މާލެ ސިޓީގެ މަގުތަށް ބެލެހެއްޓުމުގެ މަސައްކަތް މަގުފާރަވެރިންނާ ހަވާލުކޮށްފި

މާލޭގެ މަގުމަތީގެ އެކި ކަންކަން ބަލަހައްޓަން ކޮމިޔުނިޓީ އެންގޭޖްމަންޓް ޔުނިޓެއް އުފައްދާ "މަގުފާރަވެރިން" ގެ ގޮތުގައި 78 މުވައްޒަފުން ނަގައި މަގުތަށް ބެލެހެއްޓުމުގެ މަސައްކަތް އެ މުވައްޒަފުންނާއި މާލެ...

15 May 2023 | 05:25

މާލޭގެ މަގުމަތީގެ އެކި ކަންކަން ބަލަހައްޓަން ކޮމިޔުނިޓީ އެންގޭޖްމަންޓް ޔުނިޓެއް އުފައްދާ "މަގުފާރަވެރިން" ގެ ގޮތުގައި 78 މުވައްޒަފުން ނަގައި މަގުތަށް ބެލެހެއްޓުމުގެ މަސައްކަތް އެ މުވައްޒަފުންނާއި މާލެ ސިޓީ ކައުންސިލުން ހަވާލުކޮށްފިއެވެ.

މަގުތައް ބެލެހެއްޓުމުގެ މަސައްކަތް ސިޓީ ކައުންސިލްގެ ފަރާތުން އެ މުވައްޒަފުންނާއި ހަވާލުކޮށްފައި ވަނި ރޭ ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެގޮތުން އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިއީ ބޮޑު ޒިންމާއަކާ އެކު އަލަށް ފަށާ ކަމެއް ކަމަށެވެ.

އަދި އެއީ ކައުންސިލުގެ ހުރިހާ މެމްބަރުން ވަރަށް ބޮޑަށް އުންމީދު ކުރަމުން އައި ކަމެއް ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ބުނީ ކޮމިޔުނިޓީ އެންގޭޖްމަންޓް ޔުނިޓްގެ ބެލެހެއްޓުމުގެ ކަންކަން ހަވާލުކޮށްފައި ވަނީ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ސައުދީ އާއި ކަމަށެވެ. މަގުފާރަވެރިންގެ ގޮތުގައި 18 އަންހެނުންނާއި 60 ފިރިހެނުން މަސައްކަތް ކުރާނެ ކަމަށް ސިޓީކައުންސިލުން ހާމަކުރެއެވެ.

ސިޓީ ކައުންސިލުން ބުނީ އެ މުވައްޒަފުންނަށް ހަވާލުކޮށްފައިވާ އެންމެ ބޮޑު ޒިންމާއަކީ އާންމުންނަށް ދިމާވާ އުނދަގުލުން ސަލާމަތްކޮށް، އިސްލާހުގެ މަގަށް ގެންދިއުން ކަމަށެވެ. މިގޮތުން މަގުމަތީގައި ކުނި ބަހައްޓާތޯ ބެލުމާއި، ޕެލެޓު ބަހައްޓާތޯ ބެލުމާއި މުދަލާއި ތަކެތި މަގުމަތީގައި ގަވާއިދާ ހިލާފަށް ބަހައްޓާތޯ ބެލުން ހިމެނެއެވެ. އަދި ޕާކް ކުރުމުގެ މައްސަލަތަކާއި ޓްރެފިކް ބާރުބޮޑު ވަގުތުތަކުގައި މަގުތައް ތޮއްޖެހުމުގެ މައްސަލަތައް ހައްލުކުރުމާއިއެކު އިމާރާތް ކުރާ ތަންތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ހިމެނޭހެން ހިނގާ މީހުންގެ ބޮލަށް ގޭގެއިން ފެން ފޭބުން ހައްލުކުރުން ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް