މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުންނެވީ އެމްޑީޕީން ވަކިވެފައި ކަމަށް އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމައިފި އެވެ.
އެ ކޮމިޓީއަށް އޭނާގެ މައްސަލަ ހުށަހެޅީ އިދިކޮޅާއި ގުޅިގެން ރައީސް ސޯލިހާއި ސަރުކާރުގެ ދެ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގައި ހަރަކާތްތެރިވާތީ އާއި ޗާގޮސް މައްސަަލައިގަ ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރައްވާތީ އެވެ. އިތުރު ހަތަރު މެމްބަރަކަށް ފިޔަވަޅު އެޅުމަށްވެސް އެ ކޮމިޓީއަށް ހުށަހަޅާފައިވެ އެވެ.
އާޒިމްގެ މައްސަލަ ބެލުމަށް ފަހު އެ ކޮމިޓީން ނިންމާފައިވަނީ އޭނާގެ އަމަލުތައް ބެހެއްޓަވާފައިވާ ގޮތުން ފިޔަވަޅެެއް ނޭޅި ނަމަވެސް ޕާޓީން ވަކިވެފައިވާ ކަމަށެވެ. މި ނިންމުން ތަންފީޒު ކުރަން ޕާޓީގެ ސެކްރެޓޭރިއަޓަށް ހުށަހެޅުމަށް ކޮމިޓީން މިރޭ ނިންމި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ޕާޓީން ވަކި ކުރާނީ ރަސްމީކޮށް މާދަމާ އެވެ.
އިތުރަށް ފިޔަވަޅުއަޅައިދޭން އެދުނު މެމްބަރުންނަކީ
ހަސަން ލަތީފް (ހެންވޭރު ހުޅަނގު ދާއިރާ)
އިލްޔާސް ލަބީބް (ހުޅުދޫ ދާއިރާ)
ޔާސިރު އަބްދުއްލަތީފް (ކުޅުދުއްފުށި އުތުރު)
އިމްތިޔާޒް ފަހުމީ (މާފަންނު އުތުރު ދާއިރާ)
މި މެމްބަރުންނަށް ފިޔަވަޅު އަޅައިދޭން ޕާލަމަންޓްރީ ގްރޫޕުން އެދުނީ ތަކުރާރުކޮށް، ވިޕްލައިނާ ޚިލާފުވެފައިވާތީ އެވެ. އެކަމަކު މި ހަތަރު މެމްބަރުންގެ މައްސަލާގައި އަދި ގޮތެއް ނުނިންމަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް