އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.
އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މަޖިލީހަށް ހުށަހެޅީ މިމަހުގެ 11 ވަނަ ދުވަހު އެވެ. މައްސަލަ ވެއްދީ ފިކުރެއްގެ ދިރުމާއި، ޕީއެންސީ، ޕީޕީއެމް، އެމްއެންޕީ އަދި ޖޭޕީ މެމްބަރުން ސޮއިކޮށެވެ.
މަޖިލީހުގެ އިދާރާއިން ކުރި ޓުވީޓެއްގައި ބުނީ އެޓާނީ ޖެނެރަލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ލިބިފައިވާ ކަމަށެވެ. މި މައްސަލަ ޤާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށް ގެންދެވޭނެ ކަމަށް ބުނެފައިވެ އެވެ.
ރިފްއަތާއި ދެކޮޅަށް އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދީ މިއަދު ކަމަށެވެ. އެ މައްސަލަ ހުށަހެޅީ ޗާގޮސް މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލާފައިވާ ކަމުގެ ތުހުމަތާއި އެކު އެވެ.
މައްސަލަ ހުށަހެޅި ކަނޑުވިއްކުމާއި ދެކޮޅު ކޯލިޝަންގެ މަޖިލީސް މެމްބަރުން ވިދާޅުވީ ޗާގޮސްގެ މައްސަލަ ކުރިއަށް ގެންދިޔަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ބަންޑާރަނައިބުގެ ހައިސިއްޔަތުން ރިފްއަތު ލީޑް ކުރެއްވި ގާނޫނީ ޓީމުން ވަކާލާތު ކުރީ ރާއްޖޭގެ ހިމާޔަތުގައެެއް ނޫންކަމަށެވެ.
ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތަކުން އެކި ފަރާތްތަކަށް ސަރުކާރުން ފައިސާ ދިން މައްސަލަ ވެސް ރިފްއަތާ ދެކޮޅަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލައިގައި ހިމަނާފައިވާ ކަމަށް ހުށަހެޅި މައްސަލައިގަ ބުނެފައިވެ އެވެ.
އެ ކޯލިޝަނުން ބުނީ މި މައްސަލައިގަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަންވެސް މަޖިލީހަށް ހުށަހަޅާނެ ކަަމަށެވެ.
މަޖިލީހުގައި، ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްވާނީ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ.
މިހާރު މަޖިލީހުގައި މެމްބަރުން ތިއްބެވި ސިޔާސީ ފިކުރަށް ބަލާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ55 މެމްބަރުން އެބަތިއްބެވި އެވެ. ޗާގޮސް މައްސަލައިގަ އުފެއްދި ކޯލިޝަންގައި ތިއްބެވީ28 މެމްބަރުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް