މަރުޖުއާނާ ހައްދައިގެން އުޅުނު މީހަކު މާލެ އިން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މަރުޖުއާނާ އަމިއްލަ ގޭގައި ހައްދައިގެން އުޅުނު މީހަކު މާލެ އިން ހައްޔަރުކޮށްފިއެވެ. އެގޮތުން މި މައްސަލައިގައި ހޮނިހިރު ދުވަހު ހައްޔަރު ކޮށްފައި ވަނީ 29 އަހަރުގެ ދިވ...

15 May 2023 | 12:42

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މަރުޖުއާނާ އަމިއްލަ ގޭގައި ހައްދައިގެން އުޅުނު މީހަކު މާލެ އިން ހައްޔަރުކޮށްފިއެވެ.

އެގޮތުން މި މައްސަލައިގައި ހޮނިހިރު ދުވަހު ހައްޔަރު ކޮށްފައި ވަނީ 29 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކޯޓު އަމުރުގައި ބުނެފައި ވަނީ ގަލޮޅުގެ ގެއެއް ކައިރީ މަރުޖުއާނާ ގަހެއް ކަމަށް ތުހުމަތު ކުރެވޭ ގަހެއް ހުރުމުން ފުލުހުން އެގަސް ކައިރީ ތިއްބާ އެތަނަށް މީހަކު އައިސް އެއީ އޭނާގެ ގަހެއް ކަމަށް އެއްބަސްވި ކަމަށެވެ.

މީގެ އިތުރުން ގޭގެ ބެލްކަނީގައި ވެސް މަރުޖުއާނާ ގަސްތައް ހުންނާނެ ކަމަށް ބުނެ ފުލުހުންގެ ތަހްގީގަށް އެއްބާރުލުން ދޭނެ ކަމަށް އޭނާ ބުނެފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.

އަދި ބަލައި ފާސް ކުރުމަށް ފުލުހުންނަށް އެއްބާރުލުން ދޭނެ ކަމަށް ސޮއިކޮށް ފޯމްގައި އިނގިލީގެ ނިޝާން ވެސް ޖަހާފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.

ނަމަވެސް މި މައްސަލައިގައި ފަހުން ކޯޓުގައި އޭނާ ބުނީ ބަލައި ފާސްކުރަން އޭނާ ހުއްދަ ދީފައި ނުވާ ކަމަށެވެ.

ހަމައެހެންމެ ފުލުހުން އޭނާ އަށް އަނިޔާ ކުރިކަމަށާއި ބަލައި ފާސްކުރި ތަނުގައި ހުރި ތަކެއްޗަށް ވެސް ފުލުހުން ގެއްލުން ދިން ކަމަށް ކޯޓުގައި ބުނެފައެވެ.

މިގޮތުން ފުލުހުން ކޯޓަށް ހުށަހެޅި ހެކިތަކަށް ބިނާކޮށް އޭނާ ހައްޔަރު ކޮށްފައި ވަނީ އިޖުރާއަތުތަކާއި އެއްގޮތައް ކަމަށް ނިންމާ އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް