ސޯޝަލް މީޑިއާ އަކީ މިހާރު ގިނަ ބައެއްގެ ދިރިއުޅުމުގެ ގިނަ ވަގުތުތަކެއް ހޭދަ ކުރާ ތަނެކެވެ. ރާއްޖޭގެ ބޮޑު އާބާދިއެއްވެސް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތައް ބޭނުން ކުރެއެވެ. އޭގެ ތެރޭގައި ފޭސްބުކް، އިންސްޓަގްރާމް، ޓިކްޓޮކް، ޓުވިޓާ އަދި ސްނެޕްޗެޓް ހިމެނެއެވެ.
މިފަދަ އެޕްލިކާޝަންތައް ބޭނުންކުރާ އިރު މީހާ މާބޮޑަށް ކަންކަމާ ހާސްވެ، ވިސްނާ ދެރަވާކަން ފާހަގަ ކުރެވޭ ހެއްޔެވެ؟
ތަޖުރިބާކާރުން ބުނާގޮތުގައި ސޯޝަލް މީޑިއާ މާގިނައިން ބޭނުން ކުރުމުގެ ސަބަބުން އަބަދު އެއަށް ދެވި ހިފާ، ސްކްރޯލް ކުރެވުމާއި މީހާއަށް ހާސްކަމާއި ނުތަނަވަސްކަން ގެނުވާ ހަބަރުތަކާއި މަންޒަރުތައް ހޯދުމުގައި ބޭއިހުތިޔާރުގައި ވަގުތުތައް ހޭދަކުރެވެއެވެ. ސޯޝަލް މީޑިއާ ޑިޒައިން ކޮށްފައި ހުންނަނީ އަހަރެމެން ހޯދާ އެއްޗަކަށްވުރެ އިތުރަށް ދައްކާ އޭގެ ތެރެއަށް ލަންބާލުމުގެ އުކުޅުތަކާއެކުއެވެ.
ޔުނިވަރސިޓީ އޮފް ބާތުގެ ދިރާސާއަކުން ދައްކާގޮތުގައި މީހާގެ ގޯސް މޫޑު ބަދަލުކޮށްލާ ހިތްހަމަޖެހުމާއެކު ނަފުސާނީ ދުޅަހެޔޮ ސިއްހަތެއް ބޭނުންނަމަ އެންމެ ރަނގަޅު ގޮތަކީ ސޯޝަލް މީޑިއާ އާ ދުވަސްކޮޅަކަށް ދުރަށްޖެހިލުމެވެ. ދިރާސާކުރާ ފަރާތްތަކުން ބުނަނީ އެކަމުގެ ސަބަބުން ފައިދާހުރި ގޮތުގައި ކަންކަން ކުރުމަށް ވަގުތުތަކެއް ލިބިގެން ގޮސް ނަފުސާނީ ދުޅަހެޔޮ ސިއްހަތަކަށް މަގުފަހި ވެގެންދާކަން އެންމެ ހަފްތާއެއްގެ ބުރޭކަކުންވެސް މީހާއަށް އިހުސާސް ކުރެވިގެންދާނެ ކަމަށެވެ. އެ ޔުނިވަރސިޓީއިން ކުރި މި ދިރާސާގެ ބައެއް ބައިވެރިންނަށް ހަފުތާއެއްގެ ސޯޝަލް މީޑިއާ ބުރޭކެއްގެ ސަބަބުން ހަފުތާއަކު ނުވަ ގަޑިއިރު އިތުރު ކަންކަން ކުރުމަށް ލިބުނުކަމަށް ބުނެފައިވެއެވެ.
މި ދިރާސާ ކުރުމަށްޓަކައި ޑރ.ލާމްބަރޓް އާއި ޓީމުން 18 އަހަރާއި 72 އަހަރާ ދެމެދުގެ އުމުރު ފުރައިގެ ސޯޝަލް މީޑިއާ ބޭނުންކުރާ 154 މީހަކު ވަނީ ބައިވެރި ކޮށްފައެވެ. މި މީހުން ދެ ގުރޫޕަކަށް ބަހާލުމަށްފަހު އެއް ގުރޫޕު ހަފުތާއެއްގެ ބުރޭކެއް ސޯޝަލް މީޑިއާއިން ނެގުމަށް އަދި ދެވަނަ ގުރޫޕު އަބަދުވެސް ބޭނުންކުރާ ގޮތަށް ބޭނުންކުރަމުން ގެންދިޔުމަށް އިރުޝާދު ދިނެވެ. ހަފްތާއެއްފަހުން އޭގެ ތެރެއިން ބުރޭކު ނެގި ޓީމުގެ ބައިވެރިންގެ އެންޒައިޓީއާއި ޑިޕްރެޝަންގެ މައްސަލަތަކަށް ލުއިކަން ލިބި ނަފުސާނީ ދުޅަހެޔޮކަމަށް ބަދަލު އައިކަން ދިރާސާއިން ދެއްކިކަމަށް ޑރ.ލާމްބަރޓުގެ ޓީމުން ބުނެފައިވެއެވެ.
ސޯޝަލް މީޑިއާއިން ބްރޭކް ނަގާނީ ކިހިނެއް؟
ތަޖުރިބާކާރުން ލަފާދޭ ގޮތުގައި ސޯޝަލް މީޑިއާ ބޭނުން ކުރަމުން ދާއިރު ތިމާއަށް އޭގެން ފައިދާއެއް ނުކުރާކަމަށް އިހުސާސް ކުރެވޭނަމަ އަދި މީހާގެ މޫޑު ގޯސްވާނަމަ އެންމެ ރަނގަޅުގޮތަކީ ސޯޝަލް މީޑިއާ ބޭނުން ނުކޮށް ދުވަސްކޮޅަކަށް އެއާ ދުރުވެލުމެވެ. އަދި އޭގެ ބަދަލުގައި ކުރާނެ ފައިދާހުރި ހިތްހަމަޖެހުން ގެނުވައިދޭ ކަންކަން ކުރުމެވެ.
ނިދާގަޑި ކައިރިވެފައިވަނިކޮށް ސޯޝަލް މީޑިއާ ބޭނުން ކުރުމުން ހަމަނިދި ނުލިބި ނިދުމުގައި އުނދަގޫތައް ދިމާވާކަމަށްވެސް ދިރާސާއިން ވަނީ ފާހަގަކޮށްފައެވެ.
ޔުނިވަރސިޓީ އޮފް ކެލިފޯނިއާގެ ޕްރޮފެސަރ ޑރ.އެލްސަން ހޯލްމަން ބުނެފައިވަނީ ސޯޝަލް މީޑިއާ އާއި ދުރުވުމަށް އޭގެ ބަދަލުގައި ކުރާނެ ރަނގަޅު ކަންކަން ހޯދިދާނެކަމަށެވެ. އެގޮތުން ފޮތް ކިޔުން ޕެޓް ޖަނަވާރެއް ގެންގުޅުން ފަދަ ކޮންމެވެސް ހޮބީއެއް ހޯދުން ރަނގަޅުވާނެ ކަމަށް އޭނާ ބުނެފައިވެއެވެ. އޭނާ ބުނެފައިވާ ގޮތުގައި ސޯޝަލް މީޑިއާގެ ސަބަބުން މީހާއަށް ލިބޭ ނޭދެވޭ ގެއްލުންތަކަށް ދާއިމީ ހައްލު ހޯދުމަށް ސޯޝަލް މީޑިއާ ބޭނުން ކުރުމަށް އެކަށީގެންވާ ވަކި ގަޑިތަކެއް ކަނޑައެޅުން މުހިއްމު ކަމަށެވެ. އެގޮތުން އޭގެން ލިބޭ ފައިދާއާއި ގެއްލުމަކީ ކޮބައިކަން ދެނެގަނެ ސޯޝަލް މީޑިއާ ބޭނުންކުރާއިރު ޓައިމަރ ޖައްސައިގެން ނަމަވެސް ވަގުތު ކަނޑައަޅާ، ގެއްލުން ލިބޭ މީހާއަށް ނޭދެވޭ އަސަރުކުރާ އެއްޗެހި ނުބެލުމަށް މިންގަނޑުތަކެއް ކަނޑައެޅުން މުހިއްމު ކަމަށެވެ.
މިސާލަކަށް ސޯޝަލް މީޑިއާ ބޭނުންކުރަނީ ހަބަރު ކިޔަން ނަމަ އެނޫން ގޮތަކަށް އެންމެ ފަހުގެ ހަބަރުތައްް ބަލާ ކިޔުމަށް މަސައްކަތް ކުރެވި ދާނެއެވެ. ނުވަތަ ސޯޝަލް މީޑިއާއަށް ވަންނަނީ މީހުންނާ ގުޅުން ބަދަހި ކުރަންނަމަ، އޭގެ ބަދަލުގައި ރައްޓެހިންނާއި އާއިލާ މެންބަރުންނަށް ގުޅައިގެން ވާހަކަ ދެއްކުން އަދި އަމިއްލަ ނަފުސަށް ފައިދާ ކުރާނެ ކަމެއް ކުރުމުގައި ވަގުތު ހޭދަކުރެވި ދާނެއެވެ.
ސޯޝަލް މީޑިއާ ބޭނުން ކުރުމުގައިވެސް ތިމާއަށް ގެއްލުން ނުވާގޮތަށް އެންމެ އެދެވޭ ގޮތުގައި ބޭނުން ކުރުމަށް އާދަކުރުމަކީ ނަފުސާނީ ދުޅަހެޔޮކަމަށް އެހީތެރިވެދީ ތިމާއަށް އޭގެ ސަބަބުން އެތައް ލުއިފަސޭހަކަމާއި ފައިދާ ލިއްބައިދޭނެ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް