ޒަމާނީ ސްމާޓް ޕާކިން އާބަންކޯ އިން ތައާރަފު ކޮށްފި

ރާއްޖޭގެ އެންމެ ފުރަތަމަ ޒަމާނީ ސްމާޓް ޕާކިން އާބަންކޯ އިން ތައާރަފުކޮށްފިއެވެ. މިކަން ހާމަކޮށް އާބަންކޯ އިން މިއަދު ބުނީ ރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ޕާކިން ޒޯނެއް ގާއިމުކޮށް ހުޅުމާލޭގެ ފެރީ ޓާމިނ...

15 May 2023 | 12:47

ރާއްޖޭގެ އެންމެ ފުރަތަމަ ޒަމާނީ ސްމާޓް ޕާކިން އާބަންކޯ އިން ތައާރަފުކޮށްފިއެވެ.

މިކަން ހާމަކޮށް އާބަންކޯ އިން މިއަދު ބުނީ ރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ޕާކިން ޒޯނެއް ގާއިމުކޮށް ހުޅުމާލޭގެ ފެރީ ޓާމިނަލް ސަރަހައްދު ކައިރީގައިވާ ފިތުރޯނު ޕާކިން ޒޯން ސްމާޓް ޕާކިން ޒޯނަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ވަރަށް އަވަހަށް ސްމާޓު ޕާކިން ޒޯނުން ކާރު ޕާކު ކުރާނެ ޖާގަތައް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައި ކަމަށާއި ސްމާޓް ޕާކިންގެ ހާއްސަ ސިފަތައް އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭހެން ފަރުމާ ކޮށްފައިވާ މި ސްމާޓް ޕާކިންގައި ޕާކިންޖާގަ ކަށަވަރުކޮށްގެން ޕާކު ކުރަން އަންނަ ކާރުތަކުގެ ނަމްބަރު ބޯޑު ކޮމްޕިއުޓަރ ވިޝަން އިނޭބަލްޑް ކެމެރާއަކުން ރީޑުވެގެން އޮޓޯ ބޫމް ގޭޓު ހުޅުވޭނެ ކަމަށާއި މިގޮތަށް ހުށިޔާރުކަމާ އެކީގައި އޮޓޮމެޓިކުން ނަމްބަރު ބޯޑު ދެނެގަތުމަށް އެއްމެ ފަހުގެ ޓެކުނޮލޮޖީތަކުގެ ތެރޭގައި ހިމެނޭ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި)، އަދި މެޝިން ލާރނިންގ (އެމް.އެލް) ބޭނުންކުރެވޭނެ ކަމަށް އާބަންކޯ އިން ބުނެފައި ވެއެވެ.

މީގެ ސަބަބުން އިންސާނީ މުއާމަލާތަކާ ނުލައި އޮޓޮމެޓިކުން ފަސޭހަކަމާއެކު ކާރަށް ޕާކިން ޒޯނަށް ވަދެ އަދި ނިކުމެ ހެދޭނެއެވެ. މީގެ އިތުރުން މި ޒޯނުގައި ޕާކު ކުރާ އުޅަނދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ސައްވީސް ގަޑި އިރު ސީ.ސީ.ޓީ.ވީ ކެމެރާ މެދުވެރިކޮށް މޮނިޓަރ ކުރެވޭނެ ކަމަށް އާރބަންކޯ އިން ބުނެފައި ވެއެވެ.

ހަމައެކަނި ކާރު ޕާކު ކުރުމަށް ކަނޑައެޅިފައިވާ މި ސްމާޓް ޕާކިންގ ޒޯންގައި ކުރު މުއްދަތަށް ޕާކު ކުރަން އަދި ދިގު މުއްދަތަށް ޕާކު ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޖާގަ ތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ޖާގަތައް ހުންނާނެއެވެ. އަދި ކުރުމުއްދަތަށް ޕާކު ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ޕާކިން އެޕްލިކޭޝަނެއް ވަނީ ތައްޔާރު ކުރެވިފައެވެ. މި އެޕްލިކޭޝަންގެ ސަބަބުން ކުރުމުއްދަތަކަށް ޕާކު ކުރުމުގެ ކަންކަން ވަރަށް ބޮޑަށް ލުއި ފަސޭހަ ވެގެންދާނެއެވެ. އައިއޯއެސް އަދި އެންޑްރޮއިޑް ޑިވައިސް ތަކުގައި ބޭނުން ކުރެވޭ މި އެޕް ބޭނުން ކުރާ ފަރާތްތަކަށް ސްމާޓް ޕާކިން ޒޯންގައި ހުންނަ ހުސް ޕާކިން ޖާގަތައް، އަދި ޕާކު ކުރެވޭ އަގުތައް ވަގުތުން ފެންނަން ހުންނާނެއެވެ. އަދި ފަސޭހަކަމާއެކު އެޕް މެދުވެރިކޮށް ޖާގަ ރިޒާވްކޮށް ފައިސާ ދައްކާލެވޭނެއެވެ.

ޕާކިން ޖާގަ ހުސްވުމުން ނޮޓިފިކޭޝަންތަކާ، ޕާކިން ޖާގަޔާ ހަމަޔަށް ނެވިގޭޓުކޮށްދިނުމާ، ބޭނުން ކުރާ ފަރާތުގެ ޕްރޮފައިލް ވެސް މި އެޕް ގެ ޒަރީއާ އިން ފެންނާނެ ކަމަށް އާބަންކޯ އިން ބުނެފައި ވެއެވެ.

ފިތުރޯނު ޕާކިންގ ޒޯނަކީ އެއްމެ ފުރަތަމަ ސްމާޓް ޕާކިން ޒޯނު ކަމުގައި ވިޔަސް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި އިތުރު ސްމާޓް ޕާކިންގ ޒޯންތައް ހުޅުމާލޭގެ އެކި ސަރަހައްދު ތަކުގައި ތައާރަފު ކުރެވި ޕާކިންގެ ކަންކަމަށް އިންގިލާބީ ބަދަލެއް ގެނެވިގެން ދާނެ ކަމަށް އާބަންކޯ އިން ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް