ފަސްވަނަ ވޮރަންޓް އޮފިސަރ ބޭސިކް ކޯހުގެ ދަރިވަރުން ދަސްވެނިވެއްޖެ

ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް (ސީޑީއެސްއެސް) އިން ހިންގި "ވޮރަންޓް އޮފިސަރ ބޭސިކް ކޯސް 5" ގެ ދަރިވަރުން ދަސްވެނިވެއްޖެއެވެ. އެމްއެންޑީއެފުން ބުނީ މި ކޯހަކީ، ޤާބިލްކަމާއި އިތުބާރާއެކު...

15 May 2022 | 04:28

ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް (ސީޑީއެސްއެސް) އިން ހިންގި "ވޮރަންޓް އޮފިސަރ ބޭސިކް ކޯސް 5" ގެ ދަރިވަރުން ދަސްވެނިވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މި ކޯހަކީ، ޤާބިލްކަމާއި އިތުބާރާއެކު މަސްޢޫލިއްޔަތު އަދާކުރުމަށް ވޮރަންޓް އޮފިސަރުންނަށް ބޭނުންވާ ޢިލްމާއި ހުނަރު ލިއްބައިދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ކޯހެއް ކަމަށެވެ.

މިގޮތުން، މި ކޯހުގައި ޓެކްޓިކަލް އަދި ޓެކްނިކަލް ޕްރޮފިޝެންޓް ލީޑަރުންގެ ގޮތުގައި އެމްއެންޑީއެފްގެ ދާއިރާތަކުގައި ވޮރަންޓް އޮފިސަރުންނަށް ލިއްބައިދޭން ޖެހޭ ޚާއްޞަ ތަމްރީނުތައް ދީފައިވެއެވެ.

މި ކޯހުގެ ފައިނަލް އެކްސަސައިޒް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ލ.ކައްދޫގައި ކުރިއަށް ގެންދިޔައިރު، ކޯހުގެ އެހެނިހެން ހުރިހާ ބައިތަކެއް ކުރިއަށް ގެންދިޔައީ ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައެވެ.

މީގެ އިތުރުން މި ކޯހުގައި ކިޔަވައިދިން މުހިންމު ބައިތަކުގެ ތެރޭގައި، މެރިޓައިމް ސްޓަޑީޒް، ލީޑަރޝިޕް އެންޑް ކައުންސިލިންގ، ލީގަލް ސްޓަޑީޒް، ވޯ ފައިޓިންގ އެންޑް ޓެކްޓިކްސް، މިލިޓަރީ ސްޓަޑީޒް، ޕްރިންސިޕަލްސް އޮފް އިކޮނޮމިކްސް، ސްޓެޓިސްޓިކްސް، ކްރިޓިކަލް ތިންކިންގ، ޓްރެއިނިންގ މެނޭޖްމަންޓް، ލޮޖިސްޓިކް އެންޑް ޕަބްލިކް ފައިނޭންސް، ބޭސިކް ސްކިލްސް، ވެޕަން ޓްރެއިނިންގ، ފިޒިކަލް އެޑިޔުކޭޝަން، ވޯޓަރމަންޝިޕް އަދި ހެވިކަން ހިމެނޭ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

މިކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ.

މިއަހަރުގެ ޖަނަވަރީ 16 އިން މޭ 14 އަށް ހިންގި މި ކޯހުން 14 ވޮރަންޓް އޮފިސަރުން ދަސްވެނިވުނުއިރު، ކޯހުގެ ދަރިވަރުން ވަނީ 8 އެވޯޑެއް ހާސިލުކޮށްފައެވެ.

މިގޮތުން، މި ކޯހުގެ އެންމެ ޝަރަފުވެރި އެވޯޑުކަމުގައިވާ ޑިސްޓިންގްއިޝްޑް އޮނަރ ގުރެޖުއޭޓް އެވޯޑް ހާސިލުކުރީ، ވޮރަންޓް އޮފިސަރ 1 މުޙައްމަދު ޢަލީއެވެ.

މި އެވޯޑުގެ އިތުރުން އޭނާ ވަނީ، ކޯހުގެ އެކަޑަމިކް އެވޯޑު ވެސް ހާސިލްކޮށްފައެވެ.

އެންމެ ހަށިހެޔޮ ފަރާތަށް ދޭ އެކްސެލެންސް އިން ފިޒިކަލް ފިޓްނަސް އެވޯޑް ހާސިލުކުރީ ވޮރަންޓް އޮފިސަރ 1 ޢަބްދުﷲ ސަޢީދެވެ.

85 އިންސައްތަ މަތިން މާކްސް ހޯދާ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހާސިލުކުރާ ފަރާތަށް ދޭ ޑިސްޑިންގްއިޝްޑް ގުރެޖުއޭޓް އެވޯޑް ހާސިލުކޮށްފައިވަނީ ވޮރަންޓް އޮފިސަރ 1 ފާތިމަތު އާޒިމާ އިބްރާހީމެވެ.

ކޯހުގެ ބެސްޓް ޝޮޓް އެވޯޑް ހާސިލުކުރީ ވޮރަންޓް އޮފިސަރ 1 އިބްރާހީމް ތަޢުފީޤާއި ވޮރަންޓް އޮފިސަރ 1 ޢަބްދުﷲ ސަޢީދެވެ.

އަދި ކޯހުގެ އައުޓްސްޓޭޑިންގ ފިޒިކަލް ފިޓްނަސް އެވޯޑް، ވޮރަންޓް އޮފިސަރ 2 އަޙްމަދު ފިޒާލް ރަޝީދު ހާސިލްކުރިއިރު، ކޯހުގެ ލީޑަރޝިޕް އެވޯޑް ހާސިލްކުރީ ވޮރަންޓް އޮފިސަރ 1 އިބްރާހީމް ތައުފީޤެވެ.

މި ރަސްމިއްޔާތުގައި، ކޯހުގެ ވަނަތައް ހާސިލުކުރި ފަރާތްތަކަށް އެވޯޑާއި ސެޓްފިކެޓްތައް ޙަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެޙުމާން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އަދި ސީޑީއެސްއެސްގެ ކޮމާންޑިންގ އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް ވައިޘް ވަޙީދެވެ.

ކޯހުގެ ދަސްވެނިވި ފަރާތްތަކަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ އެމްއެންޑީއެފް އޮފިސަރ ޓްރެއިނިންގ ވިންގގެ ކޮމާންޑިންގ އޮފިސަރ މޭޖަރ އިބްރާހީމް ޝާހިދެވެ..

މިކޯހުގެ ޕްލެޓޫން ލީޑަރ އަދި އެގްޒެކްޓިވް އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރެއްވީ، ވޮރަންޓް އޮފިސަރ 2 ސަލްމާ އިބްރާހީމެވެ. އެމްއެންޑީއެފުން ބުނީ މިއީ މިފަދަ ސީނިއަރ ކޯހެއްގެ މިހާ ޒިންމާދާރު މަޤާމެއް އަންހެން ކަނބަލަކު އަދާކުރި ފުރަތަމަ ފަހަރު ކަމަށެވެ.

މި ކޯސް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޔުނިޓުތަކުގެ ކޮމާންޑަރުންނާއި ސީޑީއެސްއެސްގެ ސީނިއަރ އޮފިސަރުން ބައިވެރިވެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް