އަނދުން ހުސެއިން ރައީސް ނަޝީދަށް ބޮޑެތި ތުހުމަތު ތަކެއް

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް ބޮޑެތި ތުހުމަތު ތަކެއް ކުރައްވައިފިއެވެ. އަނދުން ހުސެއިން ރ...

15 May 2023 | 17:19

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް ބޮޑެތި ތުހުމަތު ތަކެއް ކުރައްވައިފިއެވެ.

އަނދުން ހުސެއިން ރައީސް ނަޝީދަށް މި ތުހުމަތުތައް ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގެ ތެރޭގައި ފޮނުއްވި މެސެޖުތަކެއްގައެވެ.

އެގޮތުން އަނދުން ހުސެއިން ކުރެއްވި ތުހުމަތުތަކުގެ ތެރޭގައި ތިލަފުށީ ވޭސްޓް ޓު އެނާޖީ ޕްރޮޖެކްޓްގެ ކޮންސަލްޓެންސީ މިނިސްޓަރަށް ބިރުދައްކައިގެން ރައީސް ނަޝީދުގެ އާއިލީ ކުންފުންޏަކަށް ނެގި ކަމުގެ ތުހުމަތުގެ އިތުރުން އިތުރު ގިނަ ތުހުމަތުތަކެއް ކުރައްވާފައިވެއެވެ.

"އާއިލީ ކޮމްޕެނީތަކުން ސަރުކާރު ކިތައް މިލިޔަން ރުފިޔާގެ ޕްރޮޖެކްޓްތޯ ނަގައިގެން ތި ހުންނެވީ، އަޅުގަނޑަށް ސާފުނުވެއެއް ނޫން މި ހުންނަނީ" އަނދުން ހުސެއިން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މި ސަރުކާރުގެ ސޯލާ އެތައް ޕްރޮޖެކްޓެއް ރައީސް ނަޝީދު އާއިލީ ކުންފުންޏަކަށް ނަގާފައިވާކަމުގެ ތުހުމަތުވެސް ކުރައްވާފައިވެއެވެ.

އަނދުން ހުސެއިން ކުރައްވާ ތުހުމަތުތައް އިތުރަށް ކުރައްވަމުން، ފްލޯޓިން ސިޓީއާއި ގުޅުވައިވެސް ތުހުމަތުތަކެއް ކުރައްވާފައިވެއެވެ. އެގޮތުން ފްލޯޓިން ސިޓީއާއި ގުޅުވައި އެތައް ފަޅުތަކެއް ނެންގެވިކަމުގެ ތުހުމަތާއި ނުހިއްކާ ފްލޯޓިން ސިޓީ އަޅަން ނެގިހާ ފަޅުތައް ހިއްކާފައި ރިސޯޓް މާކެޓްގައި ވިއްކާލަނީ ފަޅެއް 19 މިލިޔަން ޔޫރޯގެ މަގުންކަމުގައި ތުހުމަތު ކުރައްވާފައިވެއެވެ. އަދި ސަރުކާރަށް އެކަމުން ލިބެނީ ޖީއެސްޓީކޮޅު އެކަނު ކަމުގައިވެސް ވިދާޅުވެފައިވެއެވެ. އަދި އެ ވިދާޅުވާ ފްލޯޓިން ސިޓީ ކޮބައިތޯ ސުވާލު ކުރައްވާފައިވެއެވެ.

އެ ތުހުމަތުތަކަށްފަހު އަނދުން ހުސެއިން ވިދާޅުވީ ހުރިހާ ފަޅެއްހެން ހިއްކާފައި ވިއްކާފައި ލާރިކޮޅު ކާލާފައިވާކަމަށާއި އެހެން ނަމަވެސް އެބުނާ ފްލޯޓިން ސިޓީއެއް ނުފެންނަ ކަމަށެވެ. އެހެން ވާހަކަތައް ދެން ދައްކަނީ ދެބޯގެރި ދުއްވަން ކަމުގައިވެސް އަނދުން ހުސެއިން ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް