ކޮވިޑަށް ޕޮޒިޓިވް ވުމުގެ ސަބަބުން ދުނިޔޭގެޝަރަފުވެރި ފިލްމު ފެސްޓިވަލު ކަމަށްވާ ކޭންސް ފިލްމު ފެސްޓިވަލުގައި ބައިވެރިވުމުގެ ފުރުސަތު އަކްޝޭ ކުމާރަށް ގެއްލިއްޖެއެވެ.
ފްރާންސްގެ ކޭންސްގައި މި މޭއި މަހުގެ 17 އިން 28 އަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކޭންސް ފިލްމު ފެސްޓިވަލުގެ ރެޑް ކާރޕެޓްގައި ބައިވެރިވުމަށް ފުރުމަށް ހުރިހާ ކަމެއް ހަމަޖެހިފައި ވަނިކޮށް އަކްޝޭ ކޮވިޑަށް ޕޮޒިޓިވް ވިކަން ހާމަކޮށްފައިވަނީ ހޮނިހިރު ދުވަހުގެރޭ އޭނާ ކުރި ޓުވީޓެއްގައެވެ.
ކޭންސް ފިލްމު ފެސްޓިވަލުގައި އިންޑިއާ ޑެލިގޭޝަންގައި އަކްޝޭގެ އިތުރުން ގިނަ އަދަދެއްގެ ތަރިން ބައިވެރިވެއެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް ތަރިންގެ ތެރޭގައި ނަވާޒުއްދީން ސިއްދީގީ، ނަޔަންތަރަ، ޕޫޖާ ހެޖްޅޭ، ތަމަންނާ ބާޓިއާ، އޭއާރް ރަހްމާން އަދި އާރް މާދަވަން ހިމެނެއެވެ. އަދި އިންޑިއާގެ ޓީވީ ތަރިއެއްގެ ގޮތުގައި މަޝްހޫރުވި ހީނާ ހާންވެސް މިފަހަރު އޭނާގެ އިންޑިއާ އިނގެރޭސި ފިލްމު ކަންޓްރީ އޮފް ބަލައިންޑުގެ ޕޯސްޓަރ ލޯންޗުކުރުމަށް ބައިވެރިވާގޮތަށް ހަމަޖެހިފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އޭނާ މީގެ ކުރިން ކޭންސްގައި ބައިވެރި ވެފައިވަނީ 2019 އަހަރު އޭނާ ކުޅުނު ފުރަތަމަ ބޮލީވުޑް ފިލްމު ލައިންސްގެ ފަރާތުންނެވެ. އާރް މާދަވް ބައިވެރިވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު ރޮކެޓްރީ ދަ ނަމްބީ އެފެކްޓް ކޭންސް ފެސްޓިވަލުގައި ވޯލްޑް ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވާތީއެވެ.
ކޭންސް ފިލްމު ފެސްޓިވަލް މުޅިދުނީޔޭގެ ފިލްމުތަކަށް ހުޅުވާލީ 2002 ވަނަ އަހަރުގައެވެ. އޭގެ ފަހުން ކޮންމެ އަހަރަކުވެސް ކުރިއަށްއޮތް ފިލްމުތައް އިއުލާންކުރުމަށް ފްރާންސްގެ ކޭންސްގައި ކުލަގަދަ ހަފްލާތައް ބާއްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް