ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާ ހާއްސަ ފިޔަވަޅެއްގެ ގޮތުން ހއ. ދިއްދޫއާއި ފ.ފީއަލީގައި ކާފިއު ހިންގަން ފަށަން ނިންމައިފި އެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެޗްޕީއޭއިން ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ އެ ދެ ރަށުގައި ކާފިއު ހިންގާނީ ރޭގަނޑު 9:00 ން ފަތިހު 4:00 އަށް ކަމަށެވެ. އެ ވަގުތު އެއްގަމު އުޅަނދު ދުއްވުމާއި އާންމު ތަންތަނަށް މީހުން ނުކުމެ އުޅުމަކީ މަނާ ކަމެކެވެ.
މި އެންގުމުގައި އެ ދެ ރަށުގައި ރަސްމިއްޔާތުތަކާއި ޕާޓީތަކާއި ހަފްލާތައް ބޭއްވުން ވަނީ މަނާކޮށްފަ އެވެ. ސެލޫންތަކާއި ޖިމްތަކާއި، ބޯކޮށާތަންތަން ބަންދު ކުރަން އަންގާފައިވެ އެވެ.
އެޗްޕީއޭއިން ބުނީ އާންމު ތަންތަނުގައި އެއްފަހަރާ އެއްކޮށް އުޅެވޭނީ ގިނަވެގެން ތިން މީހުންނަށް ކަމަށެވެ. އަދި އެއްގެއިން އަނެއް ގެއަށްޒ ޒިޔާރަތް ކުރުން މަނާކޮށްފައިވާއިރު ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ކުރިޔަށް ގެންދިއުން ވަނީ މަނާކޮށްފަ އެވެ.
މީގެ އިތުރުން ކެފޭ/ ރެސްޓޯރެންޓުތަކުން ހަމަ އެކަނި ޑެލިވަރީގެ ހިދުމަތް ދޭގޮތަށް ބަދަލުކޮށް ފިހާރަތަކުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުމަށް އަންގާފައިވެ އެވެ. ޔުނިވާސިޓީ އަދި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދިނުން ހުއްޓާލުމަށް އަންގާފައިވެ އެވެ.
ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ
ޚިދުމަތް ދިނުމަށް އެޗްޕީއޭއިން އަންގާފައި ވެއެވެ.
މި އެންގުންތައް ތަންފީޒު ކޮށް ރައްޔިތުން އަމަލު ކުރޭތޯ ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާތޯ ބެލުމަށް ފުލުހުންނަށް އަންގާފަވެ އެވެ.
މި ދެ ރަށުގައި ކާފިއު ހިންގަން ނިންމާފައި ވަނީ މާދަމާ (2021 މޭ6) އިން ފެށިގެން އެއް ހަފްތާގެ މުއްދަތަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް