ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތު ހިތްޕަވައި މަނީ ލޯންޑާ ކުރެއްވިކަން ސާބިތުވެފައިވާ ކުރީގެ ރައީސް ޔާމީނަށް އެ މައްސަލައިގަ ސުޕްރީމް ކޯޓުންވެސް މިރޭ ނާކާމިޔާބު ވެއްޖެ އެވެ.
އެ ކޯޓުގައި ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފު ކުރެއްވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިންގެ ގޮތުގައި ބަލައިނުގަތުމަށް އެދި ހެއްކާބެހޭ ގާނޫނުގެ ދަށުން އާ ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުސަތު ނުދޭން ނިންމި ނިންމުމާއި ބައެއް ލިޔުންތައް ހާމަކުރަން ނުޖެހޭނެ ކަމަށް ނިންމި ނިންމުމެވެ.
އެ މައްސަލަ އެ ކޯޓަށް ހުށަހެޅީ ކްރިމިނަލް ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ނިންމުމަށް ތާއީދު ކުރުމުންނެވެ.
ސުޕްރީމް ކޯޓުން މައްސަލަ ބެލުމަށް ފަހު ތިން ފަނޑިޔާރުންގެ އިއްތިފާގުން މިރޭ ކުރެއްވި ހުކުމުގައިވަނީ ހައިކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެހެން ނަމަވެސް ހައި ކޯޓުގެ ހުކުމަށް ވާސިލްވުމުގައި ހުރި ބައެއް ސަބަބުތައް ބާތިލް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ.
ފަނޑިޔާރު ސުއޫދުގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.
މި ގޮތަށް އެ ކޯޓުން ނިންމި އިރު ވ. އާރަށުގެ މައްސަލަވެސް އޮތީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް