ހުޅުމާލޭގެ މަގުތައް ރައްކާތެރި ތަނަކަށް ހެދުމަށް އަރބަންކޯ އިން މަސައްކަތްތަކެއް

ހުޅުމާލޭގެ މަގުތައް ރައްކާތެރި ތަނަކަށް ހެދުމަށް އަރބަންކޯ އިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފިއެވެ. މިކަން ހާމަކޮށް އާބަންކޯ އިން ބުނީ ހުޅުމާލޭގެ އާބާދީ އިތުރުވެ ކާރ...

15 May 2023 | 15:17

ހުޅުމާލޭގެ މަގުތައް ރައްކާތެރި ތަނަކަށް ހެދުމަށް އަރބަންކޯ އިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިކަން ހާމަކޮށް އާބަންކޯ އިން ބުނީ ހުޅުމާލޭގެ އާބާދީ އިތުރުވެ ކާރުބާރު ބޮޑުވުމާއި ގުޅިގެން އެކްސިޑެންޓްތައް ހިނގާ މިންވަރު މިވަނީ އިތުރުވެފައި ކަމަށެވެ.

އަދި މިކަމަށް ހައްލެއް ހޯދައިދިނުމަށް ކަމާބެހޭ ވުޒާރާތަކާއި ގުޅިގެން އަރބަންކޯ އިން މިހާރު އަންނަނީ މަސައްކަތް ކުރަމުންކަމަށެވެ.

މިގޮތުން، ވަގުތުން ގެނެވެން ހުރި ބަދަލުތައް ދެނެގަނެ، އެކްސިޑެންޓް ނުވަތަ ހެޑް އޮން ކޯލިޝަން މަދުކުރުމަށް ބޮޑެތި މަގުތަކުގެ މެދުގައި ޑިވައިޑަރުތަކެއް ހަރުކުރަން މިހާރު ވަނީ ނިންމާފައި ކަމަށް އާބަންކޯ އިން ބުނެފައި ވެއެވެ.

މިކަން ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޔޫ ޓާން ނަގާ ފަރާތްތައް ޤަވައިދާއި އެއްގޮތަށް އެކަން ކުރުމަށް ބާރު އެޅުން ކަމަށާއި މިކަން އަންގާދޭ ބޯޑުތައް ވެސް މަގުމަތީގައި ހަރުކުރުމަށް މިހާރު ވަނީ ހަމަޖެހިފައި ކަމަށް އާބަންކޯ އިން ބުނެފައި ވެއެވެ.

މީގެ އިތުރުން، ހިނގާފައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން އިތުރު ކުރުމަށް ޕެޑެސްޓްރިއަން ކްރޮސިންގ ލައިޓުތައް ހަރުކުރުމުގެ މަސައްކަތްތަކުގެ ދަށުން، ހުޅުމާލޭގެ 2 ސަރަހައްދެއްގައި ލައިޓް ހަރުކުރެވި ޓެސްޓިންގެ މަސައްކަތްތައް މިހާރު ދަނީ ކުރެވެމުން ކަމަށާއި މި ލައިޓްތައް ހުޅުމާލޭގެ ކާރު ބާރު ބޮޑު ޖުމްލަ 8 ސަރަހައްދެއްގައި ހަރުކުރެވިގެން ދާނެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

އާބަންކޯ އިން ބުނީ މަގުތަކުގެ ފްލޯއަށް ބަދަލު ގެނައުމަށް މިހާރު ދަނީ ފުލުހުންގެ އިދާރާއާއި އެކު މަޝްވަރާކުރެވި އެކަމުގެ މަސައްކަތްތައް ވެސް ކުރެވެމުން ކަމަށެވެ.

އަދި ބައެއް މަގުތަކުގެ ޓްރެފިކް ފްލޯ ބަދަލުކޮށް ވީހާވެސް ރައްކާތެރި އާއްމުންނަށް ފަސޭހަ ވާނެ ގޮތްތަކެއް މި މަސައްކަތްތަކުގެ ތެރެއިން ބަލާ، މަގުތަކުގެ ބަދަލުތައް ގެނެވޭނެ ކަމަށް އާބަންކޯ އިން ބުނެފައި ވެއެވެ.

އަރބަންކޯ އިން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ހުޅުމާލެ އަކީ ރައްކާތެރި މާހައުލަކަށް ހެދުމަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް