އައިޖީއެމްއެޗް ގައި މަސައްކަތް ކުރާ އެކި ޑިޕާޓްމަންޓުތަކުގެ ހާއްސަ ޑޮކްޓަރުންގެ ޓީމަކާއި، އެހެނިހެން މުވައްޒަފުން ހިމެނޭހެން ރާއްޖޭގެ ރީޖަނަލް ހޮސްޕިޓަލްތަކަށް ޒިޔާރަތްކުރުމަށް ނިންމައިފިއެވެ.
އައިޖީއެމްއެޗުން ބުނީ މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކިއެކި ރީޖަނަލް ހޮސްޕިޓަލްތަކަށް، 6 ޑިޕާޓްމަންޓަކުން ޑޮކްޓަރުންނާއި އެހެނިހެން މުވައްޒަފުން ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ޕްރޮގްރާމުގައި ހިމެނޭނީ ހިތުގެ ބަލިތަކަށް ޚާއްސަ، ކެންސަރު ބައްޔަށް ޚާއްސަ، ރޭޑިއޯލޮޖީ، ކަށީގެ ބަލިތަކަށް ޚާއްސަ، އެތެރެހަށީގެ ބަލިތަކަށް ޚާއްސަ އަދި ކުޑަކަމުދާ ނިޒާމާއި ބެހޭ ޑިޕާޓްމަންޓްގެ ޑޮކްޓަރުންނާއި އެހެނިހެން މުވައްޒަފުން ކަމަށް އައިޖީއެމްއެޗުން ހާމަކުރެއެވެ.
މިގޮތުން އައިޖީއެމްއެޗްގެ ސްޕެޝަލިސްޓް ޑޮކްޓަރުންނާއި އެހެނިހެން މުވައްޒަފުން ޒިޔާރަތްކުރުމަށް ހަމަޖެހިފައިވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް، އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، އަދި ގަން ރީޖަނަލް ހޮސްޕިޓަލް ހިމެނޭހެން ޖުމްލަ 6 ރީޖަނަލް ހޮސްޕިޓަލަށެވެ.
އައިޖީއެމްއެޗުން ބުނީ މި ޕްރޮގްރާމުގެ ދަށުން އެންމެ ފުރަތަމަ ޑޮކްޓަރުންނާއި މުވައްޒަފުންގެ ޓީމު ދަތުރުކުރާނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ކަމަށެވެ.
ހިތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި މުވައްޒަފުން ހިމެނޭ މި ޓީމު އެ ހޮސްޕިޓަލަށް ކުރާ ޒިޔާރަތުގައި ހޮނިހިރު ދުވަހުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް މަޑުކުރާނެއެވެ.
މީގެ އިތުރުން މިމަހުގެ 20،19 އަދި 21 ވަނަ ދުވަހު ކެންސަރުގެ ބަލިތަކަށް ހާއްސަ ޓީމެއްވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރާން ހަމަޖެހިފައިވާ ކަމަށް އައިޖީއެމްއެޗުން ހާމަކުރެއެވެ.
ރޭޑިއޯލޮޖީ ޑިޕާޓްމަންޓުގެ ޓީމު މިމަހުގެ 22،23،24 މި ތިން ދުވަހަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތްކުރާއިރު މިމަހުގެ 23،24 އަދި 25 ވަނަ ދުވަހު ކަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި މުވައްޒަފުންގެ ޓީމެއް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރަން ހަމަޖެހިފައި ވެއެވެ.
އަދި މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް އެތެރެހަށީގެ ބަލިތަކަށް ޚާއްސަ ޓީމު އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތްކުރާނެއެވެ.
އައިޖީއެމްއެޗް އިން ބުނީ، މި ހާއްސަ ޕްރޮގްރާމް ކުރިއަށްގެންދަން ހަމަޖެހިފައި ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ.
އެގޮތުން މި ޕްރޮގްރާމް ކުރިއަށްދާނީ މިހިނގާ މެއި މަހުން ފެށިގެން 2023 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ކަމަށް އައިޖީއެމްއެޗުން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް