ކުށްމަދު އަމާން މުޖުތަމައެއް ބިނާކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރައްޔިތުން ހޭލުންތެރިކުރުމަށް "ޕެޓްރޯލް" ގެ ނަމުގައި މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ މި ހިނގާ މެއި މަހު 13 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ޕްރޮގްރާމްގައި މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނާ ބައްދަލުކޮށް ކުށުން ރައްކާތެރިކުރުމަށާއި އާންމު ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން، ރަށުތެރޭގައި އާންމުކޮށް ހިންގާ ކުށްތަކާއި، އާންމުކޮށް ކުށްކުރާ ގަޑިތައް ރައްޔިތުންނާ ހިއްސާކޮށް، އެގަޑި ތަކުގައި އިތުރަށް ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ، މިހާތަނަށް ޒިރާޔަތްކުރި ގޭބިސީތަކާ ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
އަދި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމާއި އެފަދަ ކަމެއްގައި ނުޖެހި ސަލާމަތްވެތިބުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އޭގެ އިތުރުން، ބެންކުގެ ނަމުގައި ގުޅައިގެންވެސް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މަސައްކަތްކުރަމުންދާ ކަމާ އަދި އެގޮތަށް މީހަކު ގުޅިކަމުގައިވިޔަސް އެ މީހަކަށް ކޭޝްކާޑުގެ މައުލޫމާތު ހިއްސާ ނުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.
މީގެ އިތުރުން ފުލުހުން ވަނީ ކުށުގެ މާހައުލުގައި ހަރަކާތްތެރިވާ މީހުންނާ ގުޅޭގޮތުން ފާހަގަކުރެވޭ ކަމެއް ނުވަތަ ޝައްކުކުރެވޭ ކަމެއް ފެނިއްޖެނަމަ ލަސްނުކޮށް ފުލުހުންނާ ހިއްސާކުރުމަށް އިލްތިމާސްކޮށްފައެވެ.
އަދި ވައްކަންކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ އެއްވެސް މުދަލެއް ނުގަތުމަށާއި، އެއީ ކުށެއްކަމާ އަދި އެއީ ވައްކަން ކުރުމަށް ދެވޭ ހިތްވަރެއްކަމުގައި ބުނެދީ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
ފުލުހުން ބުނީ މި ޕްރޮގްރާމްގައި ގަމުއޭރިޔާގައި ހިމެނޭ ހުރިހާ ރަށެއްގެ ގޭބިސީއަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިއީ ގަން ޕޮލިސް ސްޓޭޝަނާއި ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ގުޅިގެން ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވާ ޕްރޮގްރާމެއް ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް