ޓެރަރިޒަމްގެ ދައުވާ ސާބިތުވެ ސައުދީގައި ތިން މީހަކު މަރަން ހުކުމް ކޮށްފި

ޓެރަރިޒަމްގެ ދައުވާ ސާބިތުވެ ސައުދީ އަރަބިއްޔާގައި ތިން މީހަކު މަރަށް ހުކުމް ކޮށްފި އެވެ. އެ ގައުމުގެ މިނިސްޓްރީ އޮފް އިންޓީރިއާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މަރަން ހުކުމް ކޮށްފައިވަނީ ...

15 May 2022 | 16:47

ޓެރަރިޒަމްގެ ދައުވާ ސާބިތުވެ ސައުދީ އަރަބިއްޔާގައި ތިން މީހަކު މަރަށް ހުކުމް ކޮށްފި އެވެ.

އެ ގައުމުގެ މިނިސްޓްރީ އޮފް އިންޓީރިއާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މަރަން ހުކުމް ކޮށްފައިވަނީ ސައުދީ ދެ ރައްޔިތުންނާއި ޔަމަނު މީހެއްގެ މައްޗަށް ކަމަށެވެ. އެ ތިން މީހުންނަކީ އިސްލާމީ ހަރުކަށި ފިކުރަށް ތާއީދުކޮށް ސައުދީގައި ޓެރަރިސްޓު ހަމަލާދޭން ރޭވި މީހުންނެވެ.

މީގެ ތެރެއިން ސައުދީ ފިރިހެނެއް ކަމަށްވާ މުހައްމަދު ބިން ހިދީރް ބިން ހާޝިމް އަލް އަވާމީގެ މައްޗަށް ސާބިތުވެފައިވަނީ ޓެރަރިސްޓު ޖަމާއަތަކާއި ގުޅިގެން އެ ގައުމުގެ ސަލާމަތީ ބާރުތަކަށް ހަމަލާދޭން ރޭވުމާއި ދޮގު ހަބަރު ފެތުރުމުގެ ދައުވާއެވެ. އާންމުންގެ ތަކެއްޗަށް ގެއްލުން ދިންކަމުގެ ދައުވާވެސް ސާބިތުވެފައިވެ އެވެ.

ދެން މި މައްސަލައިގަ ހިމެނޭ ސައުދީ މީހަކީ ހުސައިން ބިން އަލީ އަލްބޫ އަބްދުﷲ އެވެ. އޭނާ އާއި ދެކޮޅަށް ސާބިތުވެފައިވަނީ ޓެރަރިސްޓު ޖަމާއަތަކާއި ގުޅިގެން މަސައްކަތް ކުރުމުގެ ދައުވާ އާއި ސަލާމަތީ ބާރުތަކުގެ މީހަކު މަރާލި ދައުވާ އެވެ. ދެން ސާބިތުވީ ޓެރަރިޒަމަށް ފަންޑު ކުރުމާއި އެފަދަ ޖަމާއަތްތަކުން ހަތިޔާޜު ހޯދައިގެން ސަލާމަތީ ބާރުތަކާއި ދެކޮޅަށް ބޭނުން ކުރުމުގެ ދައުވާ އެވެ.

ޔަމަނު މީހާގެ މައްޗަށް ސާބިތުވީ ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި ސައުދީން ކަނޑައަޅާފައިވާ ހޫތީންނާއި ގުޅިގެން ސައުދީއަށް ހަމަލާ ދިނުމުގެ މަގުސަދުގައި އެ ގައުމަށް އެތެރެވިކަމެވެ. އަދި ހޫތީންނަށް ޖާސޫސްކޮށްދިނުމުގެ ދައުވާ އެވެ.

އެ ގައުމުގެ ކްރިމިނަލް ކޯޓުން ކުރި މި ހުކުމަށް އެޕީލް ކޯޓުންނާއި ސުޕްރީމް ކޯޓުން ތާއީދު ކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް