ލައިވް ސްޓްރީމް ކުރަމުން، ބަޑިޖަހައި، ކަޅު ނަސްލުގެ 10 މީހުން މަރާލައިފި

ލައިވް ސްޓްރީމް ކުރަމުން ބަޑިޖަހައި ކަޅު ނަސްލުގެ 10 މީހުން މަރާލައިފި އެވެ. މި ހާދިސާ ހިނގާފައިވަނޯ އިއްޔެ އެމެރިކާގެ ނިއުޔޯކް ސްޓޭޓްގެ ބަފެލޯ ސިޓީގެ ސުޕާމާކެޓެއްގައި އެވެ. ނިިއުޔޯކް ފުލުހުން މި މައް...

15 May 2022 | 05:46

ލައިވް ސްޓްރީމް ކުރަމުން ބަޑިޖަހައި ކަޅު ނަސްލުގެ 10 މީހުން މަރާލައިފި އެވެ.

މި ހާދިސާ ހިނގާފައިވަނޯ އިއްޔެ އެމެރިކާގެ ނިއުޔޯކް ސްޓޭޓްގެ ބަފެލޯ ސިޓީގެ ސުޕާމާކެޓެއްގައި އެވެ. ނިިއުޔޯކް ފުލުހުން މި މައްސަލައިގަ ހައްޔަރު ކުރީ 18 އަހަރުގެ ފިރިހެނެކެވެ.

މި ހާދިސާގައި 10 މީހުން މަރުވުމުގެ އިތުރުން ދެ މީހަކު ޒަހަމްވެފައިވެ އެވެ. އެ ދެމީހުންނަކީ އެ ސުޕާމާކެޓްގެ މުވައްޒަފުންނެވެ.

ތަހުގީގަށް މިހާތަނަށް އެނގުނު ގޮތުގައި ސުޕާމާކެޓް ތެރެއަށް ވަދެ އެމީހާ ބަޑިން ހަމަލާ ދޭން ފެށީ ނަސްލީތަފާތު ކުރުމުގެ ތެރެއިންނެވެ. އެމީހާގެ މައުލޫމާތާއި މައްސަލައިގެ އިތުރު ތަފްސީލް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެމީހާ ބަފެލޯ ސިޓީގެ އެ ސަރަހައްދަށް ދިޔައީ ކަޅު ނަސްލުގެ މީހުން މެރުމަށް ދިގު ދަތުރެއް ކޮށްފަ އެވެ. އަދި ސުޕާމާކެޓަށް ވަނުމާއި އެކު އަމިއްލައަށް ބަޑި ޖަހަމުން އެ މަންޒަރުތައް ލައިވް ސްޓްރީމް ކުރަން ފަށާފައިވާ ކަމަށްވެ އެވެ.

އޭނާގެ ހަމަލާއަކީ ނަސްލީ ކަމަކާއި ގުޅުން ހުރި ކަމެއްކަން އެނގުނީ ބަޑީ ޖަހަމުން ކަޅު ނަސްލުގެ މީހުންނަށް ނިސްބަތްކޮށް ހަޑިހުތުރު ބަހުން މުއާމަލާތް ކޮށްފައިވާތީ އެވެ. އަދި އެމީހާ އަކީ ހުދު ނަސްލުގެ ހައްދު ފަހަނައަޅާފައިވާ މީހުންނާއި ގުޅުން ބާއްވާ ޓެރަރިޒަމްގެ އެފަދަ އަމަލުތަކަށް ހިތްވަރުދޭ މީހެއްކަން އެނގިފައިވެ އެވެ.

އޭނާ އެތަނަށް ގޮސް ހަމަލާ ދިނީ ހެލްމެޓު އަޅައި ވަޒަން ނާރާ ކަހަލަ ހެދުމެއް ލައިގެންނެވެ. ބަޑި ޖެހީވެސް ވަރަށް ފިލްމީ ފާޑާކަށް ގޮތް ގޮތަށް ގުދުވެ އަރިއަރިއަށް އެނބުރެމުން ކަމަށް މަންޒަރު ދުށް މީހުން ބުނެފަވެ އެވެ.

މި ހާދިސާ އާއި ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ މަރުވި މީހުންނާއި ޒަހަަމްވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް