެ އަންހެނުން ވަނީ ވަރި ވެފައެވެ. އޭރު ސިޔާރާވެސް ނެތްކަމުން އިޝާގެ ހުރިހާ ކަމެއް ބަލަމުން އައީ ސާރާއެވެ.
ސާރާގެ ފިރިމީހާ މާހިރާއެކު ސާރާ އުޅެނީ ވަރަށްވެސް އުފާވެރި ދިރިއުޅުމެކެވެ. މަޑުމައިތިރި އެހާމެ ހިތްތިރި މާހިރަކީ މުޅި އާއިލާގެ މައި މުލެވެ. އެއްވެސް ޝަކުވާއެއް ނެތި އެންމެންގެ ޒަރޫރީ ކަންކަން ބަލަމުން އަންނަނީ މާހިރުއެވެ. މާހިރަކީ އެ ރަށު އިސް މަގާމެއްގައި މަސައްކަތް ކުރަމުން އަންނަ ،މީހުންގެ ލޯބި ލިބިފައިވާ މީހެކެވެ. ސާރާއާއި މާހިރު ކައިވެނީގެ ގޮށް ޖަހައިލީ ދެމީހުންނަށްވެސް 18 އަހަރު ފުރުނުތަނާއެވެ. ސުކޫލު ދައުރުގައި ދެމީހުން އެވީ ލޯތްބަށް އަދިވެސް ކުޑަ ކުޑަ ބަދަލެއްވެސް ނާދެއެވެ.
"ހިނގާދާން ގެއަށް ދާން ދޯ ދެކުދިން.. ފެންވަރާ ހަދައިގެން ހަވީރު އަންނާނީ ދޯ... ދޮންބެ ގެއަށް އައިސްދާނެ މިހާރު " ސާރާ ބުންޏެވެ.
ސާރާ ދެކުދިން ގޮވައިގެން ގެއަށް ދިޔައި އިރު ގޭގެ ބޭރުގައި މާހިރުގެ ސައިކަލު ހުއްޓެވެ. އިޝާ ފެންވަރުވަން ކޮޓަރިއަށް ވެއްދުމަށްފަހު ސާރާ ސާރާގެ ކޮޓަރިއަށް ވަނެވެ. އޭރު މާހިރު ފެންވަރައިގެން ހުރީ ރީތި ވާށެވެ. " ހާދަ ވަރަކަށް ސެންޓު ތި ޖަހަނީ ....ކާކަށް ވަސް ދުއްވަން" ސާރާ މާހިރާ ސަމާސާ ކޮށްލުމަށް ބުނެލިއެވެ. " އަންހެން ކުދިންނަށްށޭނު... އިޝާ އުޅެނީ ދުރު ދުރުން ވިއްޔަ... މަންމައަށް ފެނިދާނޭ ކިޔައިގެން " މާހިރުވެސް ސަމާސާގައި ބައިވެރިވެލިއެވެ. "ތިހެން ބުނީމަ މި ހަނދާންވީ... މަންމަ މިއަދުވެސް ރުއި... ދެމީހުން ޒުވާބު ކުރީ ކަންނޭގެ" ސާރާ ބުންޏެވެ. " ކީކޭ ބުނާނީ... ދެމީހުންނަށްވެސް ނަސޭހަތް ދީފިން މިހާރު... ހިނގާ ކާން ދާން ވަރަށް ބަނޑުހައި " މާހިރު ބުނެލިއެވެ.
ސާރާ ރޮށި ކުދިކޮށްފައި މާހިރު އަތަށް ތަށި ދިނެވެ. އެހެން ނަމަވެސް މާހިރު ސާރާއާއި ދިމާލަށް ބަލަހައްޓައިގެން އިނެވެ. " ދެން ކައިބަލަ... އިޝޫ ފެންވަރުވަން ވައްދައިގެންނޭ މިއުޅެނީ " ސާރާ ބުންޏެވެ. މާހިރު ބޮލުން ނޫނެކޭ ބުނެލިއެވެ. "ބޮޑާ ނުހާކަބަ" ސާރާ ހިނިތުން ވެލަމުން ބުންޏެވެ. "ނުކާނަން... ސާރާގެ ލޯބި ތި ދެ އަތުން މޮޑެދީފަ ދީ... އޭރަށް ކާނީ " މާހިރު ބުންޏެވެ. އެއީ މާހިރުގެ އާދައެވެ. އިނީން ސުރެންވެސް ސާރާ އަތުން މޮޑެފަ ދިނިއްޔާ ނޫނީ މާހިރު ނުކާނެއެވެ. ދަރިން ކޮޅު ނިންދަވާލާފައި ސާރާ ނިކުމެލީ ސިޓިން ރޫމަށެވެ. އޭރު މާހިރު ގެއަކަށް ނާދެއެވެ. ސޯފާގައި އިށީދެލުމަށް ފަހު ޓީވީ ހުޅުވާލައިގެން ހިންދީ ޑްރާމާ ސީރީސް ބަލަން ސާރާ އިނީ ވަރަށް ޝައުގުވެރިކަމާއި އެކުއެވެ. މާހިރު އައިސް ގެއަށް ވައިން އިރުވެސް ސާރާއަށް ރޭކާވެސް ނުލިއެވެ. މާހިރު އައިސް ސާރާގެ ލޯ މަތީގައި އަތް އެޅާލިއެވެ. ސާރާ މާހިރުގެ އަތުގައި ހިފާލާފައި ފަހަތަށް އެނބުރި ބަލާލިއެވެ. " ތިހެން އިންދާ މީހަކު އައިސް ވަޅި ކޮށްޕާލިޔަސް ނޭގޭނެ ދޯ " މާހިރު ހިނިތުން ވެލަމުން ބުންޏެވެ. " ދެން އެހެންނު ވާނީ... ސާރާގެ ފެވަރިޓް ކެރެކްޓާ މަރުވީ" ސާރާ ދެރަ ވެލާފައި ބުންޏެވެ. މާހިރު އައިސް ސާރާގެ ކައިރީގައި އިށީދެލިއެވެ. " މީހަކު މަރުވެދާނެ ދޯ ހަމަ ... އެހެންވެތަ އެގޮއްޔެ ޖަހާފަ ހުރި ބުދެއްހެން އެހުރީ " މާހިރު ބުނެލިއެވެ. " ދެން ސަމާސަ ނުކޮށްބަ.. މީ ވަރަށް ސީރިއަސް ގަޑި އެކޭ" ސާރާ މާހިރުގެ އަތުގައި ޖަހާލަމުން ބުންޏެވެ. " މިސާލަކަށް އަހަރެން މަރުވެއްޖާ ސާރާއަށް އެވަރު ވާނެތަ ހަމަ ... މަށަށް ޔަގީނޭ ޑްރާމާގަ އުޅޭ ގޮއްޔަ ދެން އެހެން މީހަކާ ނުވެސް އިންނާނެކަން" މާހިރު ސާރާއާ ދިމާލަށް ބަލާލަމުން ބުނެލިއެވެ. " އަހަރެން މޮޔަ ވާނެނު... އުދަނގޫ ކުރާނެ މީހެއް ނެތިއްޔާ ކިހާ ދެރަވާނެ" ސާރާ ހެމުން ބުނެލިއެވެ.
" ސާރާ އިންނަންޗޭ އެހެން މީހަކާ... އަހަންނަށް ވުރެ އެ ފިރި މާ ރަގަނޅުވެސް ވެދާނޭނުން... އުދަނގުވެސް ނުކޮށްފާނެއްނު ހަމަ" މާހިރު ތުން ދަމާލާފައި ބުނެލިއެވެ. ދެމީހުން ސަކަރާތުގައި ތިބެފައި ނިދަން ވަނީ ވަރަށް ދަން ވި ފަހުންނެވެ.
ސާރާއަށް ހޭލެވުނީ މީހަކު ދޮރުގަ ޓަކި ޖަހާ އަޑަށެވެ. ލޯ ކަހަމުން ގޮސް ދޮރު ހުޅުވާލި އިރު ދޮރުމަތީގައި ހުރީ ޖަމީލާއެވެ. " އަދިވެސް ނުހޭލަނީތަ... 8:30 ވެ ބޮޑުވީ އެއޮށް...ދެން މާހިރަށް ތެދުވެގެން އޮފީހަށް ދެވޭނެ " ޖަމީލާ ކުދި ކިޔަމުން އެހެން ބުނުމަށް ފަހު ދިޔައެވެ.
ސާރާ އަވަހަށް ގޮސް މާހިރަށް ގޮވަން ފެށިއެވެ. " ދެން މަޑުކޮށްބަ މި ދަނީއޭ" މާހިރު މޫނު މަތީގައި ބާލިސް އަޅަމުން ބުންޏެވެ. "ހަމަ އަސްލުވެސް 9 ޖަހަނީއޭ އަހުމަދު މާހިރޫ... " ސާރާ ބާލިސް މާހިރުގެ މޫނު މަތިން ނަގާފައި ބުންޏެވެ. " މިއަދު އޮފީހަށް ދާކަށް ބޭނުމެއް ނޫން... ބޭނުންވަނީ މަގޭ ލޯބިވާ ކައިރީގަ ހުންނަން" މާހިރު މޯޅިއަކަށް ދެމިލަމުން ބުންޏެވެ. "ކޮންމެހެން އަހަރެން ގޯނި ފުލަށް ލާން އުޅޭނެކަމެއް ނެތް، އަވަހަށް ތެދުވޭ... މި އަންނަނީ ކޮފީއެއް ހިފައިގެން " ސާރާ އެހެން ބުނުމަށް ފަހު ކޮޓަރިން ނިކުމެގެން ދިޔައެވެ. ކޮފީ ތަށި ގިރައިގެން އައި އިރު މާހިރު ހުރީ ތައްޔާރު ވެގެންނެވެ. އަވަސް އަވަހަށް ހޫނު ކޮފީތަށި ބޯލުމަށް ފަހު މާހިރު އޮފީހަށް ދިއުމަށް ނިކުތެވެ. މާހިރު ދިޔުމުން ސާރާ އަވަސްވެގަތީ ސިޔާރާއަށް އެއްޗެއް ކާންދޭން ދާށެވެ. އިރުކޮޅެއް ނުވެ މީހަކު ދޮރު ހުޅުވާލި އަޑަށް ބަލާލި އިރު ދޮރުމަތީގައި ހުރީ މާހިރެވެ. "ތަޅުދަނޑި... ތަޅުދަނޑި" މާހިރު މޭޒާ ދިމާލަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ.
ސާރާ ގޮސް ތަޅުދަނޑި ދިއްކޮށްލުމުން މާހިރު ސާރާ އަތަށް ދަމާލާ ކައިރި ކޮށްލުމަށް ފަހު ސާރާގެ ގައިގައި ބައްދާލިއެވެ. ބައްދާލުމަށް ފަހު ސާރާގެ ނިތްކުރިއަށް ދޮނެއް ދިނެވެ. "މަންމަ.... " ސާރާ ހުރީ ލަދުން ހަނދާނެ ގޮތް ހުސްވެފައެވެ. އޭރު ގޮޑި ސީޓުގައި ޖަމީލާއިނީ އެ މަންޒަރު ބަލަހައްޓައިގެންނެވެ. ކޮންމެއަކަސް ގޭގެ ކުދި ކުދި މަސައްކަތް ކޮށްލުމަށް ފަހު މިއަދުވެސް މެންދުރު ވަގުތަށް ސާރާ ނިކުމެލީ އަތިރިމައްޗަށްށެވެ. އޭރު އިޝާ ސުކޫލަކުން ނާދެއެވެ. ސިޔާރާ ގޮވައިގެން އާއްމުކޮށް ސާރާ މި ގަޑީގައި އަތިރި މައްޗަށް ނިކުމެލާނެއެވެ. މެންދުރުގެ ހޫނު ވަގުތުގައި ހަށިގަނޑަށް ފިނި ކަމެއް ހޯދުމުގެ މަގުސަދުގައެވެ. އަތިރިމައްޗަށް ނިކުތް ވަގުތުގައިވެސް ޖަމީލާއާއި އާދަނު ބޮޑު އަޑުން ދިޔައީ ޒުވާބު ކުރަމުންނެވެ. އެއީ ކޮންމެ ދުވަހެއްގެވެސް ހާލަތެވެ. ތުއްތު ދެކުދިން އުޅޭ އިރު އެގޮތަށް އަޑުން އަޑުނަގާ ޒުވާބުކުރާތީ ސާރާ އެކަމާ ހުންނަނީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. އެހެން ނަމަވެސް އެ އުމުރުގެ މީހުންނަކަށް ނުވިސްނޭނެތާއެވެ.
އިޝާ ސުކޫލުން އަންނަ ގޮތަށް އެންމެ ފުރަތަމަވެސް ހޯދާނީ ސާރާއެވެ. ލައިސަމް އިޝާ ސުކޫލުން ގެނެސް ގެއަށް ލުމަށް ފަހު އޮފީހަށް ދިޔައެވެ. އޭގެ އިރުކޮޅެއް ފަހުން ދުވަމުން އިޝާ އަތިރި މައްޗަށް އަންނަ ތަން ފެނެއެވެ. އިޝާ ހުރީ ސުކޫލު ޔުނީފޯމުވެސް ބަދަލު ނުކޮށެވެ. ސާރާ ހުރީ އިޝާ ދުވެފަ އަންނަ މަންޒަރު ބަލަހައްޓައިގެންނެވެ. "ދަރިފުޅާ އިޝާ... ޔުނީފޯމު ވެސް ބަދަލު ނުކޮށް ތިއައީ... " ސާރާ ބުނެލިއެވެ. " މާމަ ރޮނީ ... މިއަދު ރޮނީ އެހެން ގޮތަކަށް ބައްޕިވެސް ގޮސްފި ވަރަށް ބާރަށް އިޝޫ ގެއަށް ލީ ގޮތަށް.. އިޝޫ ކައިރީގަ މަޑުވެސް ނުކުރޭ " އިޝާ ބުނެލިއެވެ.
"ތި ވާނީ ބައްޕި އޮފީހުގަ ކަމެއް ޖެހުނީ ކަމަށް ހިނގާދާން ޔުނީފޯމު ބަދަލުކުރަން "
ސާރާ ގެއަށް ދިޔައި އިރު ގޭގެ ދޮރުމަތީގައި ބައިވަރު ސައިކަލުތަކެއް ހުއްޓެވެ. ސާރާ ހީކުރީ ޖަމީލާމެން ޒުވާބުކުރާ އަޑަށް މީހުން އެއްވެފައި އޮތީ ކަމަށެވެ. ގެއަށް ވަންތް އިރު ޖަމީލާ އިނީ ރޯށެވެ. އޭރު ޖަމީލާގެ ކައިރީގައި ލައިސަމް ވެސް އިނެވެ. "ކިހިނެއް ވީ ލައިސަމް؟ މަންމަ ކީއްވެ ރޮނީ؟" ސާރާ އަހާލިއެވެ. ލައިސަމް އައިސް ސާރާގެ ކޮނޑުގައި ބޯ އަޅާލިއެވެ.
" ކިހިނެއް ވީ؟ ކޮބާ ދޮންބެ؟ ބައްޕައަށް ކަމެއް ވީތަ؟ ކޮބާ ބައްޕަ؟" ސާރާ ހާސްވާން ފެށިއެވެ.
" ހިނގާ ދާން ހޮސްޕިޓަލަށް.. އާސަންދަ ހަމަޖެހިގެން ގުޅައިފި... ސާރާ އާދޭ " މާހިރުގެ އެކުވެރި ވިޝާހު ބުންޏެވެ.
" ކިހިނެއްތަ ވީ... " ސާރާ ތަންކޮޅެއް ބާރަށް ބުންޏެވެ.
"ދޮންބެއަށް ސްޓްރޯކެއް ޖެހުނީ...ދޮންބެގެ ނެތް އެއްވެސް ކަމެއް ސާރާ..." ލައިސަމް ރޮމުން ބުނެލިއެވެ.
"ދޮގު ތި ހަދަނީ... ލައިސަމް އަށް އެބަ އިނގޭތަ ތި ކިޔޭ އެއްޗެއް؟ ކޮން ސްޓްރޯކެއް ؟ މިއަދުވެސް އޯކޭ " ސާރާ ރުޅިގަދަވެފައި ބުންޏެވެ.
ސާރާ ދުއްވައިގަތީ ހޮސްޕިޓަލާއި ދިމާލަށް ދިއުމަށެވެ. ސާރާގެ ފަހަތުން އެންމެން ސައިކަލުގައި އެ ދިމާލަށް ދިޔައެވެ. ހޮސްޕިޓަލަށް ދިޔައި އިރު މާހިރު އޮތީ އެމްބިއުލާންސް ތެރޭގައެވެ. ސާރާ ގޮސް އެމްބިއުލާންސަށް އެރިއެވެ. " ސަމާސާ ނުކޮށްބަ... މާހިރު.. ލޯ ހުޅުވަބަ " ސާރާ މާހިރުގެ މޫނުމަތީގައި ޖަހާލާފައި ބުންޏެވެ. އޭރު މާހިރު އޮތީ އޮކްސިޖެން ވެސް ގުޅާފައެވެ. ހާލަތު ސީރިއަސްކަމުން ޑރ އެންގީ ވަގުތުން މާލެ ގެންދިޔުމަށެވެ. ސާރާ ދިޔައީ އަޑުން އަޑު ނަގާފައި ރޮމުންނެވެ. އެމްބިއުލާންސް ގޮސް ބަނދަރުމަތީގައި މަޑުނުކުރެވެނީސް ދެން ފެނުނީ މާހިރު ފަހު ނޭވާއަށް ދެމިގެންތަނެވެ. ސާރާ ހުރީ ދެލޯ ބޮޑުވެފައެވެ. ކުރިމަތިން ފެންނަ މަންޒަރު ގަބޫލުކުރަން ދަތިވެފައެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 20 މެއި ވާ ހޯމަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ.
އެޑިޓަރުގެ ނޯޓް: އަލަށް ފެށިގެންދާ މި ވާހަކައިގެ އާ އެޕިސޯޑެއް ގެނެސްދެވޭނީ ހަފްތާގެ ކޮންމެ ހޯމަ އަދި ބުދަ ދުވަހެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް